އެލިއާއިން ވިއްކާ ޔަމަހާ ބްރޭންޑްގެ ސައިކަލްތަކެއް: އެލިއާ އިން އަލަށް ތައާރަފުކުރި ސްކީމްގައި ފުރަތަމަ އިންސްޓޯލްމަންޓާ އެކު މުދާ މިލްކުވާނެ
22 މެއި 2017 - 08:42
އިސްލާމީ ޝަރީއާ ހުއްދަކުރާ ގޮތަށް ބައްޓަންކޮށްފައިވާ ގަނެވިއްކުމުގެ ފައިނޭންސް ސްކީމް "އެލިޔާ ބައިއުއްތަގްސީތު" (އޭބީޓީ)، އެލިޔާ އިންވެސްޓްމެންޓްސް އިން އިއްޔެ ތައާރަފްކޮށްފި އެވެ.
ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ހަފުލާއެއްގައި ތައާރަފުކުރި މި ސްކީމުގެ ދަށުން އިންސްޓޯލްމަންޓަށް ނަގާ މުދަލަށް ފުރަތަމަ ޕޭމަންޓް ދައްކާ ހިސާބުން އެ މުދާ ކަސްޓަމަރަށް މިލްކުވާނެ އެވެ.
ސްކީމް ތައާރަފް ކުރައްވަމުން ހޯމް މިނިސްޓަރު އަޒްލީން އަހްމަދު ވިދާޅުވީ އެލިޔާ އަކީ ވާދަވެރިންނަށް މިސާލެއް ކަމަށެވެ. ވިޔަފާރީގެ މުއާމަލާތްތައް އެންމެ ފުރިހަމަ ގޮތުގައި މުސްލިމުންނަށް ކުރެވޭނޭ މަގު އެލިޔާއިން ފަހިކޮށްދޭތީ އެކަމަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ.
އޭބީޓީ ތައާރަފް ކުރުމަށް ފަހު އެލިޔާ ޝަރީއާ ކޮމިޓީގެ މުގައްރިރު ޑރ. އައިޝަތު މުނީޒާ ވިދާޅުވީ މިހާރު އާންމު ވެފައިވާ އިންސްޓޯލްމަންޓް ސިޔާސަތުތަކުން ރިބާ އަށް މަގުފަހިވާ ކަމަށެވެ. އޭގެ އެއް މިސާލަކީ ގަވާއިދުން ފައިދާ ނުދެއްކޭ ނަމަ ވަކި ފީއެއް ދައްކަން ޖެހުން ކަމާއި އެއީ އިސްލާމީ ޝަރީއަތުގެ މިންގަނޑަށް ބަލާއިރު ނެގުން އެދެވިގެންވާ ޕޭމަންޓެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
މުނީޒާ ވިދާޅުވި ގޮތުގައި އެލިޔާގެ މާލީ ސިޔާސަތަކީ ލޭޓް ޕޭމަންޓް ޖޫރިމަނާ ނުހިމެނޭ، ޝަރީއަތާ އަދި ބައިނަލްއަގްވާމީ ހަމަތަކާ ވެސް އެއްގޮތްވާ ގޮތަށް ބައްޓަން ކޮށްފައިވާ ސިޔާސަތެކެވެ.
މި ސްކީމްގެ ދަށުން ޔަމަހާ ބްރޭންޑްގެ މުދާ ވެސް އިންސްޓޯލްމަންޓަށް ނެގޭނެ އެވެ. އެލިޔާގެ ޔަމަހާ ޕްރޮޑަކްޓްސް ތެރޭ ސައިކަލާއި އައުޓްބޯޓް އިންޖީނާއި، މޫދު ސައިކަލު، އަދި ބަގީ ހިމެނެ އެވެ.
އެލިޔާ އިން ވަނީ 2013 ގައި "އިޖާރާ ސުންމަ އަލް ހިބާ" ގެ ނަމުގައި ވެސް މާލީ ސްކީމެއް ތައާރަފްކޮށްފަ އެވެ. އެއީ އެފަދަ ސްކީމެއް ރާއްޖޭގައި ތައާރަފްކުރި ފުރަތަމަ ފަހަރެވެ.
އިސްލާމީ ހަމަތަކާ އެއްގޮތްވާ ގޮތަށް ގަނެވިއްކުމުގެ ވިޔަފާރިކުރަން ވާދަވެރިންނަށް އިއްޔެގެ ރަސްމިއްޔާތުގައި އެލިޔާ އިން ގޮވާލި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާައަލީ
01 March 2019
ތިކަމުގާވެ އޮތީ އޮޅުވާލުން އަޅުގަނޑު އިސްލާމިކް ބޭންކަށް ގުޅާ ފައަހާލިން 65000ރ އަށް ދޭސައިކަލެއް ކިހާވަރެއް ހޭ ދައްކަން ޖެހެނީ ބުނީ 15000ރ އިތުރަށް ލާފަޔޯ ވިއްކަނީ އެއީ ބޭން ފައިދާ ލާފަޔޯ ރިބާ އަަށް އެނުވެޔޯ ކިހާރީތި.
ދޮންއާމިރު
23 May 2017
އިސްލާމީ އުސޫލުން ބޭރުން ސައިކަލް އިންސޮޓޯލްމެންޓަށް ދެވޭނެތޯ...
ކޮލޮމްބޯ
22 May 2017
'އިސްލާމީ ބޭންކް' އިން ވެސް ބުނަނީ ފައިސާ ނުދެއްކުނީމާ މި ނަގަނީ ކުޑަކުޑަ 'ފީ' އެކެވެ. ކިތަންމެ ކުޑަޔަސް، އެހެން ނަމެއް ކިޔަސް ރިބާ ވާނީ ރިބާ އަށެވެ.
ރަޝީދު
23 May 2017
ނަމުގެ ކުރިޔަށް 'އިސްލާމް' ލިޔަސް އިސްލާމް ނޫން އެއްޗެއް އިސްލާމެއް ނުވާނެއެވެ. 'އިސްލާމިކް' ކިޔާފައި ދެން އިންސޫރަންސް، ގޭމްބްލިންގ، ސްޕާ، ބާރ ވެސް ކިޔަންވީ ނޫންތޯއެވެ؟
ކެރޭމީހާ
22 May 2017
"އެއީ އިސްލާމީ ޝަރީއަތުގެ މިންގަނޑަށް ބަލާއިރު ނެގުން އެދެވިގެންވާ ޕޭމަންޓެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ." "އެދެވިގެންވާ ޕޭމަންޓެއް ނޫން" ސާފު ސާފުކޮށް ބުނެބަލަ އެ ޕޭމަންޓަކީ ރިބާ އޭ، ރިބާ އަކީ ޙަރާމް އެއްޗެކޭ..