ލިލީ އިންޓަނޭޝަނަލް އިން ދުނިޔޭގެ އެންމެ މަޝްހޫރު ކޮފީ ބްރޭންޑް ސްޓާބަކްސްގެ އުފެއްދުންތައް ރާއްޖެ އަށް މިއަދު ތައާރަފު ކޮށްފި އެވެ.
މި އުފެއްދުންތައް ރާއްޖެ އަށް ތައާރަފު ކުރީ، ދަރުބާރުގައި މިއަދު ކުރިއަށް ގެންދާ ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް)ގަ އެވެ.
ސްޓާބަކްސްގެ އުފެއްދުންތައް ތައާރަފު ކޮށްދެއްވުމަށް ފަހު، ލިލީގެ އެސިސްޓެންޓް ޑައިރެކްޓަ ފައިޒަލް އަލީ ވިދާޅުވީ މިއީ ވަރަށް ދުވަހުގެ މަސައްކަތުން ކާމިޔާބު ކުރެވުނު ކަމެއް ކަމަށެވެ.
ސްޓާބަކްސްގެ އުފެއްދުންތައް ވިއްކާނެ އަގެއް އަދި ހާމައެއް ނުކުރެ އެވެ.
ފައިޒަލް ވިދާޅުވީ ސްޓާބަކްސް ކޮފީގެ އަގު މާކެޓުގައި މިހާރު ހުރި ކޮފީތަކަށް ވުރެ ބޮޑު ވާނެ ކަމަށާއި ނަމަވެސް ވީހާ ވެސް ހެޔޮ އަގެއްގައި ވިއްކާނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް ޝިޕްމަންޓް ލިބުނީ ރޭގައި. ސީދާ އެމެރިކާ އިން އަޅުގަނޑުމެން މި ގެންނަނީ. އަދި ވިއްކާކަށް ނުހުންނާނެ. ވަރަށް އަވަހަށް އަޅުގަނޑުމެން ކަނޑައަޅާފައި ހުންނަ ފިހާރަތަކަށް ނެރޭނަން،" ފައިޒަލް ވިދާޅުވި އެވެ.
"ސްޓާބަކްސް މީހުން އައިސް މިކޮޅުގަ ސާވޭއެއް ހަދާފަ ދިޔައީ. އެކޮޅުން ހުއްދަ ދިނީ ވަކި ސެލެކްޓެކް ފިހާރަތަކާއި ކެފޭ ތަކުގައި ވިއްކަން،"
ރާއްޖޭގައި ސްޓާބަކްސްގެ އުފެއްދުންތައް ވިއްކާނީ ލިލީގެ ފިހާރަތަކުގެ އިތުރުން އެސްޓީއޯ ސުޕަމާޓާއި އަގޯރާ އިން ކަމަށް ވެސް ފައިޒަލް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ އުފެއްދުންތައް ވިއްކާނެ ކެފޭތައް އަދި ކަނޑައެއް ނާޅަ އެވެ.
ސްޓާބަކްސް ކޮފީގެ އިތުރުން އެ ބްރޭންޑްގެ ވޭފަލްސްއާ އާއި ނަޓްސް އަދި ޗިޕްސް ވެސް ރާއްޖޭގައި ވިއްކާނެ އެވެ.