މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލާފައިވާ، ގެދޮރު އަގު ހެޔޮކުރުމުގެ ލޯނު ސްކީމާ ބެހޭ ގަވާއިދަށް އަމަލުކުރަން ފަށައިފި އެވެ.

އަލަށް އަމަލުކުރަން ފެށި ގަވާއިދުގެ ދަށުން ހުރިހާ ބޭންކުތަކާއި، ފައިނޭންސް ކުންފުނިތަކުން ގެދޮރު ގަތުމަށް އިންޓްރަސްޓް ކުޑަކޮށް ލޯނު ދޫކުރަން ޖެހޭނެ އެވެ. މި ގަވާއިދަށް އަމަލު ކުރަން ފަށާފައިވަނީ އިއްޔެ، ގަވާއިދު ގެޒެޓު ކުރުމާއި އެކުގަ އެވެ.

ގަވާއިދުގައި ބުނެފައިވަނީ ޑައުންޕޭމަންޓަށް 20 ޕަސެންޓަށްވުރެ މަތީ އަދަދެއް ދައްކާ ނަމަ ލޯނުގެ އިންޓަރެސްޓް ރޭޓަކީ ފަސް ޕަސެންޓް ކަމަށެވެ. އަދި 10-20 ޕަސެންޓާ ދެމެދުގެ ޑައުންޕޭމަންޓެއް ދައްކާނަމަ ލޯނުގެ އިންޓަރެސްޓް ރޭޓަކީ 5.5 ޕަސެންޓް ކަމަށެވެ. ޑައުން ޕޭމަންޓް 5-10 ޕަސެންޓާ ދެމެދުގައި ނަމަ އިންޓަރެސްޓް ރޭޓަކީ ހަ ޕަސެންޓެވެ.

ލޯނުގެ ގޮތުގައި މި ގަވާއިދުގެ ދަށުން ދޫކުރާނީ އެއް މިލިޔަން ރުފިޔާ އާއި ދެ މިލިޔަން ރުފިޔާ އެވެ.

ލޯނުގެ ފުރަތަމަ 10 އަހަރުގެ ތެރޭގައި އިންޓަރެސްޓް ރޭޓަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ކަމަށް ވެސް މި ގަވާއިދުގައި ބުނެފައި ވެއެވެ. އަދި އޭގެ ފަހުން އިންޓްރަސްޓް ރޭޓަށް ބަދަލެއް ގެނެވޭނީ މާކެޓަށް އަންނަ ބަދަލަކާ ގުޅިގެން އެކަނި ކަމަށް ވެސް ބުނެފައި ވެއެވެ.

ގަވާއިދުގެ ދަށުން ދޫކުރާ ލޯނު ދައްކަން، މަދުވެގެން 25 އަހަރު ދޭން ޖެހެ އެވެ. ނަމަވެސް ލޯނު ނަގާ ފަރާތަކުން އެ މުއްދަތަށް ވުރެ ކުރިން ލޯނު ދައްކަން ބޭނުންވާ ނަމަ، އެ މީހަކު އެދޭ މުއްދަތެއް ހަމަޖައްސައި ދެވިދާނެ އެވެ.

ގަވާއިދާ ހިލާފުވާ އިދާރާތައް ޖޫރިމަނާ ކުރުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން ގަވާއިދުގެ މާއްދާއަކާ ހިލާފުވެ، އެކަމެއް އިސްލާހުނުކުރާ ކޮންމެ ދުވަހަކަށް އެ އިދާރާއެއް 2،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ.

ގަވާއިދުގެ ކުރިން ގެދޮރު ގަތުމަށް ލޯނު ދޫކުރާއިރު އެންމެ ކުޑަ އިންޓަރެސްޓް ރޭޓަކީ ނުވަ ޕަސެންޓެވެ. ނުވަ ޕަސެންޓްގެ އިންޓަރެސްޓް ރޭޓް ލިބޭނީ ޑައުންޕޭމަންޓަށް 50 ޕަސެންޓް ވަރު ދެއްކުމުންނެވެ.

ކުރީގެ ގަވަރުނަރު އަޒީމާ އާދަމް ވިދާޅުވެފައިވަނީ މި ގަވާއިދު ހާއްސަކޮށްފައި ވަނީ ގާކޮށިން ފްލެޓް ގަންނަ ފަރާތްތަކަށް ކަމަށެވެ. ނަމަވެސް، އެހެން ފަރާތްތަކަށް ވެސް ގަވާއިދުގެ ދަށުން ލޯނު ދޫކުރާނެ އެވެ.