ދުނިޔޭގެ ވިޔަފާރިއަށް ހުރި ހުރަސްތައް އިތުރުވެއްޖެ

ވިޔަފާރީގެ ގޮތުން އެންމެ ވަރުގަދަ 20 ގައުމު (ޖީ20) ގައި ވިޔަފާރިއަށް އަޅާފައިވާ ހުރަސްތައް ރެކޯޑު އަދަދަކަށް އިތުރުވެފައިވާ ކަމަށް ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިއުޓީއޯ) އިން ބުނެފި އެވެ.


ޑަބްލިއުޓީއޯއިން މި ގޮތަށް ބުނީ މި މަހު 28-29 އަށް ޖަޕާނުގައި ބާއްވާ ޖީ20 ސަމިޓާ ގުޅިގެން ނެރުނު ރިޕޯޓެއްގަ އެވެ. މި ރިޕޯޓުގައި ޖީ20 ގައުމުތަކުގައި އިމްޕޯޓު ވިޔަފާރިއަށް ހުރަސް އެޅުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

އިއްޔެ އާންމުކުރި ރިޕޯޓުގައި ބަޔާން ކޮށްފައިވާ ގޮތުން މިިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މި އަހަރުގެ މެއި މަހުގެ ނިޔަލަށް އެ ގައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކުގެ ނިސްބަތް މެއި 2012 އިން ފެށިގެން އެޅި ފިޔަވަޅުތަކަށް ވުރެ 3.5 ގުނަ ބޮޑު ބޮޑެވެ. އޭގެ ސަބަބުން 335.9 ބިލިއަން ޑޮލަރުގެ މުދަލަށް ގެއްލުން ވާނެ ކަމަށް ޑްބަލިއުޓީއޯއިން ލަފާކުރެ އެވެ.

ޑަބްލިއުޓީއޯގެ ޑިރެކްޓަ ޖެނެރަލް ރޮބާޓޯ އަޒްވީޑޯ ވިދާޅުވީ ޖީ20 ގައުމުތަކުން އެކަމާ މެދު ވިސްނާ ވީހާވެސް އަވަހަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. އަދި އޭގެ ސަބަބުން އެ ގައުމުތަކުގެ އިތުރުން ދުނިޔޭގެ ބާޒާރަށް އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއީ ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް ކަންބޮޑުވާން ޖެހޭ ކަންތައްތަކެއް. އެހެންކަމުން ޖީ20 ގައުމުތަކުން މި މައްސަލަތައް ހައްލުކުރަން ފިވަޅުތައް އަޅާތަން ވީހާވެސް އަވަހަށް ފެންނަން އެބަ ޖެހޭ. މި މައްސަލަ ހައްލުކުރުމުގައި އިންޓަނޭޝަނަލް ޓްރޭޑިން ސިސްޓަމްގެ ގަވާއިދުތަކަށް ބެލުމަކީ މުހިންމު ކަމެއް،" އަޒްވީޑޯ ވިދާޅުވި އެވެ.

މި އަހަރު ބާއްވާ ޖީ20 ސަމިޓުގައި ދުނިޔޭގެ ވިޔަފާރި ކުރިއަރުވަން ކުރެވޭނެ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.