ފްލައިމީ އަށް އިތުރު ބޯޓެއް ގެނެސްފި

ފްލައިމީ އިން އާ މަތިންދާބޯޓެއް މިއަދު ގެނެސްފި އެވެ.


ފްލައިމީގެ ފްލީޓަށް އިތުރު ކުރި މި ބޯޓަކީ އޭޓީއާރު 600-72 ގެ ބޯޓެކެވެ. މި ބޯޓު މިއަދު އެއާޕޯޓުގައި ޖެއްސުމުން އެމްއޭސީއެލުން ވަނީ ފެނުގެ ސެލިއުޓާ އެކު ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

ހަތްދިހަ ދެ ސީޓުގެ މި ބޯޓުގެ ސީޓުތަކަކީ ފަސިންޖަރުންނަށް ފަސޭހަ ކަމާއެކު ދަތުރު ކުރެވޭނެ ހެން ތައްޔާރުކޮށްފައިވާ ސީޓުތަކެކެވެ. އެގޮތުން، ކޮންމެ ސީޓެއްގެ ދޭތެރޭގައި 29 އިންޗީގެ ދުރުމިނެއް ހުރެ އެވެ.

ފްލައިމީގެ އާ ބޯޓުގެ އެތެރެ: މި ބޯޓުގެ ސީޓުތައް ޑިޒައިން ކޮށްފައިވަނީ ފަސިންޖަރުންނަށް ދަތުރު ކުރަން ފަސޭހަވާނެ ހެން-- ފޮޓޯ: ނިޝާން އަލީ/މިހާރު

ފްލައިމީ ހިންގާ ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޝިދު ވިދާޅުވީ އެ ކުންފުނީގެ ފްލީޓަށް އިތުރުވި މި ބޯޓުގެ ސަބަބުން ދަތުރުކުރަމުން އަންނަ މަންޒިލްތައް އިތުރުކުރުމަށް ފަސޭހަ ވާނެ ކަމަށެވެ. ކުރިއަށް އޮތްތާނގައި އިފުރު އެއާޕޯޓަށް ދަތުރު ކުރަން ފަށާނެ ކަމަށާއި މާފަރު އެއާޕޯޓު ހުޅުވުމާއެކު އެ އާޕޯޓަށް ވެސް ދަތުރުތައް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފްލީޓަށް ބޯޓުތައް އިތުރުކޮށް އަޅުގަނޑުމެން ދަތުރުކުރާ ރޫޓުތަކަށް ބަދަލުގެނެސް މަންޒިލްތައް ގިނަ ކުރުމަކީ އަޅުގަނޑުމެންގެ ޕްލޭނެއް. އެގޮތުން، ވަރަށް އަވަހަށް އިފުރަށް އަޅުގަނޑުމެން ދަތުރުތައް ފަށާނަން." ނާޗިދު ވިދާޅުވި އެވެ.

ފްލައިމީން ރާއްޖޭގެ އެތެރޭގެ އުދުހުންތައް ފަށާފައިވަނީ 2011 ވަނަ އަހަރު އެވެ. އަދި މިއަދާ ހަމައަށް އެ ކުންފުނިން ވަނީ އޭޓީއާރު 600-72 ތިން ބޯޓު ރާއްޖެ އަށް ގެނެސްފަ އެވެ. ފްލައިމީއަކީ މި މަރުކާގެ ބޯތެއް ރާއްޖެއަށް ގެނައި ފުރަތަމަ އެއާލައިނެވެ.

ފްލައިމީން އަންނަނީ ސީޕްލޭންގެ ހިދުމަތް ދިނުމުގެ ގޮތުން ޓްވިން އޮޓާގެ ދެ ސީޕްލޭން ގެނައުމަށް ތައްޔާރުވަމުންނެވެ. މި ހިދުމަތް ދޭން ނިންމާފައިވަނީ އެއާޕޯޓުގެ އާ ސީޕްލޭން ޓާމިނަލުގެ މަސައްކަތް ނިމުމުންނެވެ.