ސެމްސަންގުގެ އާ ފޯނުތައް ދިރާގުން ރާއްޖެ އަށް ތައާރަފު ކޮށްފި

ސެމްސަންގުން މިއަހަރު ނެރުނު އެ ކުންފުނީގެ އާ ފޯނު ސީރީޒް، އެސް 20 އާއި އެސް 20 ޕްލަސް އަދި އެސް 20 އަލްޓްރާ 5ޖީ ފޯނުތައް ދިރާގުން ރާއްޖޭގެ ބާޒާރަށް ރޭ ނެރެފި އެވެ.


ދިރާގު ހެޑް އޮފީހުގައި ބޭއްވި ރަސމިއްޔާތެއްގައި މި ފޯނުތައް ތައާރަފުކޮށްދެއްވީ ދިރާގުގެ ޗީފް މާކެޓިން އޮފިސަރު މަހުމޫދު ދަސަރު އާއި ސްރީ ލަންކާގެ ސެމްސަންގުގެ މެނޭޖިން ޑިރެކްޓަރު ކެވިން ޔޫ އާއި ދިރާގު ބްރޭންޑް އެމްބޭސެޑަރު ހަސަން ސާއިދެވެ. މި ފޯނުތަކަށް ޕްރިއޯޑާ ކުރުމުގެ ފުރުސަތު ވެސް މި ރަސްމިއްޔާތުގައި ދިރާގުން ވަނީ ހުޅުވާލައިފަ އެވެ.

ދިރާގުން ބުނީ ކަސްޓަމަރުންގެ ތެރެއިން އެސް 20 ފޯނު ގަންނަ މީހުންނަށް ހަ މަސް ދުވަސް ވަންދެން ކޮންމެ މަހަކަު 5ޖީބީ ހިލޭ ޑޭޓާ ލިބޭނެ ކަމަށެވެ. އަދިއެސް 20 ޕްލަސް އާއި އެސް 20 އަލްޓްރާ ގަންނަ މީހުންނަށް ހަ މަސް ދުވަސް ވަންދެން ކޮންމެ މަހަކު 10ޖީބީ ހިލޭ ޑޭޓާ އާއި އެންމެ ފަހުގެ ގެލެކްސީ ބަޑްސް ލިބޭނެ އެވެ. މި ހުރިހާ ފޯނުތަކަކީ ވެސް ދިރާގުގެ އީ-ސިމް ސަޕޯޓު ކުރާ ފޯނުތަކެވެ.

ސެމްސަންގުގެ އެންމެ ފަހުގެ އެސް 20 އަލްޓްރާ 5ޖީ އަކީ މިހާތަނަށް ދެކުނު އޭޝިއާގެ ބާޒާރަށް ސެމްސަންގުން ނެރުނު 5ޖީ ސަޕޯޓުކުރާ އެ ކުންފުނީގެ ފުރަތަމަ ފޯނެވެ. އެހެންވެ މި ފޯނަކީ ދިރާގުގެ ކަސްޓަމަރުންނަށް ވަރަށް ބޭނުންތެރި ފޯނަކަށް ވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ފޯނަށް 5ޖީ ސަޕޯޓްކުރުމުގެ އިތުރުން މިއީ 100 ގުނަ އަށް ޒޫމް ކޮށްލެވޭ 40 މެގަޕިކްސެލްގެ ސެލްފީ ނެގޭ ފޯނެކެވެ. އަދި 8ކޭ ގައި ވީޑިއޯ ކުރެވޭ މި ފޯނަކީ ލެޕްޓޮޕެއްގެ ގޮތުގައި، ފޯނުތައް ރިވިއުކުރާ މީހުން ބުނެފައިވެ އެވެ. އެހެންވެ، ގޭމު ކުޅޭ މީހުންނަށް ފަސޭހަ ކަމާ އެކު ލެޕްޓޮޕުން ކުޅެވޭ ކޮލިޓީގެ ގޭމުތައް ކުޅެވޭނެ އެވެ.

ދިރާގުން އަންނަނީ ދުނިޔޭގެ ބާޒާރަށް ނުކުންނަ އެންމެ ފަހުގެ ފޯނުތަކާއި ޑިވައިސްތައް ރާއްޖެ އަށް ތައާރަފު ކުރަމުންނެވެ. އެގޮތުން މިދިޔަ މަހު ވެސް އެ ކުންފުނިން ވަނީ ވާވޭ ގެ 5ޖީ ސަޕޯޓު ކުރާ ފޯނުތައް ރާއްޖޭގެ ބާޒާރަށް ނެރެފަ އެވެ.