މިދިޔަ އަހަރުގެ ޖުމްލަ އެކްސްޕޯޓަށް 21 މިލިއަން ޑޮލަރު އިތުރުވި

މިދިޔަ އަހަރު ނިމުނު އިރު އެކްސްޕޯޓަށް 21.4 މިލިއަން ޑޮލަރު އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އަހަރީ ރިޕޯޓުން ދައްކައިފި އެވެ.


މިދިޔަ އަހަރުގެ ތަފާސް ހިސާބުތަކުގެ ރިޕޯޓުގައިވާ ގޮތުން ރާއްޖެ އިން އެކްސްޕޯޓު ކުރި މިންވަރު ވަނީ ޖުމްލަ ހަ ޕަސެންޓުގެ ކުރިއެރުމެއް ހޯދައިފަ އެވެ. މިއާ އެކު ރާއްޖެ އިން މިދިޔަ އަހަރު އެކްސްޕޯޓު ކުރި ވަރު އުޅެނީ 361 މިލިއަން ޑޮލަރުގަ އެވެ. މިއީ 44 ޕަސެންޓް ޑޮމެސްޓިކް އެކްސްޕޯޓާއި 56 ޕަސެންޓުގެ ރީ-އެކްސްޕޯޓެވެ.

މިދިޔަ އަހަރުގެ ޑޮމެސްޓިކް އެކްސްޕޯޓު ދަށްވި ނަމަވެސް ޖުމްލަ އެކްސްޕޯޓް އެހާ ބޮޑަށް ކުރިއެރީ ރާއްޖޭގައި ރީ-އެކްސްޕޯޓު ކުރުން އިތުރުވުމުގެ ސަބަބުންނެވެ. އެގޮތުން ރީ-އެކްސްޕޯޓުން 29 ޕަސެންޓުގެ ކުރިއެރުމެއް ހޯދާފައިވެ އެވެ. އެއީ ޖުމްލަ 202 މިލިއަން ޑޮލަރުގެ ރީ-އެކްސްޕޯޓެވެ. ރީ-އެކްސްޕޯޓު އެންމެ ގިނައިން ކޮށްފައިވަނީ އެއާލައިންތަކަށް ބޭނުންވާ ޖެޓް ފިއުލެވެ. މީގެ އެންމެ ބޮޑު ސަބަބަކީ ރާއްޖެ އަށް އަންނަ ފްލައިޓްތައް އިތުރުވެ، އިންޓަނޭޝަނަލް ދަތުރުތައް ގިނަ ވުމެވެ.

ރާއްޖޭގެ ޖުމްލަ އެކްސްޕޯޓުގެ 95 ޕަސެންޓަކީ މަހުގެ ބާވަތްތައް ކަމަށްވާ އިރު މިދިޔަ އަހަރު މަހުގެ އެކްސްޕޯޓުން ވަނީ 158 މިލިއަން ޑޮލަރު ދަށްވެފަ އެވެ. މީގެ އެންމެ ބޮޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި މަހުގެ ބާވަތްތަކުގެ އަގު ދަށްވުން ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.

ރާއްޖެ އިން އަބަދުވެސް އެންމެ ގިނައިން އެކްސްޕޯޓު ކުރަނީ ގަނޑުކުރި ކަޅުބިލަ މަހެވެ. މިދިޔަ އަހަރު ޖުމްލަ އެކްސްޕޯޓުގެ 29 ޕަސެންޓް މި ބާވަތް ހިއްސާ ކުރެ އެވެ. މީގެ އިތުރުން އެކްސްޕޯޓުގެ 23 ޕަސެންޓަކީ ދަޅުމަހެވެ. އަދި 27 ޕަސެންޓަކީ ފިނި ކުރި ކަންޏެއްޔެވެ.

ޖުމްލަ އެކްސްޕޯޓުން ކުރިއެރުމެއް ލިބުނު ނަމަވެސް މިދިޔަ އަހަރު ރާއްޖެ އަށް އިމްޕޯޓުކުރި ވަރު ވަނީ ދެ ޕަސެންޓަށް ދަށަށް ޖެހިފަ އެވެ. މިދިޔަ އަހަރު ނިމުނު އިރު ރާއްޖެ އަށް 2.9 ބިލިއަން ޑޮލަރުގެ މުދާ އެތެރެ ކުރި އިރު މެޝިނަރީ ފަދަ ސާމާނު އިމްޕޯޓު ކުރި ވަރު ވަނީ 29 ޕަސެންޓް ދަށްވެފަ އެވެ. މީގެ އިތުރުން ކޮންސްޓްރަކްޝަން ސާމާނު އިމްޕޯޓުކޮށްފައިވާ ވަރު ވެސް މަދެވެ. ރާއްޖެ އަށް އެންމެ ގިނައިން އެތެރެ ކުރަނީ ކާބޯތަކެއްޗާއި ކޮންސްޓްރަކްޝަން ސާމާނާއި ތެލެވެ.