ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) ގެ ރައީސް ކަމަށް ކާނި ހޮޓެލްސްގެ ސީއީއޯ އަބްދުﷲ ނަޝީދު ހޮވައިފި އެވެ.

ގޭމްގެ ރައީސް ކަމަށް ނަޝީދު ހޮވުނީ އިއްޔެ ސޯޝަލް ސެންޓަރުގައި ބޭއްވި އެ ޖަމިއްޔާގެ ވޯޓު ލުމުގައި ބައިވެރިވިި 51 މެމްބަރުންގެ އައުލަބިއްޔަތުންނެވެ. އެ މަގާމަށް ކުރިމަތިލީ އޭނާ އެކަނި ކަމަށް ވާތީ މެމްބަރުންގެ މެދުގައި ނެގީ ފެންނަ ނުފެންނަ ވޯޓެކެވެ.

ނަޝީދު "މިހާރު"އަށް ވިދާޅުވީ އޭނާ މަސައްކަތް ކުރައްވާނީ ކުދި ގެސްޓްހައުސްތައް ޕްރޮމޯޓްކޮށް، ގޭމްގެ ހިންގުް ހަރުދަނާ ކުރުމަށް ކަމަށެވެ. އަދި ކުރިއަށް އޮތްތާނގައި ރާއްޖޭގެ ގެސްޓުހައުސް ޓޫރިޒަމް ކުރިއެރުވުމަށް ދުނިޔޭގެ އެކި ގައުމުތަކުގައި ބާއްވާ ފެއާތަކުގައި ވެސް ބައިވެރިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ވެސް ވިޔަފާރި ފެށީ ކުޑަ ގެސްޓްހައުސްއަކުން. އަޅުގަނޑަށް މިހާ ހިސާބަށް އާދެވޭ ނަމަ ކޮންމެ މީހަކަށް ވެސް އާދެވޭނެ. އެހެންވީމާ އަޅުގަނޑު ބޭނުންވަނީ ކުދި ގެސްޓްހައުސްތަކަށް އެހީވެ އެ ތަންތަން ދުނިޔޭގެ ފެންވަރުގައި މާކެޓް ކޮށްދޭން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ދުނިޔޭގެ ފެންވަރުގައި ރާއްޖޭގެ ކުދި ގެސްޓްހައުސްތައް މާކެޓް ކުރުމަށް ގެސްޓްހައުސް ވިޔަފާރިވެރިންގެ އެއްބާރުލުން ބޭނުންވެ އެވެ. އެގޮތުން، މި ވަގުތު ހުޅުވާފައި ހުރި ގެސްޓުހައުސްތަކުން ޓޫރިސްޓުންނަށް ރަނގަޅު ހިދުމަތެއް ދީ "ރިވިއު" ރަނގަޅު ކުރަން މަސައްކަތް ކުރުމަށް ނަޝީދު އެދިވަޑައިގަނެ އެވެ.

އިއްޔެ ބޭއްވި އިންތިހާބުގައި ނަޝީދުގެ އިތުރުން ގޭމްގެ އެކްސްކޯގެ އެހެނިހެން މަގާމުތަކަށް ވެސް މެމްބަރުން ވަނީ ހޮވައިފަ އެވެ.

އެކްސްކޯ އަށް ހޮވުނު މެމްބަރުން

- ނައިބު ރައީސް: ހަމްޒާ ގާސިމް

- ސެކްރެޓަރީ ޖެނެރަލް: ސައުދުﷲ އަހުމަދު

- ކޯޕަރޭޓް އެފެއާޒް: ރާއިފް ޝާޒް ވަލީދު

- އެކްސްކޯ މެންބަރުން: އަހުމަދު ވަހީދު، އަހުމަދު ސަމާހު