އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގެ އިރުމަތީ ފަރާތުން ދޫކުރި ގޯތިތައް އަނބުރާ ކައުންސިލަށް ނަގަން ނިންމައިފި އެވެ.
އައްޑޫ މޭޔަރު އަލީ ނިޒާރު "މިހާރު"އަށް ވިދާޅުވީ ހޮސްޕިޓަލު ކައިރިން ބިންތައް ދޫކޮށްފައި ހުރީ ޕްލޭނެއް ނެތި ތޮއްޖެހޭ ގޮތަކަށް ކަމަށެވެ. އަދި އެ ހޮސްޕިޓަލަކީ އެކި ރަށްރަށުން ގިނަ ބަޔަކު އަންނަ ތަނަކަށްވުމުން އެތާ ކައިރީގައި މީހުން ދިރިއުޅޭ ގެތައް ހުރުން ރައްކާތެރި ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ނިޒާރު ވިދާޅުވީ ކައުންސިލުން ގޯތި އަނބުރާ ނަގަން ނިންމި ނަމަވެސް ގޯތި ލިބުނު މީހުންނަށް ބަދަލުގައި ހޮސްޕިޓަލު ކައިރިން އެހެން ސަރަހައްދަކުން ގޯތި ދޫކުރާނެ ކަމަށެވެ.
"މިހާރު އިޖުތިމާއީ ކަންކަމަށް ބިމެއް ނުހުރޭ. ވަރަށް ކޮންޖެސްޓްކޮށް ގޯތި ދޫކޮށްފައި ހުރީ. މި ނަގާ ގޯތީގެ ބަދަލުގައި ހަމަ ހޮސްޕިޓަލު ކައިރިން މާ ރަނގަޅު ބްލޮކަކުން ގޯތި ދޭނެ،" ނިޒާރު ވިދާޅުވި އެވެ.
ހޮސްޕިޓަލު ކައިރިން ދޫކުރި 40 ގޯތި ކައުންސިލަށް ނަގާނެ އެވެ. މި ގޯތިތަކަކީ 2،000-2،500 އަކަފޫޓުގެ ގޯތިތަކެކެވެ. ނަމަވެސް އަލުން ދޫކުރާ ގޯތިތަކަކީ 3،000 އަކަފޫޓުގެ ގޯތިތައް ކަމަށް ނިޒާރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގޯތިތައް ނެގުމަށްފަހު އެތަންތަން ދޫކުރާނީ ވިޔަފާރިތަކަށާއި އިޖުތިމާއީ ކަންކަމަށް ކަމަށެވެ. އަދި ހޮސްޕިޓަލުގެ ޖާގަ ބޮޑު ކުރަން ވެސް މި ބިންތައް ބޭނުން ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.