އިނގިރޭސި ޕްރިމިއާ ލީގު ނުވަތަ ޗެމްޕިއަންޝިޕް ކްލަބެއް އޮފް ސީޒަނުގައި ރާއްޖެ ގެނައުމުގެ މަސައްކަތް ނިއު ރޭޑިއަންޓުގެ އާ އެގްޒެކެޓިވް ބޯޑުން ފަށައިފި އެވެ.
ނިއުގެ ޗެއާމަންގެ މަގާމާ މިރޭ ހަވާލުވެވަޑައިގެންނެވި ސިފައިންގެ ކުރީގެ ކާނަލް މުހައްމަދު ޒިޔާދު ވިދާޅުވީ ކްލަބް ދެމެހެއްޓެނެވި ގޮތެއްގައި ހިންގުމަށް ފައިސާ ހޯދުމަށްޓަކައި ތަފާތު ގިނަ ހަރަކާތްތައް ރާވަމުން އަންނަ ކަމަށާއި މިއީ އޭގެ ތެރެއިން އެއް ހަރަކާތް ކަމަށެވެ.
"އިނގިރޭސި ޕްރިމިއާ ލީގު ނުވަތަ ޗެމްޕިއަންޝިޕް (ދެ ވަނަ ޑިވިޝަން) ކެޓަގަރީގެ ޓީމެއް އޮފް ސީޒަނުގައި ރާއްޖެ ގެނެެސް (މެޗުތަކެއް ކުޅެން) ވާހަކަދައްކަމުން މި އަންނަނީ. މި ބަލަނީ މީގެ ތެރެއިން ކޮންމެވެސް އެއް ޓީމެއް މި އަހަރު ރާއްޖެ ގެނެވޭތޯ. އެގޮތުން އޭގެ ތެރެއިން އެއް ކްލަބުގެ އޯނަރާ (އަންނަ ހަފުތާގައި) ބައްދަލުކުރަން ހަމަޖެހިފައިވަނީ،" ޒިޔާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ނިއު އަށް ވަރަށް ހާއްސަ ކުޅުންތެރިޔަކު ސޮއިކުރަން މި މަހު 16 ނުވަތަ 17 ވަނަ ދުވަހުގެރޭ ބާއްވާ ހަފުލާގައި، މިކަމުގެ ތަފްސީލް އަދި މިކަމާ ގުޅޭ ޔަގީންކަމެއް ސަޕޯޓަރުންނަށް ދޭނެ ކަމަށެވެ.
ޒިޔާދު ވިދާޅުވީ ރާއްޖޭގައި އެންމެ ސަޕޯޓަރުން ގިނަ ކްލަބަކަށް ނިއު ވާތީއާ އެކު، ވަރަށް ގިނަ ކުންފުނިތަކުގެ ވެރިންގެ ތެރޭގައި ނިއުގެ ސަޕޯޓަރުން ހިމެނޭ ކަމަށާއި އެ ފަރާތްތަކުގެ އެހީ ލިބެމުން އަންނަ ކަމަށެވެ. އެނގިފައިވާ ގޮތުގައި، ކްލަބުގެ ބޯޑަށް ނައި ނަމަވެސް ރާއްޖޭގެ މަޝްހޫރު ތިން ވިޔަފާރި ކުންފުންޏަކުން ވަނީ ނިއު އަށް މާލީ ގޮތުން ވަރަށް ބޮޑު އެހީތަކެއް ދޭން ނިންމައިފަ އެވެ.
"އަޅުގަނޑުމެންގެ އެންމެ ބޮޑު މަސައްކަތަކަށްވާނީ ކްލަބް ދެމެހެއްޓެނެވި ގޮތަކަށް ހިންގުން. އެކަމަށްޓަކައި ކްލަބުގެ ހިންގުން ހަރުދަނާކުރަން ޖެހޭ. އިދާރީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވެސް. އެކަމަކުގެ ތަޖުރިބާކާރުން ބޯޑުގައި އެބަތިބި. ކްލަބަށް ފަންޑްރައިޒް ކުރުމަށާއި ސަޕޯޓަރުން އިތުރުކޮށް ދެމެހެއްޓުމަށް ވަރަށް ގިނަ އެކްޓިވިޓީސްތަކެއް ވަނީ ރޭވިފައި،" ޒިޔާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުޓްބޯޅަ އެސޯސިއޭޝަނުގައި ވެސް އޮތީ އާ ޓީމެއް ކަމަށާއި އެ ޓީމުގެ ފަރާތުން ދިވެހި ފުޓްބޯޅަ ރަނގަޅުކުރުމުގެ ރޫހުގައި މަސައްކަތްކުރާތަން ވަރަށް ބޮޑަށް ފެންނަ ކަމަށާއި އެހެންވެ ނިއުގެ މަސައްކަތްތައް ކުރިއަށް ގެންދާނީ އެފްއޭއެމްއާ ގުޅިގެން އެ ފަރާތުގެ ވެސް އެއްބާރުލުމާ އެކު ކަމަށެވެ.
"ނިއު ރޭޑިއަންޓް އޮންނަން ޖެހޭ މަގާމަށް ގެންދިއުމަށްޓަކައި އަޅުގަނޑުމެންގެ ގާބިލްކަން ހުރި އެންމެ މަތީ މިންވަރަކަށް މަސައްކަތްކުރާނަން،" ޒިޔާދު ވިދާޅުވި އެވެ.