ރާއްޖެ އައީ ޓޫރިސްޓެއްގެ ގޮތުގައި ނޫން ކަމަށާއި ބޭނުންވަނީ ނިއު ރޭޑިއަންޓަށް ބޮޑެތި ކާމިޔާބީތަކެއް ހޯދައިދޭން ކަމަށް އެ ޓީމުގެ އާ ކޯޗު ޕޯޗުގަލްގެ ބެނާޑޯ ޓަވަރެސް ބުނެފި އެވެ.
ނިއުގެ ސީޒަން ރަސްމީކޮށް ފެށުމަށް މިއަދު ސޯލްޓް ކެފޭގައި ބޭއްވި ރަސްމިއްޔާތުގައި ޓަވަރޭސްއާ އެކު ނިއު އިން ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. ޓަވަރެސްގެ އިތުރުން ނިއު އިން ވަނީ ފިޓްނަސް ކޯޗެއްގެ ގޮތުގައި ޕޯޗުގަލްގެ ޔަކީމް ވެލިންހޯ ހަމަޖައްސައިފަ އެވެ.
ޓަވަރެސް ބުނީ އެ ކްލަބާ ގުޅުމަކީ އޭނާ އަށް ލިބޭ ބޮޑު ފަހުރެއް ކަމަށެވެ.
"އަހަންނަށް އެނގޭ ނިއު އަކީ ރާއްޖޭގެ އެންމެ ބޮޑު ކްލަބްކަން. މި ކްލަބާ ހަވާލުވުމަކީ އަހަންނަށް ލިބުނު ފަހުރެއް ގޮތުގައި ދެކެން. ފުރަތަމަ ކަމަކަށް އަހަރެން ބޭނުންވަނީ މިދިޔަ ސީޒަނަކީ ނިއުގެ ތާރީހުގައި އައި އެންމެ ނާކާމިޔާބު އެއް ސީޒަން. އެކަން ދެން ތަކުރާރުވިޔަ ނުދޭން އަހަރެން ހުރިހާ މަސައްކަތެއް ކުރާނަން،" ޕޯޗުގަލްގެ ގަދަބާރު ބެންފީކާގެ ޖޫނިއާ ޓީމަށް ކޯޗުކޮށްދީ އަދި ޕޯޓޯގެ ސްކައުޓެއްގެ ގޮތުގައި މަސައްކަތްކުރި ޓަވަރެސް ބުންޏެވެ.
އޭނާ ބުނީ ނިއު އަށް ކާމިޔާބު ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.
"އަހަރެންގެ އަމާޒަކީ މި ކްލަބް އޮތް މަގާމަށް ގެންދިޔުން. މިއީ ރާއްޖޭގެ އެންމެ ބޮޑު ކްލަބް. އަހަރެން މިއީ މޮޅުވާން. އަހަންނަކީ ޓޫރިސްޓެއް ނޫން. ޓްރެއިނިން އަކަށް ފަހު ޓްރެއިނިން އެއް މެޗަކަށް ފަހު މެޗެއް އަހަރެންގެ މަސައްކަތަކަށްވާނީ މި ޓީމަށް ލިބެން އޮތް ހުރިހާ ކާމިޔާބެއް ހޯދައިދިނުން،" ކުރިން ޑިފެންސިވް މިޑްފީލްޑަރަކަށް ކުޅުނު ޓަވަރެސް ބުންޏެވެ.
ޓަވަރެސް ވަނީ 2005-2008 އަށް ޕޯޗުގަލްގެ ތިން ވަނަ ޑިވިޝަނުގެ އަލްކޮބަކާގެ ޔޫތު ޓީމުތަކުގެ ހެޑްކޯޗުކަންކޮށް ސީނިއާ ޓީމުގެ އެސިސްޓަންޓް ކޯޗުކަން ވެސް ކޮށްފަ އެވެ. އަދި ޕޯޗުގަލްގެ ދެ ވަނަ ޑިވިޝަނުގެ ކަރެގަޑޯގެ އެސިސްޓަންޓް ކޯޗުކަންކޮށް ޕޯޗުގަލް ލީގުގެ ބެލެނެންސެސްގެ ހެޑްކޯޗުކަން ވެސް ކުރި އެވެ.
އޭނާގެ އޭޝިއާގެ ކޯޗިން ތަޖުރިބާ ފަށާފައިވަނީ 2013 ވަނަ އަހަރެވެ. އެގޮތުން ބަހްރޭން ޕްރިމިއާ ލީގުގެ އަލް-ހިދު ޓީމުގެ އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކޮށް އޭއެފްސީ ޗެމްޕިއަންސް ލީގާއި އޭއެފްސީ ކަޕުގައި ކޯޗުކޮށްދިނެވެ. އޭގެ ފަހުން އޮމާން ލީގުގެ އަލް-ނަހްދާ ކްލަބަށް އޭއެފްސީ ކަޕުގައި ކޯޗުކޮށްދިނެވެ. މިދިޔަ އަހަރު ޓެންޒޭނިއާ ޕްރިމިއާ ލީގުގައި މަސައްކަތްކުރި ޓަވަރޭސް އަތުގައި ޔުއެފާ ޕްރޯ ލައިސަންސް އަދި ގޯލްކީޕިން ޕްރޯ ލައިސަންސް ފާސް އޮވެ އެވެ.
މި ސީޒަނަށް ނިއު އިން ކަނޑައަޅާފައިވާ ޓާގެޓަކީ ސީޒަންގެ ހުރިހާ ތަށްޓެކެވެ. އެ އަމާޒަށް ވާސިލްވުމަށް އެ ޓީމުން ވަނީ ރާއްޖޭގެ މަޝްހޫރު ބައެއް ކުޅުންތެރިން ޓީމަށް ގެނެސްފަ އެވެ.
އާ ސީޒަނަށް ނިއު އަށް ގެނެސްފައިވާ ދިވެހި ކުޅުންތެރިންނަކީ ގޯލްކީޕަރު އިމްރާން މުހައްމަދާއި އަލީ ފާސިރު (ސެންޓޭ) އާއި އަކްރަމް އަބްދުލްގަނީ އާއި އަހުމަދު އަބްދުﷲ (ލިލީ) އަދި ގޯލްކީޕަރު އަބްދުﷲ ޒިޔަޒަން އެވެ. މީގެ އިތުރުން ބިދޭސީ ހަތަރު ކުޅުންތެރިޔަކު ވަނީ ގެނެސްފަ އެވެ. އެއީ ފިލިޕީންސް ލީގުގެ ލަނޑު ލިސްޓުގެ އެއް ވަނަ ހޯދާފައިވާ ސްޕެއިނުގެ އެޑްރިއަން ގަލާޑޯ އާއި ނެދަލެންޑްސް މިޑްފީލްރު ޖަމެލް ރޮމާނޯ ލީފްލޭންގާއި ޖަޕާން މިޑްފީލްޑަރު ކެސިއުކޭ އޮގާވާ އަދި ޗެލްސީގެ ޔޫތު ޓީމުގެ ކުރީގެ ކެޕްޓަން ޑެނިއަލް ޕަޕޯ އެވެ
އާ ސީޒަނަށް ނިއުގެ ޕްރެކްޓިސް ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރެވެ.