ނިއު ރޭޑިއަންޓަކީ މުސްތަގުބަލުގައި ވެސް ރާއްޖޭގެ އެންމެ ކާމިޔާބު ކްލަބް ގޮތުގައި ދެމެހެއްޓުމަށް އެ ކްލަބްގެ ހަރަކާތްތައް މުޅި ރާއްޖެ އަށް ފުޅާކުރުމަަށް ސަމާލުކަން ދެއްވާނެ ކަމަށް ޗެއާމަން މުހައްމަދު ޒިޔާދު ވިދާޅުވެއްޖެ އެވެ.
ނިއުގެ ސީޒަން އިފްތިތާހުކުރުމަށް އިއްޔެ ސޯލްޓް ކެފޭގައި ބޭއްވި ރަސްމިއްޔާތުގައި ޒިޔާދު ވިދާޅުވީ އަމާޒަކީ ނިއު އަކީ އަބަދުވެސް ފުޓްބޯޅައިގެ ރަސްގެފާނުގެ މަގާމުގައި ބޭއްވޭނެ ފަދަ ބޮޑު ޕްލޭނަކާ އެކު ކުރިޔަށް ދިއުން ކަމަށެވެ.
"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ހަމައެކަނި މި ދައުރުގައި މި ޓީމަކީ ކާމިޔާބު ކްލަބަކަށް ހެދުމަކަށް ނޫން. އަޅުގަނޑުމެންގެ ދައުރު ނިމިގެން ދިޔަ ނަމަވެސް ދެން ވެސް މި ކްލަބް ރާއްޖޭގެ އެންމެ ބޮޑު ޓީމުގެ ގޮތުގައި ބޭއްވޭ ފަދަ ގޮތަކަށް މި ކްލަބްގެ މުސްތަގުބަލު ބިނާ ކުރެވޭ ފަދަ ޕްލޭނެއް މި ތައްޔާރުކުރަނީ،" ޒިޔާދު ވިދާޅުވި އެވެ.
ނިއު އިން ވަނީ ރާއްޖޭގެ ހަތަރު ސަރަހައްދަކަށް އެ ކްލަބްގެ އެކެޑަމީ ފުޅާކުރަން ނިންމައިފަ އެވެ. އަދި މިއީ ކްލަބްގެ މުސްތަގުބަލަށް އެކި ގޮތްގޮތުން ބެލިޔަސް ހުޅުވިގެންދާ ދޮރެއް ކަމަށް ޒިޔާދު ވިދާޅުވި އެވެ.
"އެންމެ ބޮޑު މަސައްކަތެއްގެ ގޮތުގައި އަޅުގަނޑުމެން އަންނަ މަހު 10 ވަަނަ ދުވަހު މި ފަށަނީ އެކެޑަމީގެ މަސައްކަތް. މި މަސައްކަތް މުޅި ރާއްޖެ އަށް ފުޅާކުރުން މުހިއްމު. އެގޮތުން ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި އެކެޑަމީ ކުރިޔަށް ގެންދަން އަޅުގަނޑުމެން ވާނީ ނިންމާފައި،" ޒިޔާދު ވިދާޅުވި އެވެ. "މި ކްލަބަކީ ބޮޑު ކްލަބެއް. މުޅި ރާއްޖޭގައި ވެސް ނިއުގެ ސަޕޯޓަރުންގެ ބައިވެރިވުން މުހިއްމު."
ނިއުގެ އެކެޑަމީގެ މަސައްކަތްތައް ކުރިޔަށްގެންދާނީ އެ ޓީމުގެ ކޯޗު ޕޯޗުގަލްގެ ބެނާޑޯ ޓަވަރެސްގެ ބެލުމުގެ ދަށުންނެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މި ވަގުތު އެކެޑަމީ ހިންގަމުން އަންނަ ހަމައެކަނި ކްލަބަކީ މާޒިޔާ އެވެ.
ނިއު އިން އަންނަނީ އެ ކްލަބްގެ ސަޕޯޓަރުންނަށް ހާއްސަކޮށްގެން ކްލަބް ހައުސްއެއްގެ މަސައްކަތް ވެސް ކުރަމުންނެވެ. މި ހައުސްގައި އެ ކްލަބްގެ ކެފޭ އަކާއި ޖިމެއް ވެސް ހުންނާނެ ކަމަށާއި މިއީ ސަޕޯޓަރުންނާއި ކްލަބަށް އެހީތެރިވެދޭ މީހުންގެ އެއްބައިވަންތަކަން ރަނގަޅުކުުރުމަށް އެޅިގެންދާ ބިންގަލެއް ކަމަށް ޒިޔާދު ވިދާޅުވި އެވެ.
ނިއު އަށް މި ސީޒަނުގައި ހެޔޮ އެދޭ އެތައް ބަޔެއްގެ އެއްބާރުލުން ލިބެމުން އަންނަ ކަމަށާއި ބޮޑެތި ކުންފުނިތަކުގެ ހިއްސާ ވެސް އެ ޓީމުގައި ބޮޑު ކަމަށް ޒިޔާދު ފާހަގަކުރެއްވި އެވެ. އަދި އެ ކްލަބްގެ ސަޕޯޓަރުންގެ ޔޫނިއަންގެ މަސައްކަތް ވެސް ފެށިފައިވާކަން ޒިޔާދު ފާހަގަކުރެއްވި އެވެ.
"ނިއުގެ ސަޕޯޓަރުންގެ ޔޫނިއަން ވަރަށް ބޮޑު ރޯލެއް އެބަ އަދާކުރޭ ގެއްލިފައި އޮތް މި ކްލަބްގެ ސަޕޯޓް އަލުން ދިރުވުމަށް. ސަޕޯޓާސް ޔޫނިއަން މިހާރު އެ އަންނަނީ އެ ބޭފުޅުންގެ މަސައްކަތް ރަސްމީ ސިފައެއްގައި ކުރުމަށް ނިންމަން ޖެހޭ ކަންތައްތައް ނިންމަމުން. އިރާދަކުރެއްވިއްޔާ ހޯމް މިނިސްޓްރީ ތެރެއިން އެ ކަމަށް ރަނގަޅު ދޮރެއް ހުޅުވިގެންދާނެ. އެއީ އުއްމީދަކީ،" ޒިޔާދު ވިދާޅުވި އެވެ.
މިދިޔަ އަހަރު ދިމާވި ދެރަގޮތް އެއީ މާޒީ ކަމަށާއި ދެން ބޭނުންވަނީ އެފަދަ ކަމެއް ތަކުރާރު ނުވުން ކަމަށް ޒިޔާދު ވަނީ ވިދާޅުވެފަ އެވެ.