ޑރ. އެންތަނީ ފައުޗީ. --ފޮޓޯ:އޭއެފްޕީ
01 އޯގަސްޓް 2020 - 20:37
ވޮޝިން (އޮގަސްޓް 1) - ކޮވިޑް-19 އާ ދެކޮޅަށް ކާމިޔާބު ވެކްސިނެއް މި އަހަރުގެ ފަހުކޮޅު ލިބޭނެކަމުގެ އުއްމީދު ވަރަށް ބޮޑު ކަމަށް، ގައިންތަޔަށް އަރާ ބަލިތަކާ ބެހޭ އެމެރިކާގެ ތަޖްރިބާކާރު ޑރ. އެންތަނީ ފައުޗީ ވިދާޅުވެއްޖެ އެވެ.
"ރައްކާތެރި އަދި ބަލިން ދިފާއުވެވޭނެ ފަދަ ވެކްސިނެއް މި އަހަރުގެ ފަހުކޮޅު ލިބޭނެ ކަމަށް އުއްމީދު ކުރެވޭ،" އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން ފައުޗީ އިއްޔެ ވިދާޅުވި އެވެ. "ޓަރަޔަލްތައް ނުހަދައި ވެކްސިނެއްގެ ކާމިޔާބު ކަމެއް ނޭނގޭނެ. އެކަމަކު ކޮރޯނާވައިރަހުގެ ވެކްސިން ކާމިޔާބުވާނެ ކަމަށް ވަރަށް ބޮޑަށް ގަބޫލް ކުރެވޭ."
ފައުޗީގައި ވިދާޅުވީ ވެކްސިން އުފެއްދުމުގައި ކުރީގައި އުޅޭ ޗައިނާ އާއި ރަޝިޔާއާ މެދު ޔަގީންކަމާ އެކު އެއްޗެއް ބުނަން ނޭނގޭ ކަމަށާއި ވެކްސިނެއް ހޯދުމުގައި އެމެރިކާ އިން އެހެން ގައުމުތަކަށް ބަރޯސާވާން ނުޖެހޭ ކަމަށެވެ.
ކޮރޯނާވައިރަހަށް ވެކްސިން އުފެއްދުމުގައި އެންމެ ކުރީގައި އުޅޭ ކުންފުނިތަކުން ތިން ވަނަ މަރުހަލާގެ ޓްރަޔަލްތައް ފަށާފައިވާ އިރު ވެކްސިން ކާމިޔާބުވާނީ ކިހާވަރަކަށް ކަމެއް އަދި ނޭނގެ އެވެ. ނަމަވެސް ފުރަތަމަ ސްޓޭޖުގައި ދިން ވައިރަސްގެ ޑޯޒްތަކުން ވަނީ ވައިރަހާ ދެކޮޅަށް އެންޓިބޮޑީސް އުފެދިފަ އެވެ.
ވެކްސިން އުފެއްދުމުގައި އެންމެ ކުރީގައި އުޅޭ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީން މިހާރު ވަނީ 100 މިލިއަން ޑޯޒް ޔޫކޭ އަށް ސަޕްލައި ކުރުމަށް އެސްޓްރަޒެނެކާއާ އެކު އެއްބަސްވެފަ އެވެ. އެމެރިކާގެ މޮޑާނާ ކުންފުނިން މިހާރު ވަނީ ވެކްސިންގެ ތިން ވަނަ މަރުހަލާ ފަށައިފަ އެވެ. ޗައިނާ އާއި ރަޝިޔާ އިން ވެސް އަންނަނީ ވެކްސިން އުފެއްދުމުގެ ފަހުގެ މަރުހަލާތަކަށް ތައްޔާރުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy