މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ތެރޭ އެކި ގައުމުތަކުގެ ސަރަހައްދު ބޭނުންކުރުމުގެ މައްސަލައާ އެކު ރާއްޖޭގައި ވެސް އެ ބަހުސް އުފެދިފައި ވަނިކޮށް އެކަން އޮންނަ ގޮތް ޑިފެންސް މިނިސްޓްރީން ސާފުކޮށްދީފި އެވެ.
ޑިފެންސް މިނިސްޓްރީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި، ގައުމެއްގެ ކަނޑާއި ވައިގެ ސަރަހައްދު ގާނޫނީ ގޮތުން ކަނޑައެޅިފައި އޮންނަ ގޮތް ބަޔާންކޮށްދެމުން ބުނީ ގައުމުތަކުގެ ވައިގެ ސަރަހައްދުތަކާއި، ވައިގެ ދަތުރުފަތުރުގައި އަމަލުކުރާ މައިގަނޑު އުސޫލުތައް ބަޔާންކުރާ "ކޮންވެންޝަން އޮން އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން (ޗިކާގޯ ކޮންވެންޝަން) ގައި ބަޔާންކުރާ ގޮތުން ގައުމުތަކުގެ ސަރަހައްދީ ކަނޑާ ގުޅިފައިވާ ވައިގެ ސަރަހައްދަކީ އެ ގައުމުގެ ސިޔާދަތީ ބާރު ހިނގާ، އަދި އެ ސަރަހައްދަށް ވަނުމުގެ ކުރިން ހުއްދަ ހޯދަންޖެހޭނެ ސަރަހައްދެއް ކަމަށެވެ.
"މިއަށްވުރެ ބޭރުގެ ވައިގެ ސަރަހައްދަކީ އިންޓަނޭޝަނަލް އެއާސްޕޭސް" ކަމަށް ވުމުން އެ ސަރަހައްދަށް ވަނުމަށް ހުއްދައެއް ނަގަން ނުޖެހޭ ކަމަށް ވަނީ ބުނެފަ އެވެ.
"އެކި ގައުމުތަކަށް ކަނޑައަޅާފައިވާ ފްލައިޓް އިންފޮމޭޝަން ރީޖަން (އެފްއައިއާރް) ހިމެނޭ ސަރަހައްދުގައި އެއާ ޓްރެފިކް ކޮންޓްރޯލްގެ ހިދުމަތް ފޯރުކޮށްދޭންޖެހޭއިރު، މި ސަރަހައްދު ކަނޑައެޅިފައިވާ އެންމެ މުހިންމު ބޭނުމަކީ ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ގާއިމްކޮށްދިނުން."
"އިންޓަނޭޝަނަލް އެއާސްޕޭސްގެ ތެރޭގައި ހިމެނޭ އެފް.އައި.އާރް ސަރަހައްދަށް ވަނުމަށް ގައުމެއްގެ ހުއްދަ ހޯދަން ނުޖެހުނު ކަމުގައިވިޔަސް، އެއާ ޓްރެފިކް ކޮންޓްރޯލް ހިދުމަތްތަކުން މިފަދަ ދަތުރުތަކާ ގުޅޭ މައުލޫމާތު ހިއްސާކޮށް އަދި ވިލަރެސް ކުރަމުންދާނެ."
އިންޓަނޭޝަނަލް ސިވިލް އެވިއޭޝަން އޯގަނައިޒޭޝަން (އިކާއޯ) ގެ އުސޫލުތަކުގެ ދަށުން، ހާއްސަކޮށް ޗިކާގޯ ކޮންވެންޝަން އޮން އިންޓަނޭޝަނަލް ސިވިލް އެވިއޭޝަންގެ ދަށުން ގައުމެއްގެ ފުރިހަމަ އަދި މިނިވަން ސިޔާދަތީ ބާރު ތިިރީގައިވާ ތަންތަނަށް ހިނގާނެ އެވެ.
- އެ ގައުމެއްގެ އެއްގަމުގެ ސަރަހައްދު
- އެ ގައުމެއްގެ ސަރަހައްދީ ކަނޑު (އައްސޭރިން ފެށިގެން 12 ނޯޓިކަލް މޭލާ ހަމައަށް)
މީގެ މާނައަކީ: ހުއްދަ ނުހޯދައި އެއްވެސް އުޅަނދަކަށް (ހާއްސަކޮށް އަސްކަރީ ބޯޓުފަހަރަށް) މި ސަރަހައްދަށް ނުވަދެވުމެވެ.
އެކަމަކު ފްލައިޓް އިންފޮމޭޝަން ރީޖަން (އެފްއައިއާރް) މިއީ ސަރަހައްދީ ކަނޑާ ގުޅިފައިވާ ވައިގެ ސަރަހައްދާ މުޅިން ތަފާތު ސަރަހައްދެކެވެ. އެއީ ސިޔާދަތީ ވައިގެ ސަރަހައްދެއް ނޫނެވެ.
އެފްއައިއާރް އަކީ މިއާ މުޅިން ތަފާތު ސަރަހައްދެކެވެ. މިއީ އިކާއޯ އިން ކަނޑައަޅާ ސަރަހައްދެކެވެ. މީގެ ބޭނުމަކީ:
- އެއާ ޓްރެފިކް ކޮންޓްރޯލް (އޭޓީސީ)
- ސަލާމަތީ ކަންކަން ވިލަރެސްކުރުން
- ފްލައިޓްތަކަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުން
އެފްއައިއާރް އަކީ ގައުމުގެ ފުރިހަމަ ބާރު އޮންނަ ވައިގެ ސަރަހައްދެއް ނޫނެވެ. އެ ގައުމަކުން އަމިއްލައަށް އެފްއައިއާރް ބެލެހެއްޓި ނަމަވެސް، އޭގެ މާނައަކީ އެ ސަރަހައްދަށް ވަންނަ ބޯޓުތަކަކީ ގައުމުގެ ސިޔާދަތީ ވައިގެ ސަރަހައްދަށް ވަންނަ ބޯޓުތައް ކަމަކަށް ނުބެލެވޭނެ އެވެ.
ހުއްދަ ނެތި އެފްއައިއާރް ބޭނުންކުރެވެނީ ކީއްވެ؟
ޤާނޫނީ ގޮތުން ބޯޓުފަހަރަށް ހުއްދަ ހޯދުމަކާ ނުލައި އެފްއައިއާރް ތެރެއިން ދަތުރުކުރެވެނީ އަންނަނިވި ސަބަބުތަކާ ހުރެއެވެ:
- އެފްއައިއާރް އަކީ ސަލާމަތީ ކަންކަމަށް އޮންނަ ސަރަހައްދެއް: އިކާއޯ އިން އެ ސަރަހައްދު ހަވާލުކުރަނީ ޓްރެފިކް މެނޭޖްކުރުމުގެ ޒިންމާއާ އެކު. ސިޔާސީ ބާރެއް ނޫން.
- ބައިނަލްއަގުވާމީ ކަނޑުގެ މަތިން ދަތުރުކުރުމުގެ މިނިވަންކަން: ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން، ބައިނަލްއަގުވާމީ ކަނޑުތަކުގެ (ހައި ސީސް) މަތީގައިވާ ވައިގެ ސަރަހައްދަކީ ބައިނަލްއަގުވާމީ ތަނެކެވެ. ބޯޓުފަހަރަށް އެތަނުގައި ދަތުރުކުރުމުގެ މިނިވަންކަން އޮވެ އެވެ.
އެހެންކަމުން، ބޯޓެއް ގައުމެއްގެ 12 ނޯޓިކަލް މޭލުގެ ސަރަހައްދުން ބޭރުގައި، އެކަމަކު އެފްއައިއާރް ތެރޭގައި އޮތް ނަމަ، އެއީ ގައުމުގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދަށް ވަނުން ކަމުގައެއް ނުވެ އެވެ.
ގައުމުތަކުގެ ކޮންޓްރޯލް އޮންނަނީ އެ ގައުމެއްވެ ވައިގެ ސަރަހައްދު (އެއާ ސްޕޭސް) އަށެވެ. އެފްއައިއާރް އަކަށް ނޫނެވެ. ނަމަވެސް ޗާޓުތަކުން ބަލާއިރު އެފްއައިއާރް ވެސް އެ ގައުމެއްގެ ވައިގެ ސަރަހައްދުގެ ގޮތުގައި ފެންނާތީ އެ ސަރަހައްދަކީ ވެސް ގައުމުގެ ބާރު ހިނގާ އަދި އެހެން ގައުމުތަކުގެ ބޯޓުތަކުން ހުއްދަ ހޯދައިގެން ނޫނީ ނުވަދެވޭ ސަރަހައްދު ކަމަށް އޮންނަނީ ހީވެފަ އެވެ.