ދުނިޔޭގެ އެންމެ އުސް ފަރުބަދަތައް ހިމެނޭ ހިމާލިޔާ ރޭންޖުގެ ފަރުބަދައެއް ކަމަށްވާ ނޭޕާލުގެ ލޮބޫޗޭ އީސްޓަށް އަރަން ރާއްޖޭގެ ދިއެކްސްޕްލޯރާ ޓީމުން ތައްޔާރުވެއްޖެ އެވެ.
މި ފަރުބަދައިގެ އުސްމިނުގައި 6119 މީޓަރު (20,075 ފޫޓް) ހުންނައިރު އެނގިފައިވާ ގޮތުގައި ދިވެއްސަކު މިހާތަނަށް މިހާ އުހަށް އަރާފައެއް ނުވެ އެވެ. ދުނިޔޭގެ އެންމެ އުސް ފަރުބަދަ ކަމަށްވާ އެވަރެސްޓް ފަރުބަދައިގެ އުސްމިނަކީ 8848 މީޓަރު (29,029 ފޫޓް) އެވެ.
އެނގިފައިވާ ގޮތުގައި މިހާތަނަށް އެންމެ އުހަށް އެރި ދިވެއްސަކީ، މި ޓީމުގެ ބައިވެރިޔާ އަދި ދިއެކްސްޕްލޯރާގެ ކޯ ފައުންޑާ އަހުމަދު ޒައީމް (ޒައީމްބެ) އެވެ. ދި އެކްސްޕްލޯރާ ޓީމުގެ މި ޗެލެންޖުގެ ޓާގެޓަކީ ވެސް ޒައީމްބެ 2015 ވަނަ އަހަރު ނޭޕާލުގެ 5630 މީޓަރު އުސްމިނުގެ ޔަލުންގް ރީ އަށް ކުރި ޓްރެކުގެ ރެކޯޑް މުުގުރާލުމެވެ.
"ފަރުބަދަތައް ދެކެ ލޯބިވަންޏާ ދާން ބޭނުންވާނެ ތަނަކީ ނޭޕާލް. ހިމާލިޔާގެ ފަރުބަދަތަކީ ހަމަ އަޖާއިބެއް،" 2013 ވަނަ އަހަރު ވެސް ނޭޕާލުގައި ޓްރެކްކުރި ޒައީމްބެ ބުންޏެވެ. "އެ ހިތްގައިމު މަންޒަރުތައް ފެނި ދުވަހަކު ވެސް ހިތްނުފުރޭނޭ."
ދި އެކްސްޕްލޯރާ ޓީމުން #ބްރޭކްދިރެކޯޑް ގެ މި ޓްރެކް ފެށުމަށް މި މަހުގެ 31 ވަނަ ދުވަހު ނޭޕާލުގެ ވެރިރަށް ކަތުމަންޑޫ އަށް ޖަމާވާނެ އެވެ. އަދި ދުނިޔޭގެ އެންމެ ނުރައްކާތެރި އެއް އެއާޕޯޓް ކަމަށްވާ ލުކްލާ އެއާޕޯޓަށް ފައިބާ، އެތަނުން ރަސްމީކޮށް ޓްރެކް ފަށާނެ އެވެ. ޓާގެޓްކޮށްފައިވަނީ 10 ވަރަކަށް ދުވަސް ތެރޭގައި، އެވަރެސްޓް ބޭސް ކޭމްޕަށް ދިއުމަށެވެ. އަދި މޫސުމަށް ބެލުމަށް ފަހު ދެ ދުވަސް ތެރޭގައި ފަރުބަދައިގެ ކޮޅަށް އެރުމެވެ.
ޓްރެކިން އަށް ތައްޔާރުވުމަށް ހަތަރު ބައިވެރިން ވެސް އަންނަނީ ވަރަށް ބުރަކޮށް ޓްރެއިނިން ހަދަމުންނެވެ. އެގޮތުން ފިޒިކަލީ ފިޓްވުމަށް ތަފާތު ކަސްރަތު ޕްރޮގްރާމްތައް ހަދަމުން އަންނައިރު ނަފުސާނީ ގޮތުން ވެސް ވަރަށް ބޮޑަށް އަންނަނީ ތައްޔާރުވަމުންނެވެ.
ދިއެކްސްޕްލޯރާ ޓީމުގައި ދެން ހިމެނެނީ ފައުންޑިން މެމްބަރު އަދި ފޮޓޯގްރާފަރު އިބްރާހިމް އުޝާފަތު (އުޝާ) އާއި މުހައްމަދު އިމްތިޔާޒް އަދި މުޅިން އަލަށް ޓީމުގައި ބައިވެރިވާ ފާތިމަތު މުނާ ހުސެއިނެވެ. މީގެ ތެރެއިން އެންމެ ހާއްސަ ބައިވެރިޔަކީ މުނާ އެވެ. ހީޓް ހެލްތު އެންޑް ފިޓްނަސްގެ ޕާސަނަލް ޓްރެއިނަރު މުނާ އަކީ، ދިއެކްސްޕްލޯރާ އިން ބުނާ ގޮތުގައި މިހާ އުހަށް ޓްރެކްކުރަން ނުކުންނަ ދިވެހި ފުރަތަމަ އަންހެން މައުންޓެނިއާ އެވެ.
"އެހެންވެ މިއީ ވަރަށް ހާއްސަ ޓްރެކެއް. ވަރަށް ބޮޑަށް ބޭނުންވޭ މުނާއާ އެކު މިކަން ހާސިލްކުރަން. އަންހެން ބައިވެރިޔަކު މިކަމާ ކުރިމަތިލުމަކީ ލިބޭ ބޮޑު އުފަލެއް،" ދިއެކްސްޕްލޯރާގެ މެމްބަރަކު ބުންޏެެވެ.
މުނާ އަކީ ދިއެކްސްޕްލޯރާ ޓީމުން 2015 ވަނަ އަހަރު ކުރި ޓްރެކިން ތަޖުރިބާއަށް ފަހު މާލޭގައި ދިން ޕްރެޒެންޓޭޝަނާ އެކު މިކަމަށް ވަރަށް ބޮޑަށް ޝައުގުވެރިވެ ދި އެކްސްޕްލޯރާ ޓީމާ ގުޅުނު ބައިވެރިއެކެވެ. އުޝާ ބުނީ އެ ޓީމާ ގުޅި މިފަދަ ތަޖުރިބާތައްކުރަން ޝައުގުވެރިވާ ފަރާތްތަކަށް އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށެވެ. މީގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުގައި ދިރިއުޅެމުންދާ ދިވެހިންގެ ތެރެއިން ޓްރެކްކުރާ ފަރާތްތަކުގެ ތަޖުރިބާތައް ދިއެކްސްޕްލޯރާ ވެބްސައިޓް މެދުވެރިކޮށް ޕްރޮމޯޓްކޮށްދޭން ވެސް ތިބީ ތައްޔާރަށެވެ.