ދުނިޔޭގެ އެންމެ އުސް ފަރުބަދަތައް ހިމެނޭ ހިމާލިޔާ ރޭންޖުގެ ލޮބޫޗޭ އީސްޓަށް އަރަން ރާއްޖޭގެ ދިއެކްސްޕްލޯރާ ޓީމުން ފެށި ދަތުރު ބުރާސްފަތި ދުވަހު ކާމިޔާބުކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި މިއީ މިހާތަނަށް ދިވެހިންތަކެއް އެންމެ އުހަށް އެރި ފަހަރެވެ. މި ފަރުބަދައިގެ އުސްމިނުގައި 6119 މީޓަރު (20,075 ފޫޓް) ހުންނައިރު ދުނިޔޭގެ އެންމެ އުސް ފަރުބަދަ ކަމަށްވާ އެވަރެސްޓް ފަރުބަދައިގެ އުސްމިނަކީ 8848 މީޓަރު (29,029 ފޫޓް) އެވެ.
ޓީމުގެ ބައިވެރިޔާ އަދި ދިއެކްސްޕްލޯރާގެ ކޯ ފައުންޑާ އަހުމަދު ޒައީމް (ޒައީމްބެ) 2015 ވަނަ އަހަރު ނޭޕާލުގެ 5630 މީޓަރު އުސްމިނުގެ ޔަލުންގް ރީ އަށް ކުރި ޓްރެކުގެ ރެކޯޑް، ދިއެކްސްޕްލޯރާ ޓީމުން މުގުރާލިއިރު، ލޮބޫޗޭ އީސްޓުގެ އެންމެ މަތީގައި ފުރަތަމަ ފައިތިލަ ޖައްސާލީ ވެސް ޒައީމްބެ އެވެ. އޭނާގެ ފަހަތުން އެރީ، މިހާ އުހަށް ޓްރެކްކުރަން ނުކުންނަ ދިވެހި ފުރަތަމަ އަންހެން މައުންޓެނިއާ ފާތިމަތު މުނާ ހުސެއިނެވެ.
"އަންހެނަކަށްވެ ހުރެ، މިހާ އުހަށް އެރުނީތީ ފަހުރުވެރިވޭ،" ހީޓް ހެލްތު އެންޑް ފިޓްނަސްގެ ޕާސަނަލް ޓްރެއިނަރު މުނާ ބުންޏެވެ. "މިއީ އަދި ފެށުމެއް. މި ޓްރެކުން އެނގިގެން ދިޔައީ އަދިވެސް އެކްސްޕްލޯކުރަން ހުރި މިންވަރު."
ޒައީމްބެ އާއި މުނާއާ އެކު ދެން ޓްރެކުގައި ބައިވެރިވީ ދިއެކްސްޕްލޯރާގެ ފައުންޑިން މެމްބަރު އަދި ފޮޓޯގްރާފަރު އިބްރާހިމް އުޝާފަތު (އުޝާ) އާއި މުހައްމަދު އިމްތިޔާޒް (އިންތި) އެވެ.
ޒައީމްބެ ބުނީ މިހާ އުހަށް އެރުމުގެ މި ތާރީހީ ޓްރެކް އަންހެން ބައިވެރިޔަކާ އެކު، ހާސިލްކުރެވުނީތީ ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމަށެވެ. އޭނާ ބުނީ ދިއެކްސްޕްލޯރާ ފަށައިގަތީ ވެސް ހަމައެކަނި އެ ގްރޫޕުގެ ބައިވެރިންނަށް އަމާޒުކޮށްގެން ނޫން ކަމަށާއި ބޭނުންވީ ދިވެހިންގެ ތެރެއިން ކޮމްފޯޓް ޒޯން ދޫކޮށް އަމިއްލަ ނަފުސާ ޗެލެންޖްކުރުމުގެ ގާބިލްކަން ހުރި ވަރު ބަލައި އެކަމާ ކުރިމަތިލާން ބޭނުންވާ އެންމެންނަށް އެކަން ފަހިކޮށްދިނުން ކަމަށެވެ.
"މިއަދު އަހަރެން ވަރަށް ފަހުރުވެރިވޭ އެކަމުގެ ފުރަތަމަ ފިޔަވަޅު އެޅުނީތީ، އެއީ ދިވެހި އަންހެނަކު އޭނާގެ ނަފުސާ ޗެލެންޖްކޮށް، 6119 މީޓަރު އުސް ފަރުބަދައަކަށް އެރުމުގެ ދަތުރު ކާމިޔާބުކުރުން،" ޒައީމްބެ ބުންޏެވެ.
ދި އެކްސްޕްލޯރާ ޓީމުން #ބްރޭކްދިރެކޯޑް ގެ މި ޓްރެކް ފެށީ މިމަހުގެ 2 ވަނަ ދުވަހު އެވެ. ދުނިޔޭގެ އެންމެ ނުރައްކާތެރި އެއް އެއާޕޯޓް ކަމަށްވާ ލުކްލާ އެއާޕޯޓަށް ފައިބާ، އެތަނުން ރަސްމީކޮށް ޓްރެކް ފެށިއިރު ޓާގެޓްކޮށްފައިވާ ގޮތަށް 10 ވަރަކަށް ދުވަސް ތެރޭގައި، އެވަރެސްޓް ބޭސް ކޭމްޕަށް ގޮސް ފަރުބަދައިގެ ކޮޅަށް އެރި އެވެ.
މުނާ އަކީ ދިއެކްސްޕްލޯރާ ޓީމުން 2015 ވަނަ އަހަރު ކުރި ޓްރެކިން ތަޖުރިބާއަށް ފަހު މާލޭގައި ދިން ޕްރެޒެންޓޭޝަނާ އެކު މިކަމަށް ވަރަށް ބޮޑަށް ޝައުގުވެރިވެ ދި އެކްސްޕްލޯރާ ޓީމާ ގުޅުނު ބައިވެރިއެކެވެ. އުޝާ ބުނީ އެ ޓީމާ ގުޅި މިފަދަ ތަޖުރިބާތައްކުރަން ޝައުގުވެރިވާ ފަރާތްތަކަށް އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށެވެ.