ހޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ޖޭމްސް ކެމަރަން ޑައިރެކްޓުކޮށް، 1997 ވަނަ އަހަރު ނެރުނު "ޓައިޓޭނިކް" ފިލްމަކީ ބޮކްސް އޮފީހުގައި ގިނަ ރެކޯޑުތަކެއް މުގުރާލައި، 1998 ވަނަ އަހަރުގެ އެންމެ މޮޅު ފިލްމުގެ އޮސްކާ އެވޯޑު ހޯދި ފިލްމެކެވެ.
އޭރާއި މިހާރު ވެސް ގިނަ ބަޔަކު އުފައްދާ އެއް ސުވާލަކީ، ބޯޓު އަޑިއަށް ދިޔަ އިރު، ފިލްމުގެ ލީޑުން ފެންނަ ޖޭކް (ލިއޮނާޑޮ ޑިކަޕްރިއޯ) އަށް، ފިލްމުގައި އޭނާގެ ލޯބިވެރިޔާ ރޯޒް (ކޭޓް ވިންސްލެޓް) އާ އެކު ސަލާމަތް ވެވުނީސްތޯ އެވެ.
އެއްބަޔަކު، އެ ދެ މީހުންނަށް މޫދުގައި އޮތް ދޮރުފަތުގައި އޮވެވޭނެ ކަމަށް ބުނާއިރު، އަނެއް ބަޔަކު އެކަމާ ދެކޮޅުހަދަ އެވެ.
ފިލްމު ނިކުތްތާ 25 އަހަރު ފަހުން، ޖޭމްސް އާއި ސައިންޓިސްޓުންގެ ޓީމަކާ އެކު މިހާރު ވަނީ ފޭނުންގެ އެ ތިއަރީތައް ޓެސްޓުކޮށް، ރޯޒާ އެކު ޖޭކަށް ވެސް، އާދަޔާ ހިލާފަށް ފިނި ގަދަ އެ ކަނޑުގައި ސަލާމަތް ވެވުނީސްތޯ ބެލުމަށް ޓައިޓޭނިކްގެ ފައިނަލް ސީން އަލުން ކުޅެފަ އެވެ.
މި މަހު 10 ގައި ފިލްމު އަލުން ސިނަމާތަކަށް ރިލީޒް ކުރުމުގެ ކުރިން އެ ޝައްކުތައް ފިލުވާލަދޭން ނޭޝަނަލް ޖިއޮގްރަފިކް އިން ގެނެސްދޭން އުޅޭ ހާއްސަ ޝޯ، "ޓައިޓެނިކް: 25 އިޔާސް ލޭޓާ ވިތު ޖޭމްސް ކެމަރަން" ގައި ޖޭކް އަސްލަށް ވެސް ރޯޒާ އެކު ފިނިގަދަ އެ ކަނޑުގައި ދޮރުފަތުގެ މަތީގައި އޮތް ނަމަ ހިނގާދާނެ ހަތަރު ސިނާރިއޯއެއް ޓެސްޓު ކުރެ އެވެ.
ފުރަތަމަ ސިނާރިއޯގައި ޖޭކް އަދި ރޯޒް ވެސް ދޮރުފަތަށް އެރުމުން، ދޮރުފަތް، ހަށިގަނޑަށް ނުރައްކާވާ ވަރަށް ފެނުގެ އަޑިއަށް ދެ އެވެ. އެއަށް ފަހު އެ މީހުންގެ މުހިންމު ގުނަވަންތައް ގަނޑުވުމުން ސަލާމަތް ވާނެ ގޮތަކަށް އޮވެވޭތޯ ޓެސްޓު ކުރުމުން، ޖޭކާއި ރޯޒަށް ގިނަ ގަޑިއިރުތަކެއް އޮވެވޭނެކަން އެނގުނެވެ.
"އޭނާ އެ އޮތީ ނޯމަލައިޒްވެފައި،" ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ އެ ޝޯގެ ކްލިޕެއްގައި ޖޭމްސް ބުނެ އެވެ.
"އޭނާ އެ ދޮރުފަތުގައި އެ އޮތީ ލައިފް ބޯޓު އަންނަންދެން ދެ މީހުންނަށް ވެސް އޮވެވިދާނެ ފައްތަރެއްގައި. ޖޭކް ސަލާމަތްވީސް. އެކަމަކު އޭގައި އެބަހުރި އެހެން ކަންކަން ވެސް ވިސްނަންޖެހޭ. އަހަންނަށް ހީވަނީ ޖޭކްގެ ވިސްނުން އޭރު ހުރީ ރޯޒްއަށް ގެއްލުމެއް ވާނެ އެއްކަމެއް ވެސް ނުކުރަން އަދި އެކަން ޖޭކްގެ ކެރެކްޓާ އިން ޔަގީންކަމާ އެކު ފެންނާނެ،" އެ ވީޑިއޯގައި ޖޭމްސް ބުނެ އެވެ.
ފިލްމުގެ ލީޑުން ފެންނަ ކޭޓްގެ ނަޒަަރުގައި ދެ މީހުންނަށް އެކުގައި ސަލާމަތެއް ނުވެވޭނެ އެވެ.
"ދެ މީހުންނަށް އެރުނީސް، އެކަމަކު އެއީ އެންމެ ރަނގަޅު ހިޔާލަށް ނުވެދާނެ. ކޮންމެވެސް ގޮތަކުން ދޮރު ފުރޮޅާލަ ވެސް ފާނެ،" ކޭޓް ބުނެފައިވެ އެވެ.
ފިލްމަށް "ބެސްޓް ޕިކްޗާ" ގެ އޮސްކާ އެވޯޑު ލިބުނުތާ 25 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އުފެއްދި "ޓައިޓޭނިކް: 25 އިޔާސް ލޭޓާ ވިތު ޖޭމްސް ކެމަރަން" ނެޝަނަލް ޖިއޮގްރަފިކް ޗެނަލް އިން ޕްރިމިއާ ކުރަން ހަމަޖެހިފައި ވަނީ އަންނަ އާދިއްތަ ދުވަހު އެވެ.