30 އެޕްރީލް 2023 - 06:58
ގިނަބައެއްގެ މަގްބޫލުކަން ހޯދާފައިވާ ޓޯކް ޝޯ، "ދަ ލޭޓް ލޭޓް ޝޯ ވިތު ޖޭމްސް ކޯޑަން" އަށް އަހަރަށް ފަހު ނިންމާލައިފި އެވެ.
ފާހަގަކޮށްލެވޭ ގިނަ ކަންތައްތަކެއް ފެނުނު އެ ޝޯގެ އެންމެ ފަހު އެޕިސޯޑު އެއާކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ ޝޯ ވެގެން ދިޔައީ ގިނަބައެއްގެ ހަނދާނުގައި ހުންނާނެ ތާރީހީ، ކުލަގަދަ ޝޯ އަކަށެވެ.
ޝޯ ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ހާއްސަކަމަކަށް، ހޮލީވުޑްގެ ބަތަލް ޓޮމް ކްރޫޒާ އެކު ކުޅެފައިވާ މަޖާ ސްކިޓުތަކެއް ދައްކާލި އެވެ. ޑިޒްނީގެ "ދަ ލަޔަން ކިންގް" މިއުޒިކަލްގައި ޓޮމް އާއި ކޯޑަން ފެނުނީ ޓައިމަން އާއި ޕުމްބާގެ ރޯލުންނެވެ. އެ މީހުން ވަނީ މަޝްހޫރު "ހަކޫނާ މަޓާޓާ" ވެސް ހުށަހަޅައިދީފަ އެވެ.
ދެން ފެނުނީ އެ ޝޯގައި ކޯޑަން ގެނެސްދޭ މަޝްހޫރު ކާޕޫލް ކަރޯކޭގެ އެންމެ ފަހު ބައެވެ. އެންމެ ފަހު އެޕިސޯޑުގެ ކާޕޫލް ކަރޯކޭ ގެސްޓެއްގެ ގޮތުގައި ބައިވެރިވީ މަޝްހޫރު ލަވަކިޔުންތެރިޔާ އަޑޭލް އެވެ. ކިޔައިދިން ލަވަތަކުގެ ތެރޭގައި "ރޯލިން އިން ދަ ޑީޕް" އާއި "ލަވް އިޒް އަ ގޭމް" އަދި "ހޯމް ޓައުން ގްލޯރީ" ފާހަގަކޮށްލެވެ އެވެ.
އޭގެ އިތުރުން، ޝޯގެ ތެރެއިން ގެނެސްދިން ސްކިޓެއްގައި ކޯޑަން އަށް ފެންނަ ހުވަފެނެއްގެ ތެރެއިން "ލޭޓް ނައިޓް" ޝޯތަކުގެ ހޯސްޓުންތަކެއް އުޅެ އެވެ. އެ ސްކިޓު ފަށާފައި ވަނީ ކޯޑަން ހޭލާއިރު ސެތު މެޔާސް އާއި ޖިމީ ކިމެލް ފެންނަ ހިސާބުންނެވެ. އޭގެ ފަހުން، ޖިމީ ފެލޮން އާއި ސްޓީވަން ކޯލްބާޓް ވެސް ސްކިޓާ ގުޅުނެވެ. އަދި އެންމެ ފަހު ހޯސްޓެއް ގޮތުގައި ދައްކާލީ ޑޭވިޑް ލެޓަމޭން އެވެ.
ކުރިން ވެސް އިއުލާނުކުރި ގެސްޓުންގެ ސެގްމަންޓު ފެށުނީ އެ ހިސާބުންނެވެ. އެއީ މަޝްހޫރު ލަވަކިޔުންތެރިޔާ ހެރީ ސްޓައިލްސް އަދި އެކްޓަރު ވިލް ފެރެލް އެވެ. އޭގެ ފަހުގައި، އެ ޝޯ އަށް އަހަރު ވަންދެން ކުރިއަށް ގެންދަން އެހީތެރިވެދިން އެންމެންނަށް ކޯޑަން ޝުކުރު އަދާކުރި އެވެ. ޝޯ ނިންމާލާފައި ވަނީ ކޯޑަން ގެ އޮރިޖިނަލް ލަވަޔަކުންނެވެ. އެ ލަވައިގާ ކިޔައިދިނީ ޝޯގެ ތެރެއިން އެންމެ ހަނދާން ހުންނާނެ ކަންކަމެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި، ކޯޑަންގެ ޝޯ ނިންމާލުމާ އެކު، 1995 ވަނަަ އަހަރު ފެށި "ދަ ލޭޓް ލޭޓް ޝޯ" ފްރަންޗައިޒް ވެސް ނިމުނީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy