މި ފެންވަރުގެ ފިލްމުތައް ހިފެހެއްޓުމެއް ނެތި އަޅުގަނޑުމެންނާ ހަމައަށް ގެނެސްދޭކަމަށްޓަކައި ދިވެހި ފިލްމީ ދާއިރާ އަށް ޝުކުރު ސަނާ ވެސް ކިޔަން ޖެހެ އެވެ. އެހެންކަމުން މިއީ، ހަމަ ހަގީގަތުގައި ވެސް އަޅުގަނޑު އެއްލާ ފިނިފެންމަލުގެ ތައުރީފެކެވެ.
ފިލްމު 'ސާޔާ' ގެ ޕޯސްޓަރެއް.
25 އޯގަސްޓް 2024 - 10:54
ދިވެހި ފިލްމަކަށް ދާން ވާނީ މި ދެވެނީ ދިވެހި ފިލްމެއް ބަލަން ކަމަށް ގަބޫލުކޮށްގެންނެވެ. މިއީ، ކޮންމެ 'ދިވެހި ފިލްމަކަށް' ވެސް ޓިކެޓް ގަންނައިރު ހިތުގެ އަޑިން އަޅުގަނޑު މިހާރު ގަބޫލުކުރާ ފުރަތަމަ އަދި އެންމެ މުހިންމު މާއްދާ އެވެ. ނުވަތަ މިއީ ދިވެހި ފިލްމެއް ބަލަން ހިތުން ނިޔަތް ގަންނައިރު ފުރިހަމަ ވާން ޖެހޭ ރުކުނެކެވެ.
ދެ ވަނަ ރުކުނަކީ، ދިވެހި ފިލްމެއް ބަލައި ނިމިގެން، އެކަމާ 'ހިތްޕުޅާ' ނުވެގެން މުޅި ރަށު ތެރޭގަ އާއި މީސްމީމީޑިއާގައި ހަމަ އެއްވެސް ވަރަކަށް އެ ވާހަކަ ދައްކަން މަސައްކަތް ނުކުރުމެވެ. މި ފިލްމެއް ބަލައި ނިމިގެން އެފަދަ އަމަލެއް ހިންގަން ތިމަންނާގޭ ސިކުނޑިން އަމުދަކުން ވިސްނައިގެން ވެސް ނުވާނެ އެވެ. ސަބަބަކީ އެކަން އެގޮތަށް ކޮށްފި ނަމަ ދިވެހި ފިލްމެއް ބެލުމުގެ ފުރަތަމަ ރުކުނާ ކަނޑައެޅިގެން ހިލާފުވާނެތީ އެވެ.
ސަބަބަކީ، 150ރ. ނުވަތަ 200ރ. އަށް ވިއްކާ ޓިކެޓެއް ގަނެގެން ކަމުގައިވިޔަސް އެ ދިވެހި ފިލްމެއް ބަލަން މި ދަނީ ދިވެހި ފިލްމުގެ ހައިސިއްޔަތު ވަރަށް ރަނގަޅަށް އެނގި ހުރެ ކަމުގައިވާ އިރު ފިލްމު ބަލައި ނިމިގެން ޝަކުވާކޮށްގެނެއް ނުވާނެ އެވެ. ނަދީމުމެން އެ ލިޔާ ޒާތަށް ރިވިއު ލިޔެގެން ނުވާނެ އެވެ. އަދި މި އަސާސީ ގަވާއިދާ ނުރުހޭ ނަމަ ދިވެހި ފިލްމު ނުބަލައި ގޭގައި އޮންނާށެވެ.
ދެން މި އޮތީ ދިވެހި ފިލްމެއް ބެލުމުގެ އަސާސީ ގަވާއިދުގެ ތިން ވަނަ މާއްދާ އެވެ. މިއީ މި މާސްޓަޕީސް ގަވާއިދުގެ ވެސް އެންމެ އާދަޔާހިލާފު ރުކުނެވެ.
އޭގައި މި އޮތީ؛ ދިވެހި ފިލްމެއް ބެލުމަށް ފަހު މީސް މީޑިއާގައި އެއަށް ތައުރީފު އުކާއިރު އަބަދުވެސް، ހަމަ ކޮންމެ ދިވެހި ފިލްމެއް ވެސް 'މާސްޓަޕީސްއެއް' ގެ ގޮތުގައި ސިފަކޮށް ހިޔާލު ފާޅުކުރަން ޖެހޭނެ ވާހަކަ އެވެ.
ނޫނެކެވެ. މިއީ ހަމަ ފުލޯކު ފެށުމެކެވެ. ނުވަތަ މާ ބޮޑަށް ބިރުގަތީމަ އަމިއްލަ އަށް މަޖާވެވުނީ އެވެ.
ސާޔާ ފިލްމު ޕްރިމިއާ ނައިޓުގައި ޑައިރެކްޓަރު ޔޫއްޕެ އެ ފިލްމުގެ ޕްރޮޑިއުސަރު އަލީ ޝަފީގާއެކު: މިއީ ޔޫއްޕެއާ އެކު ޝަފީގު ގެނެސްދިން ހަތް ވަނަ ފިލްމު. --ފޮޓޯ: ޝައި ޕްރޮޑަކްޝަން
އެކަމަކު ވަރަށް ސީރިއަސް ވާހަކައެއް ބުނަން ހެއްޔެވެ؟ ދިވެހި ފިލްމަކަށް، ހަމަ ހަގީގަތުގައި ވެސް ފާޑުކިޔަން ވާނީ ވަރަށް ރަނގަޅަށް ކުރުސިކިޔައިގެން ހުރެ އެވެ. އޮލިމްޕަސް ސިނަމާގައި ދައްކައި ނިމިފައިވާ ދިވެހި ފިލްމު 'ސާޔާ' ބަލަން އަޅުގަނޑު ފަކީރު ދިޔައީ ކުރުސި ކިޔައިގެންނެވެ. އަދި ފެނަށް ކިޔަވައިގެން، ކިޔެވި ފެނުން ފެންވަރާލައިގެންނެވެ. އެކަމަކު ގޭގައި ތަވީދު ބާއްވައިފަ އެވެ.
އޮލިމްޕަހުގައި އޮތީ ފުރާވަރުގެ ޝޯއެކެވެ. ފިލްމުގެ 17 ވަނަ ޝޯ އެވެ. ރަތް ކުލައިގެ ފަނޑުއަލިކަމުގެ ތެރޭގައި މަސްހުނިވެފައި ތިބީ ދެބައި އުމުރުގެ މީހުންނާއި ޒުވާންކުދިންގެ އޯޑިއަންސެކެވެ. ރޭގަނޑުގެ ގަޑިން ނުވައެއް ޖަހަން އުޅެނިކޮށް ފިލްމު ފަށައިފި އެވެ. މި ފެންވަރުގެ ދިވެހި ފިލްމެއް އޮލިމްޕަހުގައި މި ބެލުނީ މުޅިން އަލަށެވެ.
ތަލިން ކުޅުހިކި، ހަތަރެސް ފައިން ހީބިހި ނަގައިގަތެވެ. ގަންނާ ކުރެއްވި ބިރުންނެވެ. ބިރުގަތް ސަބަބުތައް މިތަނުގައި ލިޔަން ވެސް ބިރުގަނެ އެވެ.
މިއީ ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށް، ލީޑް ރޯލު ކުޅެ، އެޑިޓްކޮށް ފިލްމުގެ ޑަބިންގައި ވެސް އިސްކޮށް މަސައްކަތްކޮށްފައިވާ 'ޔޫއްޕެ ޕްރޮޑަކްޝަންސް'ގެ ފިލްމެކެވެ.
ޝައި ޕްރޮޑަކްޝަންސްގެ އިސްމާއިލް ޝަފީގު ޕްރޮޑިއުސްކޮށްފައިވާ މި ފިލްމުގައި ޔޫއްޕެ ކުޅެފައި ވަނީ މިހާތަނަށް އޭނާ އޮންސްކްރީނުގައި ފެނިގެން ދިޔަ އެންމެ ބިޒީ އަދި ޒިންމާތައް އެންމެ ގިނަ އެއް ރޯލެވެ. އަލަށް ކައިވެނިކޮށްގެން އުޅޭ ޖޯޑެއް ގޮވައިގެން ފަޅު ރަށަކަށް ގޮސް އެ މީހުންނަށް ނޫޑުލިސް ކެއްކުމާއި، ކޮންޓިނެންޓަލް ބްރޭކްފާސްޓާއި ސޭންޑްވިޗު ތައްޔާރުކޮށް ދިނުމާއި އެ މީހުންގެ ހަނީމޫނަށް މަސް ފިހެދިނުމުން ފަށައިގެން ގޮސް އެ ދެ މީހުންގެ ބޮޑީގާޑެއްގެ ރޯލު ވެސް ފާޑަކަށް އަދާކުރަމުން ދިޔައީ ޔޫއްޕެގެ ކެރެކްޓާ އެވެ.
މި ހުރިހާ ޒިންމާއެއް އޮންސްކްރީނުގައި އަދާކުރަމުން ފިލްމުގެ މުޅި މި ކްރޫ ގޮވައިގެން ގޮސް މި ވަރުގެ ފިލްމެއް ނަގައިގެން އައިސް އޮލިމްޕަހުގައި ކާމިޔާބު 18 ޝޯ ދެއްކުމަކީ އާދައިގެ ކުޑަ ކުޑަ ކަމެއް ނޫނެވެ. އަދި އާދައިގެ ކާމިޔާބީއެއް ވެސް ނޫނެވެ.
އަދި މިއީ ސަމާސާއަކަށް ހަދައިގެން ލިޔާ ހިޔާލުތަކެއް ވެސް ނޫނެވެ. އޮލިމްޕަހުގައި ވަރަށް ބައިވަރު ދިވެހި ފިލްމު ބެލިއްޖެ އެވެ. އެކަމަކު މިއީ ހަގީގަތުގައި ވެސް އާދަޔާހިލާފު މަސައްކަތެކެވެ.
ފިލްމު ސާޔާގެ ލޮކޭޝަންގައި ޑައިރެކްޓަރު އަދި އެކްޓަރު ޔޫއްޕެ، ފިލްމުގެ ކެމެރާމަން މާސްކޭ އަށް އިރުޝާދު ދެނީ. --ފޮޓޯ: ޝައި ޕްރޮޑަކްޝަން
މި ފިލްމަށް ބަލާއިރު އަޅުގަނޑަށް އެންމެ ކަމުދިޔައީ އެކްޓަރެއްގެ ގޮތުގަ އާއި ފިލްމު ޑައިރެކްޓަރެއްގެ ގޮތުގައި ޔޫއްޕެ ސާބިތުކޮށްދީފައިވާ ކުޅަދާނަ ކަމެވެ. އެހެންކަމުން މިއީ ދިވެހި ފިލްމުތަކުގެ ތެރެއިން ވެސް ހުނިޖަހާލާފައި ހޮވާލަން ޖެހޭ ފެންވަރުގެ ދިވެހި ފިލްމެކެވެ.
އޮލިމްޕަހުގެ ރިހި ސްކްރީނުގައި އަޅުވާ ދިވެހި ފިލްމެއްގެ މަންޒަރުތަކެއް މިވަރަށް ރީތިވެދާނެ ކަމަކަށް އަޅުގަނޑު ހުވަފެނުގައި ވެސް ގަބޫލެއް ނުކުރަމެވެ. ލޯބީގެ ބިރުވެރި ފިލްމެއްގެ ގޮތުގައި ދަރަޖަކޮށްފައިވާ މި ފިލްމުގެ ވަރަށް ގިނަ މަންޒަރުތައް ޝޫޓްކޮށްފައި ވަނީ ރަށެއްގެ ބޯ ޖަންގައްޔެއްގައި ރޭގަނޑު އެވެ. އެ މަންޒަރުތައް އޮލިމްޕަހުގެ އެ ބިޔަ ސްކްރީނުގައި ބަލަމުންދާއިރު އުފަލުން ނުވަތަ ބިރުން ގޮސް މީހެއްގެ ގައިން ހީބިހި ނުނަގާނެ ހަމަ އެއްގޮތެއް ވެސް ނެތެވެ.
ޔޫއްޕެގެ މި ފިލްމު ބަލަމުން ދިޔައިރު އަޅުގަނޑަށް ޔަގީންވީ ކަނު ބަނދެފައި ފަޅު ރަށަކަށް އެއްލާލިޔަސް މުޅި ފިލްމީ ދާއިރާއާ ވާދަކޮށްލެވޭ ވަރުގެ ދިވެހި ފިލްމެއް ޔޫއްޕެ އެކަނިމާއެކަނި ވެސް އުފައްދަފާނެ ކަމެވެ. އަދި މިހެން ލިޔުނަސް 'ސާޔާ' އަކީ އިތުރު އެތައް ބައެއްގެ ވެސް މަސައްކަތެވެ. ނަމަވެސް ޔޫއްޕެގެ ބެލުމުގެ ދަށުގައި، އޭނާގެ އިރުޝާދުގެ ދަށުގައި މި އޮތީ އަނެއްކާވެސް ފައްކާ ދިވެހި ފިލްމެއް ކައްކައި ފައްކާކޮށް ނިންމައިފަ އެވެ.
އެހެންވީމަ، ތަންކޮޅެއް ރީއްޗަށް ބުނާ ނަމަ، މި ފިލްމު ކަމުނުދާ ބަޔަކު އަދި ތުންދަމާލައިގެން ތިއްބަސް ފިލްމުގެ ޕްރޮޑިއުސަރަށް ކޮން ކަމެއް ހެއްޔެވެ؟
ފިލްމުގައި ތާކުންތާކު ނުޖެހޭ ޕްލޮޓެއް އޮވެފައި މީހަކު ލަދުން ބޯފަޅައިގެންދާ ޒާތުގެ ޑައިލޮގުން ފިލްމު ކެކިއަރަމުން ދިޔަޔަސް ކޮން ކަމެއް ހެއްޔެވެ؟ ފިލްމަށް ވަދެވުނު މޮޔަ ހީވާ ޒާތުގެ އޯވާ އެކްޓިންއާ ހެދި މި ބެލެނީ ކޮން ވައްތަރެއްގެ ފިލްމެއްކަން އޮޅޭ ހިސާބަކަށް ބެލުންތެރިޔާގެ ޖަޒުބާތު އަރައިގެން ދިޔަޔަސް، ބަލަ ކޮން ކަމެއް ހެއްޔެވެ؟
ފިލްމުގައި ލީޑް ރޯލު ކުޅެފައިވާ ބަތަލާ އައިމިނަތު ރަޝްފާ. -- ފޮޓޯ: ޝައި ޕްރޮޑަކްޝަން
'ސާޔާ' އަކީ ހަމަ ހަގީގަތުގައި ވެސް އޮލިމްޕަހުން ބެލުނު އާދަޔާހިލާފު ދިވެހި ފިލްމެކެވެ. މި ފެންވަރުގެ ފިލްމުތައް ހިފެހެއްޓުމެއް ނެތި އަޅުގަނޑުމެންނާ ހަމަ އަށް ގެނެސްދޭކަމަށްޓަކައި ދިވެހި ފިލްމީ ދާއިރާ އަށް ޝުކުރު ސަނާ ވެސް ކިޔަން ޖެހެ އެވެ.
އެހެންކަމުން މިއީ، ހަމަ ހަގީގަތުގައި ވެސް އަޅުގަނޑު އެއްލާ ފިނިފެންމަލުގެ ތައުރީފެކެވެ. އަދި އެއްގޮތަކަށް ވެސް މި ފިލްމުގައި އުޅުނު ޖިންނި އަންހެން ކުއްޖާ އަޅުގަނޑާ އަވަލައިގެން ގޮސް އޮޅުމަކުން ލިޔެވުނު ލިޔުމެއް ނޫނެވެ. އެކަމަކު ތަވީދު ބާއްވާފައި ފިލްމަށް ދެވުނީމަ ވީގޮތެއް ކަމަށް ވުން ވެސް އެކަށީގެންވެ އެވެ.
އެކަމަކުވެސް ދިވެހި ފިލްމެއް ބެލުމުގެ އަސާސީ ގަވާއިދުގެ ނުކުތާތައް ކިޔަމަންވެ، މި ފުލޯކު ވާހަކަ ލިޔެ ނިމުނީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޟަލާ
29 August 2024
މީ ފިލްމިގެ ރިވިއު އެއް ނޫން
ސީނުސސ
26 August 2024
އަވަލާފަ އިން މީހެއް ދޯ ތި ބަލަންވެސް ދާނީ
ނާނު545
25 August 2024
މިއީ ފިލްމް ރިވިއުއެއް؟
ނަދި
26 August 2024
ތީ ކޮށްފަ އިން ޖެއްސުމެއް
ނިދީމޭ
28 August 2024
ރިވިއު ކިޔާފަ ނޭނގުނު ބަލަންވީކަމެއް ނުބަލަންވީކަމެއް. އެހެންވީމަ މޮޅު ރިވިއުއެއްތާ އެ ލިއެވުނީ.