މުނިފޫހިފިލުވުން

މަނިކުގެ އެކްޓިންއަށްވުރެ މޭކަޕްގެ ކުލަތައް ރީތި!

މޭކަޕް އާޓިސްޓެއްގެ ގޮތުގައި އޭނާ ވަނީ 35 އަހަރުވީ އެކްޓިން ކެރިއާގައި ނުލިބޭ ކާމިޔާބީ ހޯދާފައި. އެކަމަކު މަނިކު ބުނަނީ މިހާރު އޭނާ ތައްޔާރުވަމުން ދަނީ ހަޔާތުގެ އެންމެ ބޮޑު ދަތުރަށް ކަމަށް.

ފިލްމީ ތަރި މުހައްމަދު މަނިކު މޭކަޕެއް ކޮށްދެނީ

ތަޖުރިބާކާރު އެކްޓަރު މުހައްމަދު މަނިކަށް ދުވަސްގަނޑެއް ކޮށްލާފައި ގުޅާލީ ދިވެހި ފިލްމު ބަލަން ގޮސް އޭނާގެ ކިބައިން ފާހަގަވާން ފެށި ތަފާތު ހުނަރުވެރިކަމާ ގުޅޭ އިންޓަވިއުއެއް ނަގާށެވެ. އެއީ އެކްޓަރެއްގެ ގޮތުގައި އޭނާ އަށް ނުލިބޭ ވަރުގެ ގިނަ ކާމިޔާބީތަކެއް މޭކަޕް އާޓިސްޓެއްގެ ގޮތުގައި ހޯދާފައިވާކަން ފާހަގަކުރެވިގެންނެވެ.

މަނިކަކީ އެކްޓްކުރުމުގެ އިތުރުން ފިލްމުތަކަށް މޭކަޕްކޮށްދޭ އާޓިސްޓެއްކަން އެނގުނީ ވެސް ހަމަ ކުއްލިއަކަށެވެ. އެއީ ވަރަށް ފަހުން އޮލިމްޕަހުގައި ބެލި ދިވެހި ފިލްމު 'ސާޔާ' އިން ފާހަގަކުރެވުނު ސްޕެޝަލް މޭކަޕްތަކެއް މާ ބޮޑަށް ކަމުދިއުމުން އެ މޭކަޕްކުރި މީހެއްގެ ޚަބަރު ބަލައިލިތަނުންނެވެ. 'ސާޔާ' ގެ ބިހައިންޑް ދަ ސީން ފޮޓޯތައް ހާވައި ބަލަމުން ދަނިކޮށް މަނިކު ފެނުނުއިރު އޭނާ އުޅުނީ މުޅި އެ ފިލްމުގައި ހިމެނޭ ހުރިހާ ސްޓާރުން މޭކަޕްކޮށް އޭގައި ފެނިގެން ދިޔަ އަނިޔާވެރި މަންޒަރުތަކަށް ހާއްސަ ސްޕެޝަލް މޭކަޕްތައް ވެސް ފަރިކުރުމުގަ އެވެ.

އޮލިމްޕަހުގައި ރިކޯޑަކަށް ފަހު ރިކޯޑެއް މުގުރަމުން އަންނަ 'ކަމަނާ' ގައި ވެސް ސްޕެޝަލް މޭކަޕް އަދި ފިލްމުން ފެންނަ ހުރިހާ ފިރިހެން އެކްޓަރުންގެ މޭކަޕްކުރީ މަނިކެވެ. މި ލިސްޓު އޭނާގެ 35 އަހަރުވީ ފިލްމީ ހަޔާތަށް ވުރެ ދިގުކޮށް ވެސް ލިޔެވެން އެބައޮތެވެ.

ފިލްމު ސާޔާގެ ސެޓުގައި މަނިކު ސްޕެޝަލް މޭކަޕްކުރަނީ.

އެކަމަކު އޭނާގެ މި ހުރިހާ ކުޅަދާނަކަމެއްގެ ތެރޭގައިވީ ކުލަތަކުގެ ތެރެއަށް ފީނައިގަތުމުގެ ކުރިން އެންމެ ފުރަތަމަ މަނިކުގެ ހާލު ވެސް އަހާލީމެވެ. ލުކީމިއާ އަށް ޑައިގްނޯސްވެ އޭނާ ކެންސަރަށް ފަރުވާ ހޯދަމުން އަންނަތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސްވީ އެވެ. އަދި ފިލްމީ ދާއިރާގެ މަސައްކަތުގައި ކުރިން އުޅުނުހާ އަވަދިނެތިކޮށް މި ދުވަސްކޮޅު ނުވެސް އުޅެވެ އެވެ.

"އެންމެ ފުރަތަމަ ވަރަށް ބޮޑަށް ވަރުބަލިވާތީ ޑޮކްޓަރަށް ދެއްކީ. ފެމިލީ ކެއާ އަށް ދެއްކީ މިދިޔަ އަހަރުގެ މެއި މަހު. ދެން ޝައްކުވެގެން އައިޖީއެމްއެޗަށް ގޮސް ޓެސްޓްހަދައިގެން ޔަގީންވެއްޖެ. އެހިސާބުން ފުރީ އިންޑިއާ އަށް،" ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލްގައި ފަރުވާ ހޯދުމަށް ފަހު މަނިކު ބުނީ މި ވަގުތު ހުރިހާ ކަމެއް ވެސް ދަނީ ރަނގަޅަށް ކަމަށެވެ.

"ދެން އަޅުގަނޑު މިއީ ހަކުރު ވެސް ހުންނަ މީހެއް. އެކަން އެނގުނީ ކޮވިޑް ތެރޭގައި. ދެން ކެއިންބުއިން ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްގެން ކުރިއަށް މި ދަނީ. އެކަމަކު ރެސްޓްކުރަންވާ ވަރަށް ރެސްޓްނުކުރެވިގެން މި ދޭތެރެއަކުން ގޯސްވި. އެކަމަކު މިހާރު އަނެއްކާވެސް ރަނގަޅު،" މަނިކު ބުނީ އޭނާ އަށް މިއަދު ވެސް އަދި އަބަދުވެސް ލިބޭ އެންމެ ބޮޑު ހިތްވަރަކީ އޭނާގެ އަންހެނުން، ބަތަލާ ޝީލާ ނަޖީބު ކަހަލަ އަންބެއް ގާތުގައި ހުރުން ކަމަށެވެ.

"އަންބަކަށް ލިބިފައި މިހުރީ ވަރަށް ސަޅި މީހެއް. އެހެންވީމަ ވަރަށް ރަނގަޅު ހުރިހާ ކަމެއް ވެސް. އަހަރެން ބޭނުންވާ ހުރިހާ ކަމެއް ވަރަށް ރަނގަޅަށް އެނގޭ މީހެއް ޝީލާ އަކީ. ބަލިވެގެންނޭ ބުންޏަސް ހަގީގަތުގައި އޭގެ [ދެރައެއް] އަޅުގަނޑަކަށް އިހުސާސެއް ނުވޭ. އެއަށް ވުރެ ޝީލާ މާ ރަނގަޅު އަޅުގަނޑަށް،" އަންހެނުންނަށް ތައުރީފު އޮއްސަމުން މަނިކު ބުންޏެވެ.

ދެން އޭނާ ކިޔައިދޭން ފެށީ މޭކަޕްކުރުމުގެ ތެރެއަށް ވަދެވުނު ގޮތާއި ފިލްމީ ދާއިރާ އިން ފަށައިގެން ގޮސް ރައްޓެހިންނާއި އަންހެނުންގެ މޭކަޕް ވެސް ކޮށްދޭން ފަރިތަވެފައިވާ ވަރެވެ. މަނިކު ބުނީ މޭކަޕްކުރަން ޖެހުނީ ކުރިން ސިފައިންގޭގައި އުޅުނު އިރު އުފެއްދި ޓެލެޑްރާމާއެއްގައި މޭކަޕްކޮށްދޭނެ މީހަކު ނުވެގެން ކަމަށެވެ.

"އެއީ 2001 ވަނަ އަހަރު. ދެން އޭގެ މަސައްކަތުގައި މޭކަޕް އާޓިސްޓެއް ބޭނުންވެގެން ބެލިއިރު ނެތް މޭކަޕްކުރާ މީހެއް އަޅުގަނޑުމެންގެ ތެރޭގައެއް. ދެން މޭކަޕްކުރާނެ މީހަކު ނެތިގެން އަޅުގަނޑު މަޑުމަޑުން މޭކަޕްކުރަން ފެށީ،" މަނިކު ބުނީ އޭރު އެކަމުގައި ހަމަ އެކައްޗެއް ވެސް އޭނާ އަށް ނޭނގޭ ކަމަށެވެ.

މުހައްމަދު މަނިކު އޭނާގެ އަންހެނުން ޝީލާ ނަޖީބުއާ އެކު.

"އެގޮތަށް ފެށިއިރު ބޭސިކޭ ކިޔާނެ ކަމެއް ނެތް، ހަމަ އެއްވެސް އެއްޗެއް ނޭނގި ހުރެ މޭކަޕްކުރަން ފެށީ. އަންހެން ކުއްޖެއްގެ ލޮލުގައި އައިޝެޑޯ ކޮށްލާކަށް ވެސް ނޭނގޭނެ އޭރަކު. އެކަން ކުރަން ޖެހޭ ގޮތަށް އެކަން ކުރާކަށް ނޭނގޭނެ."

މޭކަޕް އާޓިސްޓެއްގެ ގޮތުގައި މާ ގިނަ ތަޖުރިބާ އާއި ރަސްމީ ތަމްރީނުތަކެއް އޭރު ލިބިފައި ނެތަސް މަނިކު ބުނީ އޭރު ވެސް އޭނާގެ އޮތީ އާޓާއި އޭގައިވީ ކުލަތަކުގެ ތެރެއަށް ގެއްލިފައި އޮތް ހިތެއް ކަމަށެވެ.

ކުރެހުމަށް އޮތް ލޯތްބާއި ކުރެހުންތެރިއެއްގެ ގޮތުގައި ލިބިފައިވީ އާދައިގެ ހުނަރުވެރިކަން އެންމެފަހުން މަނިކު ގޮވައިގެން ގެންދިޔައީ ފިލްމީ ދާއިރާގައި އޭނާ ކުރިން ތަޖުރިބާކޮށްފައި ނުވާ ދިމާލަކަށެވެ.

"މި ދާއިރާއިން ކުރިއަށް ދާން އަޅުގަނޑަށް އެންމެ ބޮޑު ހިތްވަރެއް ދިނީ އަންހެނުން ޝީލާ އަދި ބަތަލާ ނިއުމާ މުހައްމަދު. އެ މީހުން ބުނީ ހަޑިވިޔަސް ހެވޭ، ޖައްސާށޭ. މޭކަޕްކުރާށޭ. އެއީ ކޮންފިޑެންސް ލިބުނު ވަރަށް ބޮޑު ސަބަބެއް،" މޭކަޕް އާޓިސްޓެއްގެ ގޮތުގައި ޑްރާމާތަކުގައި މަސައްކަތް ފަށައިގެން ފިލްމީ ދާއިރާގައި ލިބެން ފެށި ފުރުސަތުތަކުގެ ބޭނުން ވެސް މަނިކު ހިފަން ފެށި އެވެ.

އެހެން އުޅެނިކޮށް މޭކަޕް އާޓިސްޓެއްގެ ގޮތުގައި ލެވެލް އަޕް ވެލުމަށް އޭނާ އަށް ލިބުނީ ރަނުގެ ފުރުސަތެކެވެ.

"އެއީ އެންސީއޭ އިން ބޮލީވުޑްގެ ތަޖުރިބާ ހުރި މޭކަޕް އާޓިސްޓެއް ގެނެސްގެން ހިންގި ވޯކްޝޮޕެއް. އެ ވޯކްޝޮޕް ނިންމާލިއިރު ވަރަށް ކޮންފިޑެންސް ބިލްޑްވެއްޖެ. މޭކަޕްކުރާއިރު އެއްޗެހިތައް ގެންގުޅެން ޖެހޭ ގޮތްތައް ދަސްވެ ބައިވަރު ކަންކަން ދަސްވެއްޖެ. އޭގައި ކިޔަވައިދިން ސްޕެޝަލް މޭކަޕްގެ ބޭސިކް ވެސް،" މަނިކު ބުންޏެވެ.

އޭނާ ބުނީ އެ ތަމްރީނުތަކަށް ފަހު އަލަށް ފަހު ސްޕެޝަލް މޭކަޕެއްކުރީ އެއާޕޯޓުގައި ބޭއްވި ފަޔަ ޑްރިލްއެއްގައި ބައިވެރި މީހުންތަކެއްގެ ކަމަށެވެ. އަދި އެ ދުވަހުން ފެށިގެން ފިލްމީ ދާއިރާގައި މަނިކުގެ މުޅިން އެހެން ހުނަރެއް އައު ހަރުފަތަކަށް އެރީ އެވެ. މޭކަޕް އާޓިސްޓެއްގެ ގޮތުގައި މަނިކު ހޯދާފައިވާ ކުރިއެރުން އެންމެ ބޮޑަށް ފާހަގަކުރަން ޖެހެނީ އެކްޓަރެއްގެ ގޮތުގައި އޭނާ ފެށި ކެރިއަރަށް ވުރެ ވެސް މައްޗަށް މި ދާއިރާގައި މިއަދު އޭނާ ކުރިއަށް ޖެހިލާފައިވުމުންނެވެ.

އޮލިމްޕަހުގައި ރިކޯޑްތައް މުގުރި 'ކަމަނާ' އިން މަނިކުގެ ސްޕެޝަލް މޭކަޕް ފެނިގެން ގޮސްފައިވާއިރު އޮލިމްޕަހުގައި މީގެ ކުރިން ރިކޯޑް މުގުރި ދިވެހި ފިލްމު 'ނިއުމާ' އިން އޭނާ ވަނީ ގައުމީ ފިލްމު އެވޯޑްސްގައި އެންމެ މޮޅު މޭކަޕް އާޓިސްޓްގެ އެވޯޑް ވެސް ހާސިލުކޮށްފަ އެވެ. ނަމަވެސް އެއީ މޭކަޕް އާޓިސްޓެއްގެ ގޮތުގައި އޭނާ އަށް ލިބުނު ހަމައެކަނި އެވޯޑެއް ނޫނެވެ.

ނަމަވެސް މަނިކު ބުނަނީ މިހެންނެވެ.

ފިލްމު ސާޔާގެ ސެޓުގައި މަނިކު، ބަތަލާ އާޝާގެ މޭކަޕްކޮށްދެނީ.

"މޭކަޕް މިއީ އަސްލު އަޅުގަނޑަށް އެންމެ ނުކުރެވޭ ކަންތައް. ގްލެމާ މޭކަޕް ނަގައިގެން ކުރުމަކީ ވެސް ބޮލަށް އުނދަގޫވާވަރުގެ ކަމެއް އަސްލު. ވެޑިންތަކަށް ވެސް މޭކަޕްކޮށްދެން. އެކަމަކު ބޮޑަށް މޭކަޕްކޮށް ދެނީ ރައްޓެހިންނަށް،" މަނިކު ކިޔައިދިނެވެ.

"ޝީލާ ވެސް އިވެންޓަކަށް ދާ ނަމަ އާންމުކޮށް އޭނާގެ މޭކަޕް ވެސް ކުރާނީ އަޅުގަނޑު. ބޮޑެތި އިވެންޓްތަކަށް ދާ ނަމަ އަޅުގަނޑު ލައްވައި މޭކަޕްކުރުވާނެ. މޭކަޕްކުރުމަކީ ދެ ވަނަ މަސައްކަތެއްގެ ގޮތުގައި ފެށި ކަމެއް. އެކަމަކު މިހާރު އޭގެ ތެރޭގައި ވެސް އުޅެވޭ ފުދޭވަރަކަށް."

ފުދޭވަރަކަށް ނޫންކަން ޔަގީނެވެ. މިހާރު ވެސް އޭނާ އަށް ފިލްމެއްގެ މޭކަޕް މަސައްކަތެއް ލިބިފައި އެބައޮތެވެ. އެކްޓްކުރުމުގެ ފުރުސަތު ވެސް އެބަހުއްޓެވެ. އަދި މަނިކަކީ ބައެއް ފިލްމުތަކުގައި ޕްރޮޑަކްޝަން މެނޭޖަރެއްގެ ޒިންމާތައް ވެސް އަދާކުރާ ފަރާތެކެވެ. ނަމަވެސް އޭނާ ބުނީ ސިއްހީ ހާލަތު މިވަގުތު ހުރި ގޮތުން ކުރީގެ ބިޒީ ލައިފް ފިލްމީ ދާއިރާގައި މި ދުވަސްކޮޅު އުޅެވެން ނެތް ކަމަށެވެ.

އަދި އެހެން ވާހަކައެއް ވެސް ބުންޏެވެ.

"މި ވާހަކަ ކޮންމެހެން ވެސް ޖަހައި ދެއްޗޭ. އެއީ އަޅުގަނޑުގެ ކުދިން ކިޔަވައި ނިމުނީމާ މިހާރު އަތޮޅު ތެރެއަށް އަޅުގަނޑުގެ ދިރިއުޅުން ބަދަލުކޮށްލަން މި ވިސްނަނީ. މި މާލޭގައި ނޫޅޭނަން ކުދިންތައް ކިޔަވައި ނިމުނީމާ. ކޮންމެވެސް ރަށަކަށް ގޮސް ކުޑަކުޑަ މަސް ޑިންގީއެއް ހިފައިގެން، އުޅުނީމާ އެހެރީ ނިމިފައި. އެކަހަލަ އަރާމު ލައިފެއް މިހާރު ބޭނުންވަނީ،" މަނިކު ބުނެލި އެވެ.

9 ކޮމެންޓް, 19 ރިއެކްޝަންސް

icon happy icon happy 26%
icon sad icon sad 11%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 63%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކައުންސެލަރު..

26 September 2024

މަނިކަށް އަވަސް ޝިފާއަކަށް އެދެން. އަދި މަސައްކަތުގައި އިތުރު ކުރިއެރުމަށް އެދެން.

The name is already taken The name is available. Register?

ބޫތި

25 September 2024

ޓެޑް ވެސް މޭކަޕް ކުރޭ

The name is already taken The name is available. Register?

ސީޝެލް މީޑިއާ

23 September 2024

އިހަކަށް ދުވަހު ސައީދު ކުރި ކޮމެންޓަކާ ގުޅިގެންވެސް މަނިކުގެ ހުނަރު ދައްކައިލި

The name is already taken The name is available. Register?

އަރާމު ލައިފް

23 September 2024

އަހަރެންވެސް ބަދަލުވާނެ ރަށެއް އޮތްނަމައޭ ހިތައްއަރާ. ކިހާސަޅިވާނެ.

The name is already taken The name is available. Register?

ހަސަނޭެ

23 September 2024

އާރޓިކަލްގެ ވަކި ހިސާބަކުން، މައުސް ސްކްރޯލްކޮށް މައްޗަށް ޖައްސައިލިން. ނަދީމްކަން ޔަގީންކޮށްލަން. މިކަހަލެ އާރޓިކަލް ލިޔަން ނަދީމުވަރުގެ މީހެއް ނުހުންނާނެ. އިތުރު ކާމިޔާބީއަށް އެދެން.

The name is already taken The name is available. Register?

ބިގްފޭން

23 September 2024

ލިއުމުން އެނގިގެންދިއައީ މާލޭގަ މީހުން އުޅެނީ އުޅޭހިތަކުންނޫންކަން މަޖުބޫރުވެގެންކަން ކިތައްމެ ހަނި ފުރުސަތަކުންނަމަވެސް ތޮއްޖެހުފަވާ މާލެއިން ނިކުމެ ސަލާމަތްވާން އެތައްބަޔަކު މަނިކުހެން ތިބޭނެލަން. ކޮންމެ މަސައްކަތަކީވެސް ކުރަން އުޅެފިނަމަ ކާމިޔާބުލިބޭނެ ކަމެއްކަން މަނިކު ސާބިތުކޮށްދީފި. މަނިކަށް ބާއްޖަވެރި ހަޔާތަކާއި ފުރިހަމަ ސައްހަތެއް ދެއްވާށި.

The name is already taken The name is available. Register?

ފްރެންޑް

23 September 2024

ކަމަނާ ފިލްމަށް ނަދީމުގެ ރިވިއުއެއް ގެނެސް ދީބަލަ. ފިލްމު ކްރިޓިކްއަކަށް ނަދީމު ވަރުގެ ކަމުދާ މީހަކު ނެތް މިގައުމުގަ

The name is already taken The name is available. Register?

ސަނައްތޭ

23 September 2024

އަސްލުވެސް. އެއަށް ވަރަށް އިންތިޒާރު ކުރެވޭ. ނަދީމް އެކަމާ އުޅެބަލަ

The name is already taken The name is available. Register?

މިހާރުމިވީގޮތުން

24 September 2024

މިހާރު މިވީގޮތުން މަނިކެއްނޫނެއްނު ކުލަތައްރީތީ ނަދީމުގެއެއްނު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454