ޝާހީ އާއިލާގެ ޒިންމާތަކުން ވަކިވެވަޑައިގެންނެވިތާ ހަ އަހަރު ފަހުން، ޕްރިންސް ހެރީ އާއި އޭނާގެ އަނބިކަނބަލުން މޭގަން މާކުލް އަލުން އިނގިރޭސިވިލާތަށް ދިރިއުޅުއްވުން ބަދަލުކުރައްވަން ނިންމަވާފައިވާ ކަމަށް އިނގިރޭސި މީޑިއާތަކުން އިއްޔެ ރިޕޯޓްކޮށްފި އެވެ.

"ދަ ޓެލެގްރާފް" ނޫހުން ބުނީ ރަސްގެފާނު ޗާލްސްގެ އެންމެ ހަގު ދަރިކަލުން ހެރީ އޭނާގެ އާއިލާއާ އެކު، މި މަސް ނިމުމުގެ ކުރިން އެމެރިކާ ދޫކުރައްވައި ލަންޑަނަށް ދިރިއުޅުއްވުން ބަދަލުކުރައްވަން ނިންމަވާފައިވާ ކަމަށެވެ. އަދި އެ ބޭފުޅުން ލަންޑަނުގައި ދިރިއުޅުއްވަން މިހާރު ގެއެއް ވެސް ހޯއްދަވާފައިވާ ކަމަށް އެ ނޫހުގައި ބުންޏެވެ. 

ބީބީސީ ހިމެނޭ ގޮތަށް އިނގިރޭސިވިލާތުގެ ގިނަ މީޑިއާތަކުން ރިޕޯޓްކުރި ގޮތުގައި، އެ ދެކަނބަލުންގެ ބޭފުޅުން ކަމަށްވާ ހަތް އަހަރުގެ އާޗީ އާއި ފަސް އަހަރުގެ ލިލިބެޓް، އަންނަ މަހު ކުރީކޮޅު ފަށާ ދިރާސީ އާ އަހަރަށް އިނގިރޭސިވިލާތުގެ ސްކޫލެއްގައި މިހާރު ވަނީ ބައިވެރިކޮށްފަ އެވެ.

ހެރީގެ އާއިލާ ދިރިއުޅުއްވަން އާ ގެއެއް ހޯއްދެވި ނަމަވެސް، އެއީ ޝާހީ އާއިލާ ގުޅުންހުރި ތަނެއް ނޫން ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.

މީގެ ހަ އަހަރު ކުރިން 2020 ގައި ޝާހީ އާއިލާގެ މަސްއޫލިއްޔަތުތަކުން ވަކިވެޑައިގެންނެވި ފަހުން ހެރީ އާއި މޭގަން ދިރިއުޅުއްވީ އެމެރިކާގެ ކެލިފޯނިއާގަ އެވެ. 

އުމުރުން 41 އަހަރުގެ ހެރީ އާއި 45 އަހަރުގެ މޭގަން އިނގިރޭސިވިލާތް ދޫކުރައްވައި އެމެރިކާއަށް ބަދަލުވެވަޑައިގަތީ އާއިލާ ތެރޭ އުފެދުނު ބޮޑު ހިޔާލު ތަފާތުވުންތަކެއްގަ އެވެ. އެ މައްސަލަ އިތުރަށް ގޯސްވީ ހެރީގެ އަމިއްލަ ހަޔާތުގެ ވާހަކަތައް ހިމެނޭ "ސްޕެއާ" ފޮތް ނެރުމާއި އެމެރިކާގެ ޓޯކް ޝޯ ހޮސްޓް އޯޕްރާ ވިންފްރީއަށް ދެއްވި އިންޓަވިއުއަށް ފަހުގަ އެވެ. އެ ދެކަނބަލުން ވަނީ ޝާހީ އާއިލާ ގޯސްކޮށް އެތައް ވާހަކައެއް ދައްކަވައިފަ އެވެ. 

ޕްރެސް އެސޯސިއޭޝަން (ޕީއޭ) އިން ބުނި ގޮތުގައި، ހެރީގެ ދެކަނބަލުން އެނބުރި އިނގިރޭސިވިލާތަށް ވަޑައިގަންނަވާކަން އުމުރުން 77 އަހަރުގެ ރަސްގެފާނު ޗާލްސް އަށް އެނގިވަޑައިގަތީ މިދިޔަ އާދިއްތަ ދުވަހު އެވެ.

ޝާހީ އާއިލާއާ ބައްދަލުކުރެއްވުމުގެ ފުރުސަތު އެ ދެކަނބަލުންނަށް ދޭނެ ކަމަށާއި އެކަމަކު އެ ދެކަނބަލުންގެ ހައިސިއްޔަތަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އަދި ޝާހީ އާއިލާގެ އެއްވެސް ޒިންމާއެއް ވެސް ހަވާލު ނުކުރާނެ ކަމަށް ޕީއޭ އިން ރިޕޯޓްކޮށްފައިވެ އެވެ. 

އިނގިރޭސި ސަރުކާރުން ފޯރުކޮށްދޭ ސެކިއުރިޓީ ހުއްޓާލި މައްސަލައިގައި ކޯޓުން ނާކާމިޔާބުވުމާ ގުޅިގެން އިނގިރޭސިވިލާތަށް އާއިލާ ގޮވައިގެން ވަޑައިގަތުމަކީ ރައްކާތެރި ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް ހެރީ ކުރިން ވިދާޅުވެފައިވެ އެވެ. އެ މައްސަލަައިގައި މިދިޔަ އަހަރު އިއްވި ހުކުމަށް ފަހު ހެރީ ވިދާޅުވެފައި ވަނީ އޭނާގެ އާއިލާ ރައްކާތެރިކަމާ އެކު އިނގިރޭސިވިލާތަށް ގެންދިއުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ނަމަވެސް، ހޯމް އޮފީހުގެ ތަރުޖަމާނަކު ވިދާޅުވީ އިނގިރޭސިވިލާތުގެ ސެކިއުރިޓީ ނިޒާމަކީ "ހަރުދަނާ އަދި އެކަށީގެންވާ" ނިޒާމެއް ކަމަށާއި ނިންމުންތައް ނިންމަނީ ހޯމް އޮފީހާއި މެޓްރޯޕޮލިޓަން ޕޮލިސް އަދި ރޯޔަލް ހައުސްހޯލްޑް ހިމެނޭ ކޮމިޓީއަކުން ކަމަށެވެ.

އެ ހައިރާންކުރުވަނިވި ނިންމުން އައިސްފައި ވަނީ މިދިޔަ މަހު ކުރީކޮޅު ހެރީ އާއި މޭގަން ދަރިންނާ އެކު އިނގިރޭސިވިލާތަށް ކުރެއްވި ކުރު ދަތުރެއްގައި ރަސްގެފާނު ޗާލްސްއާ ބައްދަލުކުރެއްވުމަށް ފަހު އެވެ.

ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން އަންނަ ރަސްގެފާނު ޗާލްސްއާ އެކު ގުޅުން ރަނގަޅު ކުރައްވަން ބޭނުންވާ ކަމަށް ހެރީ މިދިޔަ އަހަރު ވިދާޅުވެފައިވެ އެވެ. ނަމަވެސް، ހެރީގެ ބޭބެ ޕްރިންސް ވިލިއަމް އާއި އޭނާގެ އަނބިކަނބަލުން ކެތުރިންއަށް މި ޚަބަރު އެނގިވަޑައިގެންފައިވާ ކަމެއް ސާފެއް ނުވެ އެވެ.

ޝާހީ އާއިލާގެ ކަންކަން ދިރާސާކުރައްވާ ރިޗާޑް ފިޓްޒްވިލިއަމްސް ވިދާޅުވި ގޮތުގައި، މިއީ "ވަރަށް އާދާޔާޚިލާފު ކުރިއެރުމެކެވެ". އޭނާ ވިދާޅުވީ އެ ދެމަފިރިން އެމެރިކާގައި ކާމިޔާބު ނުވި ކަމަށާއި ހޮލީވުޑްގެ އޭ-ލިސްޓް ތަރިންގެ ގޮތުގައި ކުރިއަށް ދިއުމަށް ނުކުޅެދުނީ ކަމަށެވެ. އަދި 2020 ގައި ނެޓްފްލިކްސްއާ އެކު 100 މިލިއަން ޑޮލަރުގެ އެއްބަސްވުމެއް ހެދި ނަމަވެސް، އެކަން ވެސް ނާކާމިޔާބުވީ ކަމަށް އޭނާ ވިދާޅުވި އެވެ. 

"ދަ ސަން" ނޫހުން ބުނި ގޮތުގައި، މި ދެކަނބަލުން ކެލިފޯނިއާގެ މޮންޓެސިޓޯގައިވާ ގެ އާއި ޕޯޗުގަލްގައިވާ ގެ ވެސް އަދި ވިއްކައެއް ނުލަ އެވެ.

މި ޚަބަރު ފެތުރުނީ ޕްރިންސެސް ޑަޔާނާގެ ކޮއްކޮ ޗާލްސް ސްޕެންސާ، ޑަޔާނާގެ ހަޔާތާ ބެހޭ ގޮތުން ފޮތެއް ލިޔުއްވާފައިވާކަން ހާމަކުރެއްވިތާ ދެވަނައަށްވީ ދުވަހު އެވެ. ޑަޔާނާ މަރުވިތާ 30 އަހަރު ފުރެން ކައިރިވެފައި ވަނިކޮށް ނެރޭ "ސްވާން ސޯންގް: ޑަޔާނާ، މައި ސިސްޓާ" ފޮތް ނެރެނީ އަންނަ މަހު 22 ގަ އެވެ.