ޑާކް ރެއިނުން އިތުރު އާ ދެ ފިލްމެއް އިއުލާންކޮށްފި

ޑާކް ރެއިން އެންޓަޓައިންމަންޓުން ހުކުރު ދުވަހު ފާހަގަކުރި އެތަނުގެ 12 ވަނަ އަހަރީ ދުވަހާ ދިމާކޮށް އިތުރު އާ ދެ ފިލްމެއް އިއުލާންކޮށްފި އެވެ.


އަލަށް އިއުލާންކުރި ދެ ފިލްމުގެ ތެރެއިން އެއް ފިލްމަކީ މި އަހަރުގެ ފުރަތަމަ ފިލްމު "ނިވައިރޯޅި" ގެނެސްދިން މޫމިން ފުއާދުގެ "ބައިސާ" އެވެ. އޭނާ ލިޔެ، ޑައިރެކްޓްކުރާ ފިލްމުގެ ބަތަލާ އަކީ ފިލްމީ ދާއިރާގައި މިހާރު އެންމެ ބޮޑަށް ކުރިއަމުން އަންނަ އަދި އެންމެ ވިދާ އެއް ބަތަލާ ނުޒުހަތު (ނުޒޫ) ޝުއައިބެވެ.

"ބައިސާ" އާ ބެހޭ އިތުރު ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.

ޑާކް ރެއިނުން އިއުލާންކުރި ދެވަނަ ފިލްމަކީ މި އަހަރު އެޅުވި ދެވަނަ ފިލްމު "ގޮށްރާޅު" ގެ ޑައިރެކްޓަރު އަހުމަދު ޝިނާންގެ "ބަނޅިދު" އެވެ. މި ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ އިބްރާހީމް ހޫދެވެ. މި ފިލްމާ އިތުރު ތަފުސީލެއް ވެސް ޑާކް ރެއިނުން އަދި ނުދެ އެވެ.

އެކަމަކު މިދިޔަ އަހަރު ޑާކް ރެއިނުން ވަނީ ޝިނާން ދެން ހަދާނީ ބިރުވެރި ފިލްމެއް ކަމަށް ބުނެފަ އެވެ. އޭނާ ޑައިރެކްޝަނަށް ނުކުތީ ވެސް ބިރުވެރި ފިލްމަކުންނެވެ. އެއީ 2016 ގައި ފާތުމަތު ނަހުލާއާ ގުޅިގެން ގެނެސްދިން "4426" އެވެ.

މި އަހަރު "ގޮށްރާޅު" އާއި "މާމުއި" ގެނެސްދިން ޑާކް ރެއިނުން އިއުލާންކޮށްފައިވާ ފިލްމުގެ ތެރޭގައި އަލީ (ޗިއްޕެ) ޝިފާއު ޑައިރެކްޓްކުރާ ލޯބީގެ ފިލްމު "ނޮވެމްބާ" ހިމެނެ އެވެ. މިދިޔަ އަހަރު އިއުލާންކުރި މި ފިލްމުގެ މައިގަނޑު ކާސްޓުންނަކީ ޖުމައްޔިލް (ޖުމަލް) ނިމާލާއި މަރިޔަމް (މަޖޫ) މަޖުދާގެ އިތުރުން ކުރީގެ އެކްޓަރު އިސްމާއީލް ވަޖީހެވެ.

ޑާކް ރެއިނުން ބުނެފައިވާ ގޮތުގައި "ނޮވެމްބާ" ގެ ޝޫޓިން ފެށުމުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ އިރު، މި ފިލްމަކީ މާލެ އާއި ސިންގަޕޫރްގައި މަންޒަރުތައް ނަގާނެ ފިލްމެކެވެ. މި ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ "މާމުއި" ގެ ވެެސް ސްކްރީންޕްލޭ ލިޔުނު އައިޝަތު ފުއާދު ތައުފީގާއި އަހުމަދު ތޮލާލެވެ.

މިހާތަނަށް 12 ފީޗާ ފިލްމު ގެނެސްދިން ޑާކް ރެއިނުން ނަން އިއުލާންކުރި ތިން ފިލްމަކީ ވެސް އަންނަ އަހަރު ބެލުންތެރިންނަށް ގެނެސްދޭން އަމާޒު ހިފާފައިވާ ފިލްމުތަކެވެ. އަދި ވަރަށް އަވަހަށް އިތުރު ދެ ފިލްމެއް ވެސް އިއުލާންކުރާނެ ކަމަށް އެ ސްޓޫޑިއޯ އިން ބުންޏެވެ.

ޑާކް ރެއިނުން މުނިފޫހިފިލުވުމުގެ ދާއިރާ އަށް ނުކުތްތާ 12 އަހަރު ފުރި، 13 ވަނަ އަހަރަކަށް މިސްރާބު ޖެހި އިރު، އެ ސްޓޫޑޯގެ އުފެއްދުންތަކަށް މިހާތަނަށް 52 އެވޯޑް ލިބިފައިވެ އެވެ.