މި އަހަރަށް ކިތައް ދިވެހި ފިލްމު؟

މިދިޔަ އަހަރު ނިމުނީ ނުވަ ފިލްމެއް ބެލުންތެރިންނާ ހަމައަށް ގެނެސް ދިނުމަށް ފަހު އެވެ. އެހެންވެ، އެއީ ދިވެހި ފިލްމު އިންޑަސްޓްރީގެ ނާކކާމިޔާބު އަހަރެއް ކަމަށް ފިލްމީ ދާއިގެ ފަރާތްތަކުން ނުދެކެ އެވެ. އެއީ ކާމިޔާބު އަހަރެކެވެ. ދެން އޮތީ މި ފެށުނު އަހަރު ވެސް އެ ކާމިޔާބީ ހާސިލް ކުރުމެވެ.


އެހެންވެ، އާ އަހަރަކާ އެކު އަނެއްކާ ވެސް ދިވެހި ފިލްމީ ދާއިރާއާ ދޭތެރޭ ކުރެވޭ އުންމީދުތައް ބޮޑެވެ. ހަމަ ޔަގީނުން ވެސް މިދޔަ އަހަރު ނުކުތް ފިލްމުތަކަށް ވުރެ އިތުރަށް، އަދި އެ އަށް ވުރެ ފުރިހަމަ، މޮޅު، ރީތ، ޝަރަފުވެރި ފިލްމުތަކެއް މި އަހަރު ދިވެހި ސިނަމާގައި ބަލައިލަން ލިބޭނެ ކަމަށް ދިވެހި ފިލްމުތަކަށް ލޯބިކުރާ މީހުން ދެކޭނެ އެވެ.

މި އަހަރު ރިލީޒް ވާނީ ކިތައް ފިލްމު ކަމެއް ބުނާކަށް އަދިއެއް ނޭނގެ އެވެ. އެކަމަކު އަޅުވާނެކަން ޔަގީންވާ ފިލްމުތަކެއް މިހާރު ވެސް އެބަ ހުއްޓެވެ. އޭގެ ތެރޭގައި މިހާރު ވެސް މަސައްކަތްތައް ކުރިއަށް ގެންދާ ބައެއް ފިލްމުތަކާއި މަސައްކަތްތައް ނިންމާފައި ހުރި ފިލްމުތަކެއް ވެސް ހިމެނެ އެވެ.

މި އަހަރުގެ ފުރަތަމަ ފިލްމަކަށް ފަހަރުގައި އަލީ ސީޒަންގެ "އަނދިރިކަން" ވެދާނެ އެވެ. އެއީ، ކުރިިން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހަށް ތާވަލު ކޮށްފައި، ފަހުން މި އަހަރަށް ފަސްކުރި ފިލްމެކެވެ.

ސީޒަން ބުނެފައިވާ ގޮތުގައި އާއިލީ ޑްރާމާއެއްގެ ގޮތުގައި އޭނާ ޑައިރެކްޓްކޮށް، ބަތަލުގެ ރޯލް ކުޅެފައިވާ ފިލްމަށް އޮލިމްޕަހުން ޖާގައެއް ހޯދަން ވަނީ ހުށަހަޅައިފަ އެވެ. އެހެންވެ، އޭނާ ވެސް އުންމީދު ކުރަނީ މި އަހަރުގެ ފުރަތަމަ ފިލްމަކަށް "އަނދިރިކަން" ވެދާނެ ކަމަށެވެ. އަހުމަދު ޒަރީރުގެ ސްކްރީންޕްލޭ އަކަށް ހަދާފައިވާ މި ފިލްމުގެ ބަތަލާއިންނަކީ ދާފި ފަހުން ބުރުގާ އެޅި ޝީލާ ނަޖީބާއި އައިމިނަތު ރިޝްފާ އެވެ.

މަސައްކަތްތަކުގެ ބޮޑު ބައި ނިންމާފައި ވާތީ އަހަރުގެ ކުރީކޮޅު އަޅުވާނެ ކަމަށް ބެލެވޭ އަނެއް ފިލްމަކީ ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށް އަދި މުހިއްމު ރޯލެއް ވެސް ކުޅެފައިވާ "ކޮސް ގިނަ މިސްޓޭކް" އެވެ. ބޮޑު ކާސްޓެއް ހިމެނޭ މީގެ ތަރިންގެ ތެރޭގައި ނުޒުހަތު ޝުއައިބް (ނުޒޫ) އާއި އަހުމަދު އީސަ (އާނަންދު) އާއި މަރިޔަމް އައްޒަ އާއި ސީޒަނާއި އަލީ އާޒިމް (ދޮން އައްޔަ) ހިމެނެ އެވެ.

މި އަހަރަށް ހުރި ފިލްމުތަކުގެ ތެރެއިން ރަސްމީކޮށް ތާރީޚު އިއުލާން ކޮށްފައި ވަނީ އިންޑިއާގެ އަންހެނަކު، ދިވެހި ކާސްޓެއް ހިމަނައިގެން ގެނެސްދޭ "މާސްޓަމައިންޑް" އެވެ. އިންޑިއާގެ ކެރެލާގެ ބޭނަޒީރު މުޚްތާރު ޑައިރެކްޓްކުރާ އެ ފިލްމު ތާވަލް ކޮށްފައި ވަނީ ފެބްރުއަރީ މަހުގެ 14 އަށެވެ.

"މާސްޓަމައިންޑް" ގެ ކާސްޓުންގެ ތެރޭގައި ޔޫއްޕެ، މުހައްމަދު މަނިކާއި އަންހެނުން ޝީލާ، ރިޝްފާ، އަލީ (ދޮން އައްޔަ) ހިމެނެ އެވެ. މީގެ އިތުރުން ވެސް ފިލްމުގެ ކާސްޓްގައި އަލީ ޝަމީލް، މަރިޔަމް ޝަހުޒާ އާއި އޭނާގެ ފިރިމީހާ އިބްރާހީމް އަމަން އަލީ (ޓޮމް) އާއި އައްޑޫގެ ކުރީގެ ބަތަލާ މަރިޔަމް ރަޝީދާ ހިމެނެ އެވެ.

މި އަހަރަށް ހުރި އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ޑާކް ރެއިން އެންޓަޓައިންމަންޓްގެ ތިން ފިލްމެއް ހިމެނެ އެވެ. އޭގެ ތެރެއިން އެއް ފިލްމަކީ ދިވެހި ސިނަމާގެ މިހާރުގެ އެންމެ މަގުބޫލު ޖޯޑު މަރިޔަމް މަޖުދާ (މަޖޫ) އާއި ޖުމައްޔިލް ނިމާލް (ޖުމަލް) ލީޑް ރޯލުން ފެންނަ ލޯބީގެ ފިލްމު "ނޮވެމްބާ" އެވެ. މިއީ އަލީ ޝިފާއު (ޗިއްޕެ) ގެ ޑައިރެކްޝަނެކެވެ.

ޑާކް ރެއިނުން މި އަހަރު ގެނެސްދޭނެ ކަމަށް ބެލެވޭ އަނެއް ދެ ފިލްމަކީ އުންމީދީ ޒުވާން ޑައިރެކްޓަރު އަހުމަދު ޝިނާންގެ ދެވަނަ ސޯލޯ ޑައިރެކްޝަނެވެ. އެއީ މުޅިން އަލަށް ފިލްމެއްގެ ސްކްރީންޕްލޭ ލިޔުނު ޒުވާން ލިޔުންތެރިޔާ ހޫދު އިބްރާހީމްގެ ސްކްރީންޕްލޭ އަކަށް ހަދާ ބިރުވެރި ފިލްމު "ބަޅިނދު" އެވެ.

މީގެ ކާސްޓުންގެ ތެރޭގައި ޖުމަލް، އިސްމާއީލް (ޖުމާ) ޖުމައިހް، "ބޮސް" އިން ތައާރަފުވި އެކްޓަރު މުހައްމަދު ޔުނާން، "ގޮށްރާޅު" ން ފިލްމީ އިންޑަސްޓްރީ އަށް ނުކުތް ބަތަލާ އާޝާ، "އެހެނަސް" ވެބް ސީރީޒުން ތައާރަފުވި ބަތަލާ ޝަރާ އަދި "ހުވާ" ވެބް ސީރީޒުން ފެނިގެން ދިޔަ ހުނޭޝާ އާދަމް އެވެ.

ޑާކް ރެއިންގެ ތިން ވަނަ ފިލްމަކަށް ވާނީ މޫމިން ފުއާދު ލިޔެ، ޑައިރެކްޓް ކޮށްދޭ "ބައިސާ" ކަމަށް ބެލެވެ އެވެ. މީގެ ބަތަލާ އަކީ މިހާރު ދިވެހި ސްކްރީނުގައި އެންމެ ގަދައަށް ފިޔަޖަހާ ބަތަލާއިންގެ ލިސްޓްގައި ހިމެނޭ ނުޒޫ އެވެ.

މި އަހަރު ޔަގީނުން ވެސް ދެން ބެލުންތެރިން އެންމެ އުންމީދުކުރާނެ އެއް ފިލްމަކަށް ވާނީ މިދިޔަ އަހަރު "ބަވަތި" ގެނެސް ދީގެން އޯޑިއަންސް ސިއްސުވައިލި އާ ޑައިރެކްޓަރު އިލްޔާސް ވަހީދުގެ ދެވަނަ ފިލްމު "ނީނާ" އެވެ. މީގެ ޝޫޓިން އަށް މިހާރު ތައްޔާރީތައް ވަމުން އަންނަ އިރު، ފިލްމުގެ ލީޑުން ފެންނަނީ ނުޒޫ އާއި ޖުމަލްގެ އިތުރުން އަލަށް ތައާރަފުވާ ޝަރަފު އަބްދުﷲ އެވެ.

ފާތުމަތު ނަހުލާގެ ފިލްމުތަކަށް ލޯބިކުރާ މީހުން ވެސް މި އަހަރު އޭނާގެ ފިލްމަށް އިންތިޒާރު ކުރަން ޖެހޭނެ އެވެ. ނަހުލާގެ ވާހަކަ އަކަށް މި އަހަރު ގެނެސްދޭނެ ކަމަށް ބެލެވޭ ފިލްމަކީ "ސޮރީ" އެވެ. މީގެ ކާސްޓުންގެ ތެރޭގައި ޔޫއްޕެ އާއި އައްޒަގެ އިތުރުން އާ އެކްޓަރަކު ހިމެނެ އެވެ.

މި އަހަރަށް ހުރި އިތުރު ފިލްމުތަކުގެ ތެރެއިން ސީޒަން ގެނެސްދޭނެ އިތުރު ފިލްމެއް ވެސް އެބައޮތެވެ. އެއީ ރޯދައިގެ ފަހުން އަޅުވަން ނިންމާފައިވާ "ލޯބި ވެވިއްޖެ" އެވެ. ޒަރީރުގެ ސްކްރީންޕްލޭ އަކަށް ހަދާ އެ ފިލްމުގެ ތަރިންނަކީ ސީޒަނާއި އައްޒަ އާއި އާނަންދާއި ދޮން އައްޔަގެ އިތުރުން އިރުފާނާ އިބްރާހީމެވެ.

ކުރީގެ މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދު ޕްރޮޑިއުސްކުރާ ދެ ފިލްމެއް ވެސް މި އަހަރު ބެލުންތެރިންނަށް ފެނުމުގެ ފުރުސަތު ބޮޑެވެ. އޭގެ ތެރެއިން އެއް ފިލްމަކީ ޔޫއްޕެ ލިޔެ، ޑައިރެކްޓްކުރާ ބިރުވެރި ފިލްމު "ކަޅަކި" އެވެ. އޭގެ ކާސްޓުންގެ ތެރޭގައި ޔޫއްޕެއާ އެކު ސީޒަން، ރިޝްފާ އަދި މުހައްމަދު ފައިސަލް ހިމެނެ އެވެ.

އަނެއް ފިލްމަކީ ރަވީ ފާރޫގް ޑައިރެކްޓްކުރާ "ގޯނާ" އެވެ. މި ފިލްމަކީ ނިއުމާގެ ދަރިފުޅު ޒޯޔާ ހަސަން މައިގަނޑު ރޯލް ކުޅޭ ފިލްމެކެވެ.

މީގެ އިތުރުން މި އަހަރަކީ އަނެއްކާ ވެސް ހަމަ އާ ޑައިރެކްޓަރެއްގެ ފިލްމެއް ސިނަމާ އަށް އަންނާނެ އަހަރެކެވެ. އެއީ އަހަރު ކުރީކޮޅު ގެނެސްދޭން އަމާޒު ހިފާފައިވާ މަޝްހޫރު ރެޕާ މުހައްމަދު ޔާސިފް (ޔެސީ) ގެ ކޮމެޑީ ފިލްމު "5.1" އެވެ. މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށް ގެންދާ މި ފިލްމުގެ ކާސްޓުންނަކީ "ބަވަތި" އިން ތައާރަފުވި އެކްޓަރު މުހައްމަދު އިފްނާޒާއި ރިޝްފާ އާއި އަހުމަދު ސުނީ އާއި ހަމްދާން ފާރޫގާއި އިރުފާނާ އެވެ.

މި ފިލްމުތަކުގެ އިތުރަށް ޔޫއްޕެ އަންނަނީ ޖުލައި މަހުގެ ތެރޭގައި އެކްޝަން ފިލްމެއްގެ މަސައްކަތް ވެސް ފަށަން ތައްޔާރު ވަމުންނެވެ. އެއީ އަދި މާ ބޮޑު ތަފުސީލެއް ހާމަނުކުރާ ފިލްމެކެވެ. އެކަމަކު އެ ފިލްމު ވާނީ ބޮޑު ސްކްރީނުން ޔޫއްޕެ ވަރުގަދަ ހަށިގަނޑަކާ އެކު ފެންނާނެ ފިލްމަކަށެވެ.

މި އަހަރު ފެންނާނެ ކަމަށް ބުނެފައިވާ ފިލްމުތަކުގެ ތެރޭގައި މިދިޔަ އަހަރު "ލީނާ" ގެނެސްދިން އަބްދުﷲ މުއާޒު (މުއާ) "ސިހުރު" ގެ ނަމުގައި ޑައިރެކްޓްކުރާ ބިރުވެރި ފިލްމެއް ހިމެނެ އެވެ. އަދި އަމްޖަދު އިބްރާހީމް (އަމްޖޭ) 2009 ގައި ގެނެސްދިން ކާމިޔާބު ބިރުވެރި ފިލްމު "އުދަބާނީ" ގެ ދެވަނަ ބަޔަކީ ވެސް މި އަހަރަށް އުންމީދު ކުރަން ޖެހޭ ފިލްމެކެވެ. އޭގެ ޝޫޓިން އަށް ވެސް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

މި ފާހަގަކުރި ފިލްމުތަކުގެ އިތުރަށް ވެސް މި އަހަރު އިތުރު ފިލްމުތަކެއް ސިނަމާ އަށް އައުމަކީ ހަމަ ވެދާނެ ގޮތެކެވެ. ދެން ބަލަންވީ ފެށުނު އާ އަހަރަކާ އެކު ކިތައް ފިލްމު އިއުލާން ކުރާނެތޯ އެވެ؟ ޔަގީނުން ވެސް ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން ގިނަ ޕްލޭންތަކެއް ހުންނާނެ އެވެ.