ނިއުމާގެ "ކަޅަކި" ގެ ހުރިހާ މަންޒަރެއް ސްރީ ލަންކާގާއި

ސްރީ ލަންކާގައި މިހާރު ޝޫޓްކުރަމުން އަންނަ ފިލްމު "ކަޅަކި" ގެ ހުރިހާ މަންޒަރުތަކެއް ވެސް ނަގާނީ އެ ގައުމުގައި ކަމަށް ފިލްމުގެ ޕްރޮޑިއުސަރު ނިއުމާ މުހައްމަދު ބުނެފި އެވެ.


ނިއުމާ އާއި އޭނާގެ ދަރިފުޅުގެ ނަމުގައި ހަދާފައިވާ ކުންފުނި ނިއުޒޯ ފިލްމްސް އިން ހަދާ މި ފިލްމަކީ ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކުރާ ފިލްމެކެވެ.

ލަންކާގައި މިހާރު މަންޒަރުތައް ނަގަމުން އަންނަ ފިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނެނީ އަލީ ސީޒަނާއި އައިމިނަތު ރިޝްފާ އާއި މުހައްމަދު މަނިކްގެ އިތުރުން އާ ބަތަލާއިންތަކެކެވެ.

މިދިޔަ ހޯމަ ދުވަހު ޝޫޓިން އަށް ލަންކާ އަށް ގޮސް މިހާރު ވަރަށް ބާރަށް ޝޫޓިން ކުރިއަށްދާ އިރު، ނިއުމާ ބުނީ ޝޫޓިން އެއްކޮށް ނިންމައިލަން ނަގާނީ 20 ދުވަސް ކަމަށެވެ. މިހާތަނަށް އެތައް ފިލްމެއް ކެމެރާކޮށްފައިވާ ދަބަ ކެމެރާކުރާ "ކަޅަކި" އަކީ ހަމައެކަނި ތީމް ލަވައެއް ހިމެނޭ ފިލްމެކެވެ.

ނިއުމާ ބުނީ ފިލްމު އަޅުވާނެ ތާރީހެއް އަދި ނުނިންމާ ކަމަށާއި ޝޫޓިން ނިންމާލައި އެނބުރި މާލެ އައިސް ތާރީހަކާ ދޭތެރޭ ގޮތެއް ނިންމާނެ ކަމަށެވެ.

"ކަޅަކި" އަކީ ނިއުޒޯ ފިލްމްސް އިން މިދިޔަ އަހަރު ގެނެސްދިން ނިއުމާ އެކްޓިން އަށް އަލްވަދާއުކީ ފިލްމު "ނިވައިރޯޅީ" އަށް ފަހު، އެ ތައްގަނޑުގައި ގެނެސްދޭނެ ދެވަނަ ފިލްމެވެ.

"ކަޅަކި" ގެ އިތުރުން ވެސް އެހެން ފިލްމެއް ނިއުޒޯ އިން އިއުލާންކޮށްފައިވެ އެވެ. އެއީ ރަވީ ފާރޫގް ޑައިރެކްޓްކުރާ "ގޯނާ" އެވެ.