ޝޭކަރް އަދި އަލީ.
20 ފެބުރުއަރީ 2020 - 07:13
ޑައިރެކްޓަރު އަލީ އައްބާސް ޒަފަރާއި ޒީ ސްޓޫޑިއޯސް ގުޅިގެން "މިސްޓަ އިންޑިއާ" ގެ ނަމުގައި ޓްރިލޮޖީއެއް ހަދަން ނިންމާފައިވާތީ އެކަމާ ހިތްހަމަނުޖެހިގެން އޮރިޖިނަލް ފިލްމުގެ ޑައިރެކްޓަރު ޝޭކަރް ކަޕޫރް ކަންްބޮޑުވުންފާޅުކޮށްފި އެވެ.
"މިސްޓަ އިންޑިއާ" އަކީ އޭނާ މީގެ 33 އަހަރު ކުރިން 1987 ގައި ގެނެސްދިން ވަރަށް ކާމިޔާބު ސައިންސް ފިކްޝަން ފިލްމެކެވެ. ބޯނީ ކަޕޫރް ޕްރޮޑިއުސްކޮށްފައިވާ "މިސްޓަ އިންޑިއާ" ގެ ލީޑް ރޯލް ކުޅެފައި ވަނީ މަރުވެފައިވާ، ބޯނީގެ އަންހެނުން އަދި ކުރީގެ ބަތަލާ ސްރީދޭވީ އާއި ބޯނީގެ ކޮއްކޮ އަނިލް ކަޕޫރެވެ.
Proud to announce an epic trilogy #MrIndia! @aliabbaszafar @BoneyKapoor https://t.co/mWeA8N7VXS
— Zee Studios (@ZeeStudios_) February 17, 2020
"މިސްޓަ އިންޑިއާ" ގެ ނަމުގައި ޓްރިލޮޖީއެއް ހަދާކަން ކަށަވަރުކޮށް ދެމުން "ބާރަތު" އާއި "ޓައިގާ ޒިންދާ ހޭ" ފަދަ ފިލްމުތައް ގެނެސްދިން އަލީ ކުރި ޓްވީޓެއްގައި ބުނީ އެ ފިލްމު ހަދަން ލިބުމަކީ ކޮނޑުގައި އެޅުނު ވަރަށް ބޮޑު ޒިންމާއެއް ކަމަށެވެ. އަދި މިހާރު އޭގެ ސްކްރިޕްޓްގެ މަސައްކަތްކުރަމުން އަންނަ ކަމަށާއި އޭގެ ފައިނަލް ޑްރާފްޓް ނިމުމާ އެކު ފިލްމަށް ކާސްޓުން ނެގުމުގެ މަސައްކަތް ފަށާނެ ކަމަށް ބުންޏެވެ.
No one has even asked me or mentioned to me about this film called Mr India 2. I can only guess that they using the title to get a big weekend. For they cannot use the characters/story without permission from the original creators of the film. https://t.co/Set5eDH63j
— Shekhar Kapur (@shekharkapur) February 18, 2020
ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަލީގެ "މިސްޓަ އިންޑިއާ" ގައި ޓައިޓްލް ރޯލް ކުޅޭނީ ރަންވީރު ސިންގެވެ.
Worked very hard to create 3D Version for Mr India , but @BoneyKapoor just gave up. https://t.co/PReo38y3Tk
— Shekhar Kapur (@shekharkapur) February 18, 2020
މި ފިލްމުގެ ވާހަކަ މީޑިއާތަކަށް ތިލަވުމާ ގުޅިގެން ޝޭކަރް ކުރި ޓްވީޓްތަކެއްގައި ބުނީ އޭނާ ހެދި ފިލްމެއްގެ ނަމުގައި އެހެން ބަޔަކު ފިލްމެއް ހަދަން ނިންމި އިރު، އެކަމާ ބެހޭ ގޮތުން އެއްވެސް ބަޔަކު އޭނާއާ ވާހަކަ ދައްކާފައި ނުވާ ކަމަށެވެ. އެހެންވެ ބައެއްގެ ވާހަކަ އާއި އޭގެ ކެރެކްޓާތަކަށް ހުއްދަ ނެތި އެހެން ބަޔަކަށް ފިލްމެއް ނެހެދޭނެ ކަމަށް ވެސް ބުންޏެވެ.
Am not miffed about announcement of #MrIndia2 , just amazed https://t.co/8g1wFr5AtZ
— Shekhar Kapur (@shekharkapur) February 18, 2020
ޝޭކަރްގެ އިތުރު ޓްވީޓެއްގައި ބުނީ "މިސްޓަ އިންޑިއާ" ގެ 3ޑީ ވާޝަނެއް ހަދަން ވަރަށް ބުރަކޮށް މަސައްކަތްކުރި ކަމަށާއި އެކަމަކު ޕްރޮޑިއުސަރު ބޯނީ އެކަން ހުއްޓައިލީ ކަމަށެވެ.
ނަމަވެސް "މިސްޓަ އިންޑިއާ" ގެ ޓްރިލޮޖީއާ ބެހޭ ގޮތުން އޭނާ އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ. ބޯނީ މިދިޔަ އަހަރު ވަނީ ފިލްމުގެ ރިބޫޓް ވާޝަނެއް ހަދާނެކަމަށް ބުނެފަ އެވެ. ޒީ ސްޓޫޑިއޯސް އާއި ބޯނީއާ ދެމެދު އަބަދު ވެސް ވަރަށް ގާތްގުޅުމެއް އޮންނަ އިރު، އޭނާ މިހާރު ވެސް އަންނަނީ އެ ސްޓޫޑިއޯއާ ގުޅިގެން ފިލްމެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. އެއީ މި އަހަރުގެ ޑިސެމްބަރު 11 ގައި ރިލީޒްކުރާ އަޖޭ ދޭވްގަންގެ "މައިދާން" އެވެ.
"މިސްޓަ އިންޑިއާ" ގެ ޓްރިލޮޖީއާ ގުޅިގެން ޝޭކަރު ހިތްހަމަނުޖެހުން ފާޅުކުރި ވާހަކަ މީޑިއާތަކުން ގެނެސްދިނުން ބުނީ ކަންބޮޑުވީ ނޫން ކަމަށާއި އޭނާ ހުރީ މިކަމާ އަންތަރީސްވެފައި ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާޖާ
20 February 2020
ޝޭކަރު ކަޕޫރުތީ ފިލް މުގެ ޕްރޮޑިއުސަރެއްނުން ދެން ކޮން ކަންބޮޑުވު މެއް؟