18 ފެބުރުއަރީ 2020 - 07:33
ރަންވީރު ސިންގާ އެކު "މިސްޓަ އިންޑިއާ 2" ގެ ނަމުގައި ފިލްމެއް ހަދަން ޑައިރެކްޓަރު އަލީ އައްބާސް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި މިދިޔަ އަހަރު "ބާރަތު" ގެނެސްދިން އަލީ ޑައިރެކްޓްކުރާ "މިސްޓަ އިންޑިއާ 2" އަކީ ޒީ ސްޓޫޑިއޯސް އިން ޕްރޮޑިއުސްކުރާ ފިލްމެކެވެ. އަދި މީގެ ސްކްރިޕްޓް ވެސް ނިންމާލައި، ފިލްމަށް ވާން ޖެހޭ އިތުރު ތައްޔާރީތައް ވެސް މިހާރު ވަނީ ފަށައިފަ އެވެ. އެ ނޫހުން ބުނިގޮތުގައި "މިސްޓަ އިންޑިއާ 2" ސިނަމާތަކަށް ގެންނާނީ 2022 ގެ ހާއްސަ ތާރީހެއްގަ އެވެ.
ހަންގާމާ އިން ބުނިގޮތުގައި "މިސްޓަ އިންޑިއާ 2" ގެ ނަމުގައި އަލީ ފިލްމެއް ހަދަން ނިންމި ނަމަވެސް މި ފިލްމަކީ މީގެ 33 އަހަރު ކުރިން ބޯނީ ކަޕޫރް ޕްރޮޑިއުސްކޮށް، އޭނާގެ މަރުވެފައިވާ އަންހެނުން ސްރީދޭވީ އާއި ކޮއްކޮ އަނިލް ކަޕޫރް ހިމަނައިގެން ޑައިރެކްޓަރު ޝޭކަރް ކަޕޫރް ގެނެސްދިން ފިލްމާ އެއްވެސް ގުޅުމެއް ހުރި ފިލްމެއް ނޫނެވެ. އެކަމަކު އަލީގެ ފިލްމަކީ ވެސް "މިސްޓަ އިންޑިއާ" އިން ކިޔައިދޭ ކަހަލަ ވާހަކައަކަށް ބިނާކޮށް ހަދާ ފިލްމެއް ކަމަށް ބުންޏެވެ.
ހަންގާމާ އިން ބުނީ "މިސްޓަ އިންޑިއާ 2" ވެގެންދާނީ ފުދޭ ވަރެއްގެ ބޮޑު ބަޖެޓަކުން ހަދާ، ވަރަށް ބިޔަ ފިލްމަކަށެވެ.
އަލީ މި ވަގުތު ސައިފް އަލީ ޚާނާ އެކު ތަންޑަވް (ދިއްލީ) ކިޔާ ވެބް ސީރީޒެއްގެ މަސައްކަތްކުރަމުން އަންނަ އިރު، މިދިޔަ ހަފުތާގައި މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާ ވަނީ ކެޓްރީނާ ކެއިފާ އެކު ސުޕަހީރޯ އެކްޝަން ފިލްމެއް ހަދަން ވެސް ނިންމައިފަ އެވެ.
އަލީ 2014 ގައި ގެނެސްދިން "ގުންޑޭ" ގައި މަސައްކަތްކުރި ރަންވީރު މިހާރު އަންނަނީ އަންނަ މަހު ކަރަން ޖޯހަރުގެ "ތަޚުތު" ގެ ޝޫޓިން ފަށަން ތައްޔާރުވަމުންނެވެ.
އޭނާއާ އެކު، "މިސްޓަ އިންޑިއާ 2" ގެ ނަމުގައި އަލީ ފިލްމެއް ހަދަން ނިންމާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައި މި ވަނީ "މިސްޓަ އިންޑިއާ" ގެ ރިބޫޓް ވާޝަނެއް ހަދާނެކަން ބޯނީ މިދިޔަ އަހަރު ޔަގީންކޮށް ދީފައި ވަނިކޮށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy