އިންޑިއާގެ އެންމެ އަގުބޮޑު 10 ފިލްމުގެ ލިސްޓަށް ރަންވީރް ސިންގުގެ "ދުރަންދަރު" އަރައިފި އެވެ.
މި މަހު ފަހެއްގައި ރިލީޒްކުރި "ދުރަންދަރު"އަށް 20 ދުވަހުގެ ތެރޭގައި ދުނިޔޭގެ ބޮކްސް އޮފީހުގައި ވަނީ 960.05 ކްރޯޑް ރުޕީސް ލިބިފަ އެވެ. އެއާ އެކު، އެ ފިލްމު ވަނީ އިންޑިއާގެ އެންމެ އަގުބޮޑު 10 ފިލްމުގެ ލިސްޓުގެ ނުވަ ވަނަ އަށް އަރައިފަ އެވެ.
އިންޑިއާގެ ބޮކްސް އޮފީހުގައި އެކަނި އެ ފިލްމަށް 700 ކްރޯޑް ރުޕީސް އަށް ވުރެ ބޮޑު އާމްދަނީއެއް މިހާތަނަށް ލިބިފައިވެ އެވެ.
އިންޑިއާގެ އެންމެ އަގުބޮޑު 10 ފިލްމުގެ ލިސްޓަށް "ދުރަންދަރު" އެރީ ރަންބީރް ކަޕޫރުގެ "އެނިމަލް" ފަހަތަށް ޖައްސާލުމަށް ފަހު އެވެ. "އެނިމަލް"އަށް ދުނިޔޭގެ ބޮކްސް އޮފީހުގައި ލިބިފައި ވަނީ 917.82 ކްރޯޑް ރުޕީސް އެވެ.
އަދިވެސް އިންޑިއާގެ އެންމެ އަގުބޮޑު ފިލްމަކީ އާމިރް ޚާންގެ "ދަންގަލް" އެވެ. އެ ފިލްމަށް 2،200 ކްރޯޑް ރުޕީސް ލިބިފައިވެ އެވެ.
އެ ލިސްޓުގެ ދެވަނައިގައި އޮތީ ދެކުނު އިންޑިއާގެ ފިލްމު "ބާހުބަލީ 2: ދަ ކޮންކުލޫޝަން" އެވެ. ތިން ވަނައިގައި އޮތީ އައްލޫ އަރްޖުންގެ "ޕުޝްޕާ 2: ދަ ރޫލް" އެވެ. ހަތަރު ވަނައިގައި "އާރްއާރްއާރް" އޮތްއިރު، ފަސްވަނައިގައި އޮތީ "ކޭޖީއެފް: ޗެޕްޓާ 2" އެވެ. ހަވަނައިގައި ޝާހްރުކް ޚާންގެ "ޖަވާން" އޮތްއިރު، ހަތްވަނައިގައި ވެސް އޮތީ ޝާހުގެ ފިލްމެއް ކަމަށްވާ "ޕަތާން" އެވެ. އަދި އަށްވަނައިގައި އޮތީ "ކަލްކީ 2898 އޭޑީ" އެވެ.
ކުރިން ވެސް އިއުލާންކޮށްފައިވާ "ދުރަންދަރު"ގެ ދެވަނަ ބައި، ކުޑަ އީދާ ދިމާކޮށް އަންނަ އަހަރު މާޗު 19 ގައި ގެނެސްދޭން ނިންމާފައިވާކަން އެ ފިލްމުގެ އުފެއްދުންތެރިން މިހާރު ވަނީ ހާމަކޮށްފަ އެވެ.
"ދުރަންދަރު"ގައި ދައްކަނީ 1999 ވަނަ އަހަރު އިންޑިއަން އެއާލައިންސްގެ ފްލައިޓް އައިސީ-814 ހައިޖެކްކުރި ހާދިސާ އާއި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހަށް 2001 ވަނަ އަހަރު ދިން ހަމަލާގެ ފަހުން އިންޓެލިޖެންސް ބިއުރޯގެ ޗީފް އަޖޭ ސަންޔާލް (އާރް. މަދަވަން)، ޕާކިސްތާނުގެ ޓެރަރިސްޓުންގެ ނެޓްވޯކް ފުނޑާލުމަށް ޒުވާނަކު އެ ގައުމަށް ޖާސޫސެއްގެ ގޮތުގައި ފޮނުވާ ހިސާބުން ދެން ހިނގާ ކަންތައްތަކެވެ.
ޖާސޫސެއް ނުވަތަ އިންޑިއާގެ ރޯގެ އޭޖެންޓެއްގެ ގޮތުގައި ޕާކިސްތާނަށް ފޮނުވާ ޒުވާނާގެ ރޯލު ކުޅެނީ ރަންވީރެވެ.
ރަންވީރާ އެކު މުހިންމު ރޯލުތައް ކުޅެނީ ސާރާ އަރްޖުން، އަކްޝޭ ކަންނާ، ސަންޖޭ ދަތު، އާރު މަދަވަން އަދި އަރްޖުން ރާމްޕާލެވެ.
ޖިއޯ ސްޓޫޑިއޯސް އާއި ބީސިކްސް ސްޓޫޑިއޯސް ގުޅިގެން ގެނެސްދޭ "ދުރަންދަރު"އަކީ 2019 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ހަނގުރާމަ މަތީ ފިލްމު "ޔޫރީ: ދަ ސާޖިކަލް ސްޓްރައިކް"ގެ ޑައިރެކްޓަރު އަދިތުޔަ ދަރުގެ ފިލްމެކެވެ. އެ ފިލްމުގެ އެއް ޕްރޮޑިއުސަރަކީ ވެސް އޭނާ އެވެ.