މިދިޔަ ހުކުރު ދުވަހު ޕްރިމިއާކުރި ބޮލީވުޑްގެ އެކްޓަރު ރަންވީރު ސިންގުގެ އާ ފިލްމު "ދުރަންދަރު"އަށް ފުރަތަމަ ދެ ދުވަހު ބޮކްސް އޮފީހުގައި ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.
ރިޕޯޓްތަައް ބުނި ގޮތުގައި، ފުރަތަމަ ދެ ދުވަހު އެ ފިލްމަށް ވަނީ އިންޑިއާގެ ބޮކްސް އޮފީހުގައި 58 ކްރޯޑް ރުޕީސް ލިބިފަ އެވެ. ފުރަތަމަ ދުވަހު އެކަނި ވެސް 27 ކްރޯޑް ރުޕީސް ލިބިފައިވެ އެވެ. އަދި އިންޑިއާ އާއި ދުނިޔޭގެ ބޮކްސް އޮފީހުގައި ފުރަތަމަ ދެ ދުވަހު އެ ފިލްމަށް ޖުމްލަ 99.5 ކްރޯޑް ރުޕީސް ލިބިފައިވެ އެވެ.
"ދުރަންދަރު"އަކީ މި އަހަރު އިންޑިއާގެ ބޮކްސް އޮފީހުގައި، ފުރަތަމަ ދުވަހު ހަތަރު ވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމެވެ. އެ ލިސްޓުގެ އެންމެ ކުރީގައި 31 ކްރޯޑް ރުޕީސްއާ އެކު އޮތީ ވިކީ ކައުޝަލްގެ "ޗާވާ" އެވެ. އަދި 29 ކްރޯޑް ރުޕީސްއާ އެކު ރިތިކް ރޯޝަން އާއި ޖޫނިއާ އެންޓީއާރުގެ "ވޯ 2" އާއި 26 ކްރޯޑް ރުޕީސްއާ އެކު ސަލްމާން ޚާންގެ "ސިކަންދަރު" އެވެ.
ފިލްމަށް ލިބޭ ތަރުހީބު ބޮޑުވުމާ އެކު، ބޮލީވުޑްގެ މި އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި "ދުރަންދަރު" ހިމެނޭނެ ކަމަށް ރިޕޯޓްތައް ބުންޏެވެ.
"ދުރަންދަރު"ގައި ދައްކަނީ 1999 ވަނަ އަހަރު އިންޑިއަން އެއާލައިންސްގެ ފްލައިޓް އައިސީ-814 ހައިޖެކްކުރި ހާދިސާ އާއި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހަށް 2001 ވަނަ އަހަރު ދިން ހަމަލާގެ ފަހުން އިންޓެލިޖެންސް ބިއުރޯގެ ޗީފް އަޖޭ ސަންޔާލް (އާރް. މަދަވަން)، ޕާކިސްތާނުގެ ޓެރަރިސްޓުންގެ ނެޓްވޯކް ފުނޑާލުމަށް ޒުވާނަކު އެ ގައުމަށް ޖާސޫސެއްގެ ގޮތުގައި ފޮނުވާ ހިސާބުން ދެން ހިނގާ ކަންތައްތަކެވެ.
ރަންވީރާ އެކު، އެ ފިލްމުގައި ލީޑު ރޯލު ކުޅުނީ ދެކުނު އިންޑިއާގެ އެކްޓްރެސް ސާރާ އަރްޖުނެވެ. ސާރާއަކީ ދެކުނު އިންޑިއާގެ މަޝްހޫރު އެކްޓަރު ރާޖާ އަރްޖުންގެ ދަރިފުޅެވެ.
ރަންވީރާއި ސާރާގެ އިތުރުން އެ ފިލްމުގައި މުހިންމު ރޯލުތައް ކުޅެނީ ސަންޖޭ ދަތު، އާރު މަދަވަން، އަކްޝޭ ކަންނާ އަދި އަރްޖުން ރާމްޕާލެވެ.
ޖިއޯ ސްޓޫޑިއޯސް އާއި ބީސިކްސް ސްޓޫޑިއޯސް ގުޅިގެން ގެނެސްދޭ "ދުރަންދަރު"އަކީ 2019 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ހަނގުރާމަ މަތީ ފިލްމު "ޔޫރީ: ދަ ސާޖިކަލް ސްޓްރައިކް"ގެ ޑައިރެކްޓަރު އަދިތުޔަ ދަރުގެ ފިލްމެކެވެ. އެ ފިލްމުގެ އެއް ޕްރޮޑިއުސަރަކީ ވެސް އޭނާ އެވެ.