ދިވްޔާ.
27 ޖުލައި 2020 - 09:11
ޖޯން އަބްރަހަމްގެ "ސަތިޔަމޭވް ޖަޔަތޭ 2" ގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި ފަށަން ތައްޔާރުވަމުން އަންނަ އިރު، މި ފަހަރު ފިލްމުގެ މަންޒަރުތައް ލަކްނޫގައި ނަގަން ނިންމައިފި އެވެ.
މިލަޕް މިލަން ޒަވޭރީ ލިޔެ، ޑައިރެކްޓްކުރާ ފިލްމުގެ މަންޒަރުތައް ކުރިން ނަގާ ގޮތަށް އޮތީ 2018 ގައި ގެނެސްދިން "ސަތިޔަމޭވް ޖަޔަތޭ" އާ އެއްގޮތަށް މުމްބާއީގަ އެވެ. ނަމަވެސް ކޮވިޑް-19 ގެ ހާލަތު އަދިވެސް މުމްބާއީ އާއި އެ ސިޓީ ހިމެނޭ މަހާރަޝްތުރާ ސްޓޭޓްގައި ރަނގަޅުވަމުން ނުދާތީ އެތަނުގެ ބަދަލުގައި ލަކްނޫގައި މަންޒަރުތައް ނަގަން ނިންމީ އެވެ.
"ސަތިޔަމޭވް ޖަޔަތޭ 2" އަކީ ބުޝަން ކުމާރުގެ ޓީ ސީރީޒުން ޕްރޮޑިއުސްކުރާ ފިލްމެކެވެ. މި ފަހަރު ޖޯންއާ އެކު ފިލްމުގެ ބަތަލާގެ ރޯލުން ފެނިގެންދާނީ ބުޝަންގެ އަންހެނުން ދިވްޔާ ކޯސްލާ ކުމާރެވެ. މިލަޕް ބުނެފައިވާ ގޮތުގައި ދެވަނަ ބައިވެގެން ދާނީ ފުރަތަމަ ބަޔަށް ވުރެ ވަރުގަދަ ފިލްމަކަށެވެ. އެގޮތުން އެކްޝަންތައް ވަރުގަދަވެފައި، ޖޯންގެ ކެރެކްޓާ އަކީ ހަލްކް ކަހަލަ ސުޕަހޯރީ ކެރެކްޓާއެއް ކަހަލަ ރޯލަކަށްވާނެ ކަމަށް ބުންޏެވެ.
#JohnAbraham’s #SatyamevaJayate2 to be filmed in Lucknow and not in Mumbai.https://t.co/A5c7FZWjiC
— Filmfare (@filmfare) July 25, 2020
"ސަތިޔަމޭވް ޖަޔަތޭ 2" އަކީ މި އަހަރުގެ އޮކްޓޯބަރު 2 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް ފިލްމެކެވެ. އެކަމަކު ކޮވިޑާ ހެދި ކުރިމަތިވި ލޮކްޑައުންއާ އެކު ސިނަމާތައް ބަންދުކޮށް، އަލުން ހުޅުވާނެ އިރެއް ނޭނގުމެއްގެ ތެރޭގައި އޮތަސް ފިލްމުގެ ތާރީހަށް ބަދަލެއް އައިކަން އަދި އިއުލާންކޮށްފައެއް ނުވެ އެވެ.
އަންނަ މަހުގެ 14 ވަނަ ދުވަހު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރަން ހަމަޖެހިފައިވާ ފިލްމު "ޚުދާ ހާފިޒް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
His love has no limit, and neither does your love for the trailer.Record for fastest to 10 million views overnight, exclusively on #DisneyPlusHotstar! @DisneyplusHSVIP#DisneyPlusHotstarMultiplex pic.twitter.com/riX0lVZ87l
— Disney+ Hotstar (@DisneyPlusHS) July 25, 2020
މި ފިލްމަކީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ފާރޫގް ކަބީރު ޑައިރެކްޓްކޮށްފައިވާ ރޮމޭންޓިކް އެކްޝަން ތުރިލާއެކެވެ. ފިލްމުގައި ކިޔައިދޭނީ އަނބިމީހާ ކިޑްނެޕްކުރުމުން އޭނާ ސަލާމަތްކުރަން ފިރިއަކުވާ ގުރުބާނީ އެވެ. "ޚުދާ ހާފިޒް" ގެ ލީޑް ރޯލް ކުޅެފައި ވަނީ ބޮލީވުޑްގެ ވަރުގަދަ އެކްޝަން ތަރި ވިދުޔަތު ޖަމްވަލާއި މިދިޔަ އަހަރު ރިލީޒްކުރި "ޔޭ ސާލީ އާޝިގީ" ގެ ބަތަލާ ޝިވަލީކާ އޮބެރޯއީ އެވެ.
އިތުރު ކާސްޓުންގެ ތެރޭގައި އައްނޫ ކަޕޫރާއި އަހާނާ ކުމްރާ އަދި ޝިވް ޕަންޑިތު ހިމެނެ އެވެ.
މި އަހަރު ބޭއްވި 92 ވަނަ އޮސްކާ އެވޯޑްސްގެ ބެސްޓް އިންޓަނެޝަނަލް ފީޗާ ފިލްމު ކެޓަގަރީ އަށް އިންޑިއާ އަށް ފޮނުވި ނަމަވެސް ނޮމިނޭޝަނުގައި ވެސް ލައްވައި ނުލި ފިލްމު "ގަލީ ބޯއި" މި އަހަރު ބާއްވާ ބުސާން އިންޓަނެޝަނަލް ފިލްމު ފެސްޓިވަލްގައި ދައްކާ ގޮތަށް ހަމަޖެހިއްޖެ އެވެ.
UPDATE... #GullyBoy invited to the prestigious #Busan International Film Festival, under Request Cinema Screening category... The Festival will be held in Oct 2020 in #SouthKorea. #BIFF pic.twitter.com/tj52jdzTZJ
— taran adarsh (@taran_adarsh) July 24, 2020
އަންނަ އޮކްޓޯބަރު މަހުގެ 7-16 އަށް ދެކުނު ކޮރެއާގެ ބުސާންގައި ބާއްވާ ފެސްޓިވަލްގައި ޒޯޔާ އަޚްތަރު ޑައިރެކްޓްކުރި ފިލްމު ދައްކާނީ ރިކްއެސްޓް ސިނަމާ ސްކްރީނުން ކެޓަގަރީގަ އެވެ.
ގިނަ އެވޯޑްތަކެއް މިހާތަނަށް ހޯދާފައިވާ "ގަލީ ބޯއި" އަކީ އިންޑިއާގެ މަގުމަތިން އުފަންވާ ކާމިޔާބު ރެޕާއިންތަކެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. މީގެ ތަރިންނަކީ ރަންވީރު ސިންގް އާއި ސިދާންތު ޗަތުރަވެދީގެ އިތުރުން އާލިއާ ބަޓެވެ.
ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކޮށް، މަނީޝް ޝަރުމާ ޑައިރެކްޓްކުރާ ފިލްމެއް އަކްޝޭ ކުމާރަށް ހުށަހެޅި ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް ކަމަށް ޕިންކްވިލާ އިން ބުނެފި އެވެ.
މިދިޔަ ހަފުތާގައި ބައެއް މީޑިއާތަކުން ބުނިގޮތުގައި އަކްޝޭ އަށް ހުށަހެޅި އެ ފިލްމަކީ ވައިއާރްއެފްގެ 50 ވަނަ އަހަރު ފާހަގަކުރަން ހަދާ ފިލްމުތަކުގެ ތެރެއިން ފިލްމެކެވެ. ނަމަވެސް އެ ސްޓޫޑިއޯގެ އޮފިޝަލަކާ ހަވާލާދީ ޕިންކްވިލާ އިން ބުނީ މިދިޔަ އަހަރު އަކްޝޭ ޝޫޓިން ފަށާފައި އޮތް ވައިއާރްއެފްގެ "ޕްރިތުވީރާޖް" ފިޔަވައި އެ ސްޓޫޑިއޯގެ އެހެން ފިލްމެއް އޭނާ އަށް ހުށަނާޅާ ކަމަށެވެ.
މަނީޝް އަކީ "ބޭންޑް ބާޖާ ބާރާތު" އާއި "ފޭން" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy