ލެޒްލީ.
24 ޖުލައި 2021 - 07:58
ޑީސީގެ ފިލްމު "ބެޓްގާލް" ގެ ޓައިޓްލް ރޯލަށް ލެޒްލީ ގްރޭސް ސޮއިކޮށްފި އެވެ.
ހޮލީވުޑް ރިޕޯޓާ އިން ބުނި ގޮތުގައި ލަވަކިޔުންތެރިއެއްގެ ގޮތުގައި މަޝްހޫރުވި އެމެރިކާ އަށް އުފަން 26 އަހަރު ފަންނާނު ފިލްމަށް ނެގީ، ބެޓްގާލްގެ ރޯލަށް ނަގާނެ ބަތަލާއަކު ހޯދުމަށް ގިނަ އޮޑިޝަންތަކެއް ބޭއްވުމަށް ފަހު އެވެ. ލެޒްލީގެ އެކްޓިން ފެނިގެން ދިޔަ ފުރަތަމަ ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި މިއުޒިކަލް ޑްރާމާ "އިން ދަ ހައިޓްސް" އެވެ.
"ބެޓްގާލް" އަކީ ކްރިސްޓީނާ ހޮޑްސަންގެ ސްކްރީންޕްލޭއަކަށް އާދިލް އަލް އާބީ އާއި ބިލާލް ފައްލާ ޑައިރެކްޓްކުރާ ސުޕަހީރޯ ފިލްމެކެވެ. އެ ދެ މީހުން އެންމެ ފަހުން ގެނެސްދިނީ މިދިޔަ އަހަރު ރިލީޒްކުރި ވިލް ސުމިތާއި މާޓިން ލޯރެންސްގެ "ބޭޑް ބޯއިޒް ފޯ ލައިފް" އެވެ.
ހަދަން ކިޔާތާ އެތައް ދުވަހަކަށް ފަހު "ބެޓްގާލް" ގެ ޝޫޓިން ފެށުމުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ އިރު، އެ ފިލްމު ރިލީޒްކުރާނެ ސީދާ ދުވަހެއް އަދި އިއުލާންކޮށްފައެއް ނުވެ އެވެ. އެކަމަކު ވޯނާ އިން ވަނީ ފިލްމު ގެނެސްދޭނީ 2023 ގައި އެޗްބީއޯ މެކްސް އިން ކަމުގެ އިޝާރާތެއް ދީފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy