ކޯޕެންހޭގަން (ޖޫން 12) - ސްވިޑަންގައި 1992 ގައި ބޭއްވި ޔޫރޯ ކާމިޔާބު ކުރި ޑެންމާކަށް، އަލުން ޔޫރޯގެ ޗެމްޕިއަންކަން ހޯދުމަށް ވެސް އުންމީދު ކުރުމުގެ ހިތްވަރު އެބަހުރި ކަމަށް ޑެންމާކުގެ ކޯޗް ކެސްޕާ ހުލްމަންޑް ބުނެފި އެވެ.

ޔޫރޯގެ ޗެމްޕިއަންކަން 1992 ގައި ޑެންމާކު ހޯދީ އާދަޔާ ހިލާފް ގޮތަކަށެވެ. އެ މުބާރާތަށް އެ ޓީމު ކޮލިފައިވެސް ނުވެ އެވެ. ހަނގުރާމަ އާއި ދާހީލީ ހަމަނުޖެހުންތަކެއްގައި އޭރު އޮތް ކުރީގެ ޔޫގޮސްލޭވިއާ އެ ފަހަރުގެ މުބާރާތުން ވަކި ކުރުމަށް ޔޫއެފާ އިން ނިންމި އެވެ. އެ ޓީމުގެ ބަދަލުގައި އެ ޖާގަ ދިނީ ޑެންމާކަށެވެ. އެ ޓީމުން މުބާރާތާ ކުރިމަތިލައި މުޅި ދުނިޔެ ހައިރާން ކޮށްލުމަށް ފަހު އެ ފަހަރުގެ ޔޫރޯގެ ތަށި އުފުލާލި އެވެ.

އެ ކާމިޔާބަށް މި އަހަރު 30 އަހަރު ފުރޭނެ އެވެ. ޑެންމާކުގެ ފުޓްބޯޅައިގައި މިއަދު އޮތީ އެހެން ޖީލެކެވެ. އޭރުގެ ގޯލްކީޕަރު ޕީޓާ ޝުމައިކަލްގެ ދަރިފުޅު ކެސްޕާ ޝުމައިކަލް ޑެންމާކުގެ ގޯލް ބަލަހައްޓަމުން ދިޔަ ނަމަވެސް، ބައްޕަގެ ފަރާތުން އޭނާ އަށް ވާރުތަ ނުވި ހަމައެކަނި ކަމަކީ ޔޫރޯގައި ހޯދި ކާމިޔާބެވެ.

އެހެން ނަމަވެސް ޑެންމާކުގެ ކޯޗު ހުލްމަންޑް ބުނަނީ އެ ކާމިޔާބު އަލުން ހޯދުމަށް ޑެންމާކަށް އުންމީދު ކުރެވިދާނެ ކަމަށެވެ.

"އަހަރެމެން މިތިބީ ވަރަށް ހަމަޖެހިލައިގެން އަދި އަހަރެމެންގެ ޓީމާ މެދު އަހަރެމެންނަށް އިތުބާރު އެބައޮތް،" ޔޫރޯގެ ކާމިޔާބު އަލުން ޑެންމާކަށް ތަކުރާރު ކުރެވިދާނެތޯ ސުވާލު ކުރުމުން ހުލްމަންޑް ބުންޏެވެ.

"ބޮޑެތި ހުވަފެން ދެކޭކަށް އަހަރެމެން ޖެހިލުންވާކަށް ނުޖެހޭ. އެކަމަކު އަހަރެމެންނަށް އެނގޭ އަހަރެމެންނަށް ވުރެ ބޮޑެތި ގައުމުތައް އަދި އަހަރެމެންނަށް ވުރެ ފުރުސަތު ބޮޑެތި ޓީމުތައް އެބަތިބިކަން. އެހެންވީމަ އަހަރެމެންގެ ފުރަތަމަ އަމާޒަކީ ދެ ވަނަ ބުރަށް ކޮލިފައިވުން. އޭގެ ފަހުން ދެން ކޮންމެ ކަމަކަށް ވެސް އުންމީދު ކުރެވިދާނެ. ފުޓްބޯޅައިގައި އެއްވެސް ކަމެއް ކުރިން ޕްރިޑިކްޓް ކުރާކަށް ނޭނގޭނެ. ކޮންމެ ގޮތަކަށް ވެސް ވެދާނެ. އަހަރެމެންގެ ފުރަތަމަ ޓާސްކަކީ އަހަރެމެން ކުޅޭ ފުރަތަމަ މެޗުގައި ފިންލެންޑް ބަލި ކުރުން."

ފިންލެންޑް ކޯޗް މާކޫ ކާނެވާ
ފިންލެންޑް ކޯޗް މާކޫ ކާނެވާ

ފިންލެންޑް ޔޫރޯގައި ވާދަކުރަނީ މުޅިން އަލަށެވެ. އަދި މއީ ބޮޑު މުބާރާތެއްގައި އެ ޓީމުން ވާދަކުރާ ފުރަތަމަ ފަހަރު ވެސް މެ އެވެ. ފިންލެންޑްގެ ކޯޗު މާކޫ ކާނެވާ ބުނީ، ޔޫރޯ އަށް ކޮލިފައިވުމުން ބުނެދޭން ނޭނގޭ އިހްސާސެއް ކުރެވުނު ކަމަށެެވެ.

ފިންލެންޑް ޔޫރޯ އަށް ކޮލިފައި ކޮށްދިނުމުގައި އޭނާ އަތުގައި މާ ބޮޑު ސިއްރެއް ނެތް ކަމަށް، ކުރިން ސްކޫލް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރި ކާނެވާ ބުންޏެވެ.

"އަހަރެމެންގެ އަންހެން ޓީމު ވަނީ އަންނަ އަހަރު ބާއްވާ ޔޫރޯއަށް ކޮލިފައިވެފައި. ފުޓްސަލް ޓީމު ވިންޓާގައި ރަނގަޅު ވާދައެއް ކުރާނެ. މިއީ ފިންލެންޑުގެ ފުޓްބޯޅަ އަށް ރަނގަޅު މަސައްކަތްތަކެއް ކުރެވުނު ކަމުގެ ހެއްކެއް."

ޑެންމާކް އާއި ފިންލެންޑް ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ ނުވައެއް ޖަހާއިރު އެވެ. މި މެޗުގެ ވެސް ލައިވް އަޕްޓޭޑްސް "މިހާރު" އިން ގެނެސްދޭނެ އެވެ.