ބުކަރެސްޓް (ޖޫން 21) - ޔޫކްރޭންގެ މައްޗަށް 1-0 އިން ކުރި ހޯދައި، ގްރޫޕް ސީގެ ދެވަނަ ޓީމުގެ ގޮތުގައި އޮސްޓްރިއާ ދެވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

އޮސްޓްރީއާ ދެ ވަނަ މަގާމު ހޯދީ ޖުމުލަ ހަ ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނަ ބުރުގައި އޮސްޓްރިއާ ކުޅެންޖެހޭނީ އިޓަލީއާ ދެކޮޅަށެވެ. ނުވަ ޕޮއިންޓާއެކު، ގުރޫޕް ސީގެ އެއްވަނަ ހޯދީ މިރޭ ނޯތު މެސެޑޯނިއާ އަތުން 3-0 އިން މޮޅުވި ނެދަލޭންޑްސް އެވެ.

ކޮންމެ ގްރޫޕަކުން ވެސް ދެ ވަނަ ބުރަށް ސީދާ ދަތުރު ކުރާނީ ގަދަ ދެ ޓީމެވެ. ތިން ވަނައަށް ދާ ޓީމަށް ވެސް ދެވަނަ ބުރުގެ ފުރުސަތު އެބައޮތެވެ. އެކަމަކު އެއީ ހަ ގުރޫޕުން ތިން ވަނަ އަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމުގެ ތެރޭގައި ހިމެނިގެންނެވެ. އެހެންވެ އެނބުރި ގައުމަށް ނުގޮސް ޔޫކްރޭން މަޑު ކުރަން ޖެހޭނީ ގުރޫޕް ސްޓޭޖް ނިމެންދެނެވެ.

މިރޭގެ މެޗުގެ 21 ވަނަ މިނެޓްގައި އޮސްޓްރިއާގެ ލަނޑު ކްރިސްޓޮފް ބާމްގާޓްނާ ކާމިޔާބު ކުރީ ކެޕްޓަން ޑޭވިޑް އަލްބާ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.

ގުރޫޕްތަކުގެ ތާވަލު މިވަގުތު އޮތް ގޮތަށް ބަލާއިރު، ތިން ވަނަ ޓީމުތަކުގެ ތެރެއިން ގަދަ ހަތަރަކަށް ޔޫކްރޭން ވަދެ އެވެ. ތިން ވަނަ ޓީމުކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ މިވަގުތު ހޯދާފައި ވަނީ، ޔޫކްރޭންގެ އިތުރުން ގްރޫޕް އޭ އިން ސްވިޒަލެންޑް، ގްރޫޕް ބީ އިން ފިންލެންޑް، ގްރޫޕް އެފް އިން އެންމެ ފަހުގެ ޗެމްޕިއަން ޕޯޗްގަލް އެވެ.