ގްލާސްގޯ (ޖޫން 23) - ސްކޮޓްލެންޑްގެ މައްޗަށް 3-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ގްރޫޕް ޑީގެ ދެ ވަނަ މާގަމު ހޯދައި ކްރޮއޭޝިއާ ދެ ވަނަ ބުރަށް ދަތުރު ކޮށްފި އެވެ.

މެޗުގައި ފުރަތަމަ ލީޑު ނެގީ ވެސް ކްރޮއޭޝިއާއިންނެވެ. އެ ޓީމުގެ ލަނޑު ނިކޮލާ ވްލަޝިޗް ކާމިޔާބު ކުރީ އީވާން ޕެރިޝިޗް ދިން ބޯޅައިންނެވެ.

ބޮޑު މުބާރާތެއްގައި 23 އަހަރު ފަހުން ވާދަ ކުރި ސްކޮޓްލެންޑަށް، ފްރާންސްގައި 1998 ގައި ބޭއްވި ވޯލްޑް ކަޕްގައި ކެމެރޫން އާ ދެކޮޅަށް ޖޫން 23 ގައި ކުޅުނު މެޗުގައި ލަނޑު ޖެހި ފަހުން، ސްކޮޓްލެންޑް ބޮޑު މުބާރާތެއްގައި ލަނޑު ޖެހީ މިރޭ ކުޅުނު މެޗުގަ އެވެ.

ކޮރޮއޭޝިއާ ކޮޅަށް ސްކޮޓްލެންޑްގެ ލަނޑު 42 ވަނަ މިނެޓްގައި ޖެހީ ކެލުމް ވިލިއަމް މެގްރެގާ އެވެ. ކްރޮއޭޝިއާގެ ކުޅުންތެރިން ދީފާއު ކުރި ބޯޅަ ރީބައުންސް ވުމުން މެގްރެގާ ވަނީ އޭރިއާގެ ބޭރުގައި ހުރެފައި އެ ބޯޅަ ގޯލްގެ ތިރީ ކަނަށް ވައްދައިލައިފަ އެވެ.

ކްރޮއޭޝިއާއަށް މެޗުގެ ލީޑު ނަގައިދިން ލަނޑު ކެޕްޓަން ލުކާ މޮޑްރިޗް ޖެހީ 62 ވަނަ މިނެޓްގަ އެވެ. އޭނާ ވެސް ލަނޑު ޖެހީ އޭރިއާގެ ބޭރުން ފޮނުވާލި ބޯޅައިންނެވެ. ކްރޮއޭޝިއާގެ ތިން ވަނަ ލަނޑު އީވާން ޕެރިޝިޗް ކާމިޔާބު ކުރީ މޮޑްރިޗް ނެގި ނޯނަރު ބޮލުން ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ.