މިޔުނިކް (ޖޫން 24) - ހަންގޭރީ އާ 2-2 އިން އެއްވަރުކޮށް، ގުރޫޕް އެފްގެ ދެ ވަނަ ހޯދައި ޖަރުމަން ދެ ވަނަ ބުރަށް ދަތުރު ކޮށްފި އެވެ.
މިޔުނިކްގެ އެލިއަންޒް އެރީނާގައި ކުޅުނު މެޗުގައި ޖަރުމަންގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ކުރިމަތީ، ފުރަތަމަ ލީޑު ނެގީ ހަންގޭރިންނެވެ. އެ ޓީމުގެ ލަނޑު އެޑަމް ސާލައި ކާމިޔާބު ކުރީ މެޗުގެ 11 ވަނަ މިނެޓްގަ އެވެ.
އެންމެ ފަހުން ޕޯޗްގަލް އާ ދެކޮޅަށް ޖަރުމަން ދެއްކި ޖާދޫއެއް ހަންގޭރީ ކައިރީގައި ނުދެއްކުނެވެ. މެޗުގެ 66 ވަނަ މިނެޓްގައި ކައި ހަވަޓްޒް ޖަރުމަނަށް ނަތީޖާ ހަމަހަމަ ކޮށްދިން ނަމަވެސް އޭގެ ދެ މިނެޓް ފަހުން އަލުން ހަންގޭރީއަށް ލީޑް ލިބުނެވެ.
ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި ލިއޯން ގްރޮޓްޒްކާ ވަނީ މެޗުގެ 84 ވަނަ މިނިޓްގައި ލަނޑު ޖަހައިފަ އެވެ.
މި ގުރޫޕް އެއް ވަނަ ހޯދި ފްރާންސް ވަނީ މިރޭ ކުޅުނު މެޗުގެ ކުރިންވެސް ދެ ވަނަ ބުރުގެ ޖާގަ ކަށަވަރު ކޮށްފަ އެވެ. ފްރާންސް ރުރޫޕްގެ އެއް ވަނަ ހޯދީ ފަސް ޕޮއިންޓާއެކު އެވެ. ހަންގޭރީ އާ އެއްވަރު ކުރި ޖަރުމަނަށް ލިބެނީ ދެ ވަނަ އެވެ. އެ ޓީމަށް ހަތަރު ޕޮއިންޓެވެ. ޕޯޗްގަލް ވަނީ އެންމެ ރަނގަޅު ނަތީޖާ ހޯދި ހަތަރު ޓީމުގެ ތެރޭގައި ހިމެނިގެން ދެ ވަނަ ބުރަށް ދަތުރު ކޮށްފަ އެވެ.