ބުޑަޕެސްޓް (ޖޫން 27) - މިފަހަރުގެ ޔޫރޯގެ ފޭވަރިޓެއްގެ ލަގަބު އަޅުވާފައި އޮތް ނެދަލެންޑްސްގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ޗެކް ރިޕަބްލިކް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.

ކުއާޓާގައި ޗެކް ރިޕަބްލިކް ނުކުންނާނީ ޑެންމާކާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.

މެޗުގައި ނެދަލެންޑްސް އަށް ދިމާވި އެންމެ ބޮޑު މައްސަލައަކަށްވީ، ދެ ވަނަ ހާފުގެ ބޮޑު ބައެއް އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުމުންނެވެ. އެއީ އެ ޓީމުގެ ޑިފެންޑަރު މަޓައިސް ޑެ ލިޓްއަށް ރަތް ކާޑު ދައްކައިގައި ދަނޑުން ފޮނުވާލުމުންނެވެ.

މަޓިއަސް ޑެ ލިޓްއަށް ފުރަތަމަ ދެއްކީ ރީނދޫ ކާޑެކެވެ. އެއީ ޗެކްގެ ޕެޓިރިކް ޝިކް ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަންނަން އުޅުމުން ޑެ ލިޓް ވަނީ ވެއްޓިގެންފައި ބޯޅައިގައި އަތުން ޖެހުމުންނެވެ. ރަތް ކާޑެއް ދެއްކީ، ވީއޭއާރު މެދުވެރިކޮށް ބެލުމަށް ފަހު ޑެލިޓް ގަސްތުގައި ބޯޅައިގައި އަތް ޖައްސާކަން ކަށަވަރު ކުރުމަށް ފަހު އެވެ.

ނެދަލެންޑް މާލެން ފޮނުވާލަން އުޅުނު ބޯޅަ ޗެކްގެ ކީޕަރު ވަސްލިކް ސަލާމަތް ކުރަނީ --- ފޮޓޯ: އޭއެފްޕީ
ނެދަލެންޑް މާލެން ފޮނުވާލަން އުޅުނު ބޯޅަ ޗެކްގެ ކީޕަރު ވަސްލިކް ސަލާމަތް ކުރަނީ --- ފޮޓޯ: އޭއެފްޕީ

ޗެކް ރިޕަބްލިކްގެ ފުރަތަމަ ލަނޑު، ޓޯމަސް ހޯލްސް ކާމިޔާބު ކުރީ، މެޗުގެ 68 ވަނަ މިނެޓްގަ އެވެ. ނެދަލެންޑްސްގެ އޭރިއާގެ އަރިމަތިން އޭރިއާގެ ބޭރުން ލިބުނު ހިލޭ ޖެހުން އޭރިއާ ތެރެއަށް ނަގައިދިނުމުން ޓޮމާސް ކެލާސް ބޮލުން ގޯލް ކުރިމައްޗަށް ނަގައިދިން ބޯޅަ ބޮލުން ހޯލްސް ފޮނުވާލީ ގޯލްގެ ކަނަށްވާ ގޮތަށެވެ.

ޗެކްގެ ދެ ވަނަ ލަނޑު ޝިކް ޖެހީ ހޯލްސް އޭރިއާ ތެރެއަށް ވަދެ ދިން ބޯޅައިންނެވެ. އެ ހަމަލާ އުފެއްދުމުގައި ޗެކްގެ ކީޕަރު ޓޯމާސް ވަސްލިކް އެ ޓީމުގެ ހާފުގެ ތެރެއިން ފޮނުވާލި ބާރު ބޯޅަ މުހިންމު އެހީއަކަށްވި އެވެ.

ނެދަލެންޑްސްގެ ޓީމަށް ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތު ލިބުނީ، ޑޮނިޔެލް މާލެން އަށެވެ. މެންފިސް ޑިޕާއީ ފުންނާބުން ދިން ބޯޅަ ހިފައިގެން ހުސްކޮށް އޭރިއާ ތެރެއަށް ވަން އިރު، މާލެން އަށް ހުރަސް އަޅަން ހުރީ ޗެކްގެ ކީޕަރު ވަސްލިކް އެކަންޏެވެ. އޭނާ ކައިރިން ބޯޅަ ނައްޓާލަން މާލެން މަސައްކަތް ކުރިނަމަވެސް އެ ބޯޅަ ވަސްލިކް ޑައިވްކޮށް ސަލާމަތް ކުރި އެވެ.