ފްރޭންކް ޑި ބޯއެ. ނެދަލެންޑްސްގެ ކޯޗް ކަމުން އޭނާ ވަނީ އިސްތިއުފާ ދީފަ
29 ޖޫން 2021 - 22:44
އެމްސްޓަޑަމް (ޖޫން 29) - މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުން ކަޓައިގެން ދިޔަ ނެދަލެންޑްސްގެ ކޯޗުކަމުން ފްރޭންކް ޑި ބޯޔަ ވަކި ވެއްޖެ އެވެ.
މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި ޔޫރޯ އާ ކުރިމަތިލި ނެދަލެންޑްސްއިން ވަނީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުންވެސް މޮޅުވެފަ އެވެ. އެހެންނަމަވެސް ދެ ވަނަ ބުރުގައި ޗެކް ރިޕަބްލިކް އަތުން 2-0 އިން ބަލިވެ މުބާރާތުން އެ ޓީމު ކެޓުމަކީ ގިނަ ބަޔަކަށް ލިބުނު ހައިރާން ކަމެކެވެ.
ދެކުނު އެފްރިކާގައި 2010 ގެ ވޯލްޑް ކަޕް ފައިނަލަށް ދަތުރު ކުރި ނެދަލެންޑްސް ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރި ޑި ބޯއެ، ނެދަލެންޑސްގެ ކޯޗް ކަމާ ހަވާލުވީ، މިދިޔަ އަހަރު ސެޕްޓެމްބަރު މަހު އެވެ. އެއީ އޭރު އެ ޓީމުގެ ކޯޗަކަށް ހުރި ރޮނަލްޑް ކޫމަން، ބާސާގެ ކޯޗް ކަމާ ހަވާލުވާން ނެދަލެންޑްސްގެ ވަޒީފާއިން އިސްތިއުފާ ދިނުމުންނެވެ.
ނެދަލެންޑްސް އެފްއޭއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ދެ ފަރާތް އެއްބަސްވެ ނެދަލެންޑްސްގެ ކޯޗުކަމުން ވަކިވާން ޑި ބޯއެ ނިންމާފައިވާ ކަމަށެވެ.
"އަހަރެން ނިންމައިފިން ކޯޗު ކަމުގެ މަގާމުގައި އިތުރަށް ކުރިއަށް ނުދާން. އަހަރެންގެ މަގްސަދު ހާސިލު ނުވެ މިދިޔައީ. ގައުމީ ޓީމު ކޯޗުކަން 2020 ގައި އަހަންނަށް ހުށަހެޅުމުން އަހަރެން އެކަން ބަލައިގަތީ ޝަރަފެއް އަދި ޗެލެންޖެއްގެ ގޮތުގައި. ހަމައެޔާއެކު އަހަންނަށް އެނގޭ މި މަގާމުގައި އަހަންނަށް އަންނާނެ ޕްރެޝަރުގެ ބޮޑުކަންވެސް،" ޑި ބޯއެ ބުންޏެވެ.
"މިހާރު ހަމައެކަނި ކަމަކަށް ވާނީ އެ ޕްރެޝަރު ބޮޑުވުން. އަދި ވޯލްޑް ކަޕް ކޮލިފިކޭޝަންގެ މުހިންމު މެޗުތަކެއް ކުރިއަށް ހުރިއރު ކުރިމަތިވި ގޮތުން އަހަރެން މި މަގާމުގައި ހުރުމަކީ އަހަންނަށްވެސް އަދި މި ކުޅުންތެރިންނަށްވެސް އެންމެ ރަނގަޅުވާނެ ގޮތެއް ނޫން."
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުޕުން ބައްޕަ
30 June 2021
މިހާރު ހަމައެކަނި ކަމަކަށް ވާނީ އެ ޕްރެޝަރު ބޮޑުވުން. އަދި ވޯލްޑް ކަޕް ކޮލިފިކޭޝަންގެ މުހިންމު މެޗުތަކެއް ކުރިއަށް ހުރިއރު ކުރިމަތިވި ގޮތުން އަހަރެން މި މަގާމުގައި ހުރުމަކީ އަހަންނަށްވެސް އަދި މި ކުޅުންތެރިންނަށްވެސް އެންމެ ރަނގަޅުވާނެ ގޮތެއް ނޫން.