ދަޅުގައި މަސް ބަންދުކޮށް ރާއްޖެ އާއި ބޭރަށް ފޮނުވާ ފެކްޓަރީ ހުންނަ ޅ. ފެލިވަރުގައި ބަހައްޓާފައި ހުރި ބޮއިލަރެއް ގޮވައި އޮޕަރޭޝަންތައް ހުއްޓާލައިފި އެވެ.
ގޮވި ބޮއިލަރަކީ މަސްދަޅު ބަންދު ކުރުމަށްފަހު ދަޅުތައް ކެއްކުމަށް ބޭނުންކުރާ ބޮއިލަރެކެވެ.
ޕްރޮޖެކްޓްސް އެންޑް ޓެކްނިކަލް ޖެނެރަލް މެނޭޖާ، މުއާޒް އަލީ "މިހާރު" އަށް ވިދާޅުވީ، ފެލިވަރުގައި ރޭ އެ ހާދިސާ ހިނގީ އެ ތަނުގައި ހުންނަ ތިން ބޮއިލަރުންގެ ތެރެއިން އެކަތި ގޮވައިގެން ކަމަށެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މުއާޒް ވިދާޅުވީ ސަރުކާރުން ދިން 10 ދުވަހުގެ ޗުއްޓީއާއެކު ފެލިވަރުގެ މަސައްކަތްތައް ވާނީ ޑައުންގްރޭޑް ކޮށްފައި ކަމަށެވެ.
"ދިވެހި މުވައްޒަފުންނަށް ލުއި ދިނުމަށްޓަކައި ޑައުންގްރޭޑް ކޮށްފައި އިނީ. އެހެން އިންދައި މަސްދަޅު ބަންދު ކުރުމަށްފަހު ދަޅުތައް ކެއްކުމަށް ބޭނުންކުރާ ބޮއިލަރެއް މި އެކްސްޕްލޯޑްވީ،" އޭނާ ވިދާޅުވި އެވެ.
ފެކްޓްރީއަށް ގެއްލުން ނުވާ ނަމަވެސް ބޮއިލަރުތައް ބަހައްޓާފައި ހުރި ސަރަހައްދަށް ގެއްލުން ލިބުނުކަން އޭނާ ފަހަގަ ކުރެއްވި އެވެ.
"ޕްރެޝަރު ހައިވެގެން މި އެކްޕްލޯޝަން މި ހިނގީ. މަސައްކަތް ކުރަނިކޮށެއް ނޫން މި އެކްސްޕްލޯޝަން މި ހިނގީ. އެކަން މި ހިނގީ ރޭގަނޑު 7ގައި ބަންދުކުރި ފަހުން،" މުއާޒް ވިދާޅުވި އެވެ.
"މިކަން މި ހިނގީ ކޮރޯޑްވެގެން ކަމަށް ބެލެވެނީ. އެއީ އޭގައި މި ބޭނުން ކުރާ ފެން، ތަންކޮޅެއް ސޯލްޓީ ވެގެން ކަމަށް. ބޭނުން ކުރާނީ ހަމަ ޑީސެލިނޭޝަން ފެން. އޭގެ ތެރޭގައި ވެސް ކޮންމެވެސް ވަރަކަށް ލޮނުގެ އަސަރު ހުންނާތީ އޭގައި ދަބަރު ޖަހައިގެން އެ ގޮވީ."
އެކަތި ގޮވިއިރު ކައިރީގައި ދެން ހުރި ދެ ބޮއިލަރަށް ވެސް އޭގެ އަސަރު ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޕްރޮޓޮކޯލްގައި އިންނަ ގޮތުން ފެލިވަރުގެ ކޮލެޓީ ސްޓޭންޑަޑްތައް މެއިންޓެއިން ކުރަން މި އިންނަނީ ޔޫރަޕިއަން އަދި ޔޫއެސް ސްޓޭންޑެޑަށް. ކަމެއް ދިމާވެއްޖެނަމަ ބަލަން ޖެހޭ ޕްރޮޓޮކޯލްތަކެއް ހުރޭ. އެއީ ކައިރީގައި ދެން ހުރި އެހެން އެއްވެސް ވަސީލަތަކަށް ގެއްލުމެއް ވެފައިވޭތޯ ބަލުން ކަހަލަ ކަންކަން،" މުއާޒް ވިދާޅުވި އެވެ.
އެކަންކަން ބެލުމަށް މިވަގުތު ފެކްޓްރީގެ މަސައްކަތްތައް ހުއްޓާލާފައިވާ ކަމަށާއި އިންޖިނިއަރުންގެ ޓީމަކުން މިހާރު އެ ތަން ބަލަމުންދާ ކަމަށް މުއާޒް ވިދާޅުވި އެވެ. އަދި މިހާތަނަށް ބެލި ބެލުމުން ދެން އެ ތަނުގައި ބޭނުން ކުރަމުން ދިޔަ ދެ ބޮއިލަރަށް ގެއްލުން ވެފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހުކުރު ދުވަހަކީ ފެލިވަރުގައި މަސްދަޅު ބަންދުކުރުމުގެ މަސައްކަތް ކުރާ ދުވަހެއް ނޫން ކަމަށާއި ނަމަވެސް ކުރިއަށް އޮތް ދެތިން ދުވަސް ތެރޭ މަސައްކަތް ފެށޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. މަސައްކަތް ފަށާނީ އެ ތަނުގައި ހުރި އިތުރު ބޮއިލަރެއް ބޭނުން ކޮށްގެން ކަމަށް މުއާޒް ވިދާޅުވި އެވެ.
އެކަން ހިނގި ގޮތް ބެލުމަށް ފުލުހުންނާ އެ ތަނުގެ އިންޖިނިއަރިން ޓީމު ގުޅިގެން ބަލަމުން އަންނަ ކަމަށް ވެސް މުއާޒް ވިދާޅުވި އެވެ.