ކޮވިޑާ ގުޅިގެން ކުރިމަތިވި އުނދަގޫ ހާލަތުން އަރައިގަތުމަށް އެހީވުމުގެ ގޮތުން ޓެކްސް ދެއްކުމުގައި ބޮޑު ލުޔެއް ދީފައިވާ ކަމަށް ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މީރާގެ 11 ވަނަ އަހަރީ ދުވަހާ ގުޅިގެން ފަތުހުﷲ ދެއްވާފައިވާ ބަޔާނުގައި ވިދާޅުވީ، މިދިޔަ އަހަރަކީ ކޮވިޑާ ގުޅިގެން ރާއްޖޭގެ އިގްތިސާދު ވަރަށް ބޮޑަށް އަޑި އަޅާލި ދުވަސްތަކެއް ކަމަށާއި އެދުވަސްވަރު ޓެކްސް ދެއްކުމުގެ ސުންގަޑިތައް ފަސްކޮށްދެއްވި ކަމަށެވެ. އޭނާ ވިދާޅުވީ، ޓެކްސް ދެއްކުން ލަސްވެ، ބޮޑެތި އަދަދުތަކުން ފައިސާ ދައްކަން ޖެހޭ މީހުންނަށް އިންސްޓޯލުމެންޓް އުސޫލުން ޓެކްސް ދެއްކުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ. އަދި ޖޫރިމަނާ މައާފުކޮށްދިނުމުގެ އުސޫލުގެ ތެރެއިން ޓެކްސް ދައްކާ ބައެއް ފަރާތްތަކަށް ލުއި ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިރާއިން މިހާރު ވަނީ ޓެކްސް ދައްކާ ފަރާތްތަކަށް ލުއިގޮތްތަކެއް ފަހިކޮށްދީފަ އެވެ. އެގޮތުން އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުރިހާ ޓެކްސްއެއް މިހާރު ދެއްކޭނެ އެވެ. މީގެ އިތުރުން ދިރާގު ޕޭ އާއި އުރީދޫގެ އެމް-ފައިސާ މެދުވެރިކޮށް ވެސް ފައިސާ ދެއްކޭނެ އެވެ.

މިރާގެ ހިދުމަތް އަތޮޅުތެރެއަށް ފުޅާ ކުރަމުން އަންނަ އިރު މިހާރު ވެސް 17 އަތޮޅެއްގައި މީރާގެ އޮފީސްތައް ވަނީ ގާއިމްކޮށްފަ އެވެ.

ކޮވިޑްގެ ހާލަތުގައި މީރާއަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 75 ގެއްލުނެވެ. މިހެންވީ ރާއްޖޭގެ އެކި ދާއިރާތަކުގައި ހިންގަމުންދާ ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވުމުންނެވެ. މީރާއިން ވަނީ ލުއިތައް ދިނުމުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އިތުރަށް ލުއި ދޭން ނިންމައިފަ އެވެ.