ކާޑިފް، ސްވަންސީ (އޮކްޓޫބަރު 4) - އިނގިރޭސި ޕްރިމިއާ ލީގުގައި ކޯޗުކޮށްދޭ އެމެރިކާ އަށް ނިސްބަތްވާ ފުރަތަމަ ކޯޗަކަށް ސްވަންސީ ސިޓީ އަށް އިއްޔެ ހަމަޖެއްސި ބޮބް ބްރެޑްލީ ވެއްޖެ އެވެ.

ސްވަންސީގެ ކޯޗަކަށް ބްރެޑްލީ ހަމަޖެއްސީ ކުރިން އެ މަގާމުގައި ހުރި އިޓަލީގެ ފްރަންސެސްކޯ ގީޑަލިން ވަކިކުރުމަށް ފަހު އެވެ. ގީޑަލިން ވަކިކުރީ މޮޅެއް ނުހޯދައި ހަ މެޗު ވެފައިވަނިކޮށެވެ. މި ސީޒަނުގައި ސްވަންސީ މޮޅުވީ އެންމެ ދެ މެޗުންނެވެ. އެ ޓީމު އެންމެ ފަހުން ކުޅުނު ދެ މެޗުން އަމިއްލަ ދަނޑުގައި ވަނީ މެންޗެސްޓާ ސިޓީ އާއި ލިވަޕޫލް އަތުން ބަލިވެފަ އެވެ.

"ގީޑަލިން ސްވަންސީ އަށް ގެނައީ ވަރަށް އުއްމީދާ އެކު. އެކަމަކު ސީޒަނުގައި މިހާތަނަށް ދިޔައިރު އެއްވެސް ކުރިއެރުމެއް ނުފެންނާތީ އޭނާ މަގާމުން ވަކިކުރަން ނިންމީ މެނޭޖްމަންޓުން. ބްރެޑްލީ އަކީ އަހަރެމެން ބޭނުންވާ ކާމިޔާބު ހޯދޭނެ ކޯޗެއް،" ސްވަންސީގެ ޗެއާމަން ހިއު ޖެންކިންސް ވިދާޅުވި އެވެ.

މިސްރުގެ ގައުމީ ޓީމާއި އެމެރިކާ އަށް ކޯޗުކޮށްދިން ބްރެޑްލީ އެންމެ ފަހުން އިރުޝާދު ދިނީ ފްރާންސް ދެ ވަނަ ލީގުގެ ލިހާވްރޭ އަށެވެ.

ސްވަންސީން ބްރެޑްލީއާ އެ ޓީމު ހަވާލުކުރުމުގެ ކުރިން ވަނީ މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ކުޅުންތެރިއާ ރިޔާން ގިގްސް އާއި ވެސްޓް ހޭމް އަށް ކުރިން ކޯޗުކޮށްދިން ގިއަންފްރަންކޯ ޒޯލާއާ މަޝްވަރާކޮށްފަ އެވެ.

ބްރެޑްލީގެ އިރުޝާދުގެ ދަށުން ސްވަންްސީ ކުޅޭ ފުރަތަމަ މެޗުގައި މި މަހު 15 ވަނަ ދުވަހު ނުކުންނާނީ އާސެނަލާ ދެކޮޅަށެވެ.