ކާޑިފް، ސްވަންސީ (އޮކްޓޫބަރު 9) - ސްވަންސީ ސިޓީގެ ކޯޗުކަމާ ހަވާލުވުމަށް ވާހަކަތަކެއް ދެކެވުނު ކަމަށާއި އެކަމަކު އެ މަގާމު ނުލިބުމުން ދެރަނުވާ ކަމަށް ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ރިޔާން ގިގްސް ބުނެފި އެވެ.

ސްވަންސީން ފްރަންސެސްކޯ ގީޑަލިން އެ ޓީމުގެ ކޯޗުކަމުން ވަކިކުރުމަށް ފަހު އެ ޓީމަށް ގެނައީ ކުރިން އެމެރިކާ ގައުމީ ޓީމަށް ކޯޗުކޮށްދިން ބޮބް ބްރެޑްލީ އެވެ. މިއީ އެމެރިކާ ކޯޗަކު ޕްރިމިއާ ލީގުގެ ކްލަބަކާ ހަވާލުވި ފުރަތަމަ ފަހަރެވެ.

ގިގްސް ބުނީ ސްވަންސީގެ ހުށަހެޅުމަށް ނޫނެކޭ ބުނީ މަޝްވަރާކުރެވުނު ކަންތައްތަކާ ގުޅޭގޮތުން ދެ ފަރާތަށް އެއްބަސްވުމަކަށް ނާދެވުމުން ކަމަށެވެ.

"މިއީ އަހަރެން ފުޓްބޯޅައިން ޗުއްޓީއެއް ނަގަން ނިންމި އަހަރު. އެކަމަކު ސްވަންސީން ހުށަހެޅުން ލިބުމުން އެމީހުންނާ މަޝްވަރާކުރިން. އެކަމަކު އެއްބަސްވުމަކާ ހަމައަށް ނާދެވުނު. އެއީ ސްވަންސީގެ ޕްލޭނާ އަހަރެންގެ ވިސްނުމާ އެއްގޮތް ނުވުމުން،" ގިގްސް ބުންޏެވެ.

ރިޕޯޓްތައް ބުނާގޮތުގައި ސްވަންސީން ގިގްސް އަށް ދޭން ނިންމީ އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެކެވެ. އަދި ފުރަތަމަ އަހަރަށް ފަހު އެއްބަސްވުން އާ ކުރާނީ ގިގްސް އަށް ސްވަންސީ ގޮވައިގެން ގަދަ 10 ތެރޭގައި ނިންމާލެވިއްޖެނަމަ އެވެ.

ގިގްސް ބޭނުންވީ މަދުވެގެން ތިން އަހަރުގެ އެއްބަސްވުމެކެވެ. ޔޫތު ކުޅުންތެރިންނަށް ވެސް އެއް އަހަރު ދުވަހުގެ ތެރޭގައި ފަސްޓް ޓީމަށް އާދެވޭ ގޮތަށް ކްލަބަށް ޕްރިމިއާ ލީގުގައި ހިފަހައްޓާލެވޭ ވަރު ކުރުމަށެވެ.

މިދިޔަ ސީޒަނަށް ފަހު ޔުނައިޓެޑްގެ އެސިސްޓަންޓް ކޯޗުކަމުން ވަކިވުމުގެ ކުރިން ގިގްސް ވަނީ ޑޭވިޑް މޮއިސް އެ ޓީމުގެ ކޯޗުކަމުން 2014 ވަނަ އަހަރު ވަކިކުރުމުން އެ ޓީމަށް އެ ސީޒަނުގެ ފަހު ބައިގައި އިރުޝާދު ދީފަ އެވެ.

ގިގްސް ބުނީ އަންނަ ސީޒަނުގައި އިނގިރޭސި ކްލަބަކުން ފެނުމުގެ ފުރުސަތު ބޮޑުކަމަށް ބުނެފަ އެވެ.