ބްރެޒީލިއާ (ޖުލައި 31) - ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނަރޯގެ އަނބިކަނބަލުން މިޝޭލް ބޮލްސޮނަރޯ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ އެވެ.
ފަސްޓް ލޭޑީ މިޝޭލް ޕޮޒިޓިވްވެފައި މި ވަނީ ބޮލްސޮނަރޯ އަށް ކޮވިޑް-19 ޖެހި ރަނގަޅުވިތާ ފަސް ދުވަސް ފަހުންނެވެ.
ބްރެޒިލްގެ ރައީސްގެ އޮފީހުން ބުނީ އުމުރުން 38 އަހަރުގެ ފަސްޓް ލޭޑީ ވައިރަހަށް ޕޮޒިޓިވްވި ނަމަވެސް އެކަމަނާގެ ހާލު ރަނގަޅު ކަމަށެވެ. އަދި ސިއްހީ ހުރިހާ ޕްރޮޓޮކޯލަކަށް މިޝޭލް ތަބާވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
މިޝޭލް އެންމެ ފަހުން އާއްމުންނަށް ފެނިފައި ވަނީ ވެރިރަށް ބްރެސީލިއާގައި ބުދަ ދުވަހު ބޭއްވި އިވެންޓަކުން، ފިރިކަލުން ބޮލްސޮނަރޯއާ އެކު އެވެ.
އުމުރުން 65 އަހަރުގެ ބޮލްސޮނަރޯ އަށް ކޮވިޑް-19 ޖެހިފައި ވަނީ މި މަހު 7 ވަނަ ދުވަހު އެވެ. ދެ ހަފުތާ އަށް ވުރެ ގިނަ ދުވަސް ފަހުން ބޮލްސޮނަރޯގެ ޓެސްޓް ނެގެޓިވްވެފައި ވަނީ ހޮނިހިރު ދުވަހު އެވެ.
ބްރެޒިލްގައި ކޮރޯނާވައިރަހާ ދެކޮޅަށް އަޅާ ފިޔަވަޅުތައް ދޯދިޔާ ކަމަށް ބުނެ އެތައް ބައެއްގެ ފާޑުކިޔުން ބޮލްސޮނަރޯ އަށް ވަނީ އަމާޒުވެފަ އެވެ.
ބްރެޒިލަކީ އެމެރިކާ އަށް ފަހު މުޅި ދުނިޔެ އިން އެންމެ ގިނަ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ ގައުމެވެ. އެ ގައުމުން 2.6 މިލިއަން މީހުންނަށް ބަލިޖެހިފައިވާ އިރު 91،377 މީހުން ވަނީ މަރުވެފަ އެވެ.