ފޮޓޯގެލަރީ / ޚަބަރު

"މިހާރު" ގެ ފޮޓޯތަކުން 2025 ގެ އުސްއަލިތައް

ފަޔާޒް މޫސާ

31 ޑިސެމްބަރ 2025

މިއީ މިދިޔަ 2025 ގައި ރާއްޖޭގައި ހިނގި ބޮޑެތި ކަންތައްތަކުގެ ތެރެއިން "މިހާރު" ގެ ދެ ފޮޓޯޖާނަލިސްޓުން ކަމަށްވާ ނިޝާން އަލީ އާއި ފަޔާޒު މޫސާގެ ލެންސަށް އަރާފައިވާ މުހިންމު ބައެއް މަންޒަރުތައް.

ޑިސެމްބަރު 24، 2025: އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ދުވަސްވަރު ދެ ބޭފުޅުންގެ މެދުގައި ހިނގި ސިޔާސީ އަރައިރުންތަކަށް ފަހު، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ފުރަތަމަ ފަހަރަށް ބައްދަލުކުރެއްވުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޖުލައި 26، 2025: ރާއްޖޭގެ 60 މިނިވަން ދުވަހާ ދިމާކޮށް އިންޑިއާގެ ބޮޑުވަޒީރު ރާއްޖެ އަށް ކުރެއްވި ފުރަމާނާ ދަތުރުފުޅުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި މިނިވަންދުވަހުގެ ކުޅިވަރުތައް ބެއްލެވުމަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު ވަޑައިގަންނަވަނީ.--- ފޮޓޯ: ނިޝާން އަލީ | މިހާރު

ޖުލައި 26، 2025: ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށް އެރުވި ހަވާ. އެ ދުވަހު އެރުވި ހަވާ ވަނީ ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދައިފައި.--- ފޮޓޯ: ނިޝާން އަލީ | މިހާރު

ޑިސެމްބަރު 11، 2025: މަސްވެރިންގެ ދުވަހު ބޮޑުކަންނެލި މަސްވެރިން ބޭއްވި އިހުތިޖާޖުގައި ބައިވެރިވި މަސްދޯނިތައް މާލޭ ބޭރުގައި، ފުލުހުންނާ ސިފައިން ވަނީ މާލޭ ފަޅަށް އެ ދޯނިތައް ވަނަނުދީ ހުއްޓުވާފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޖޫން 1، 2025: ސްޓެލްކޯގެ އިންޖީނުތައް ނިވި މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑުމަށް ފަހު، އަލުން ކަރަންޓު ދިނުމަށް ޖެނެރޭޓަރުތައް ހިންގަން ފެށުމުން އިންޖީނުގޭގެ ދުން ހޮޅިތަކުން ދުން އަރާއިރު، މީހަކު އެ ދިމާލަށް ބަލަހަައްޓައިގެން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ސެޕްޓެމްބަރު 18، 2025: މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލާ ދެކޮޅަށް ނޫސްވެރިން ރައްޔިތުންގެ މަޖިލިހުގެ އިދާރާ ކައިރީގައި ކުރި އިހުތިޖާޖު ފުލުހުން ބާރުގެ ބޭނުންކޮށްގެން ރޫޅާލަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޖެނުއަރީ 3، 2025: މާލެ އަށް ކުރި ގަދަ ވިއްސާރާގައި ފެންބޮޑުވެ، މަޖީދީ މަގުގައި ހިންގާ ފިހާރައަކަށް ފެން ވަނުމުން އެ ތަނުން ފެން ހިއްކުމުގެ މަސައްކަތް މީހަކު ކުރަނީ: އެއީ މި ފަހުން މާލޭގައި އެންމެ ބޮޑަށް ފެންބޮޑުވި ފަހަރު.--- ފޮޓޯ: ނިޝާން އަލީ | މިހާރު

އޮކްޓޯބަރު 3، 2025: އިދިކޮޅު އެމްޑީޕީން ސަރުކާރާ ދެކޮޅަށް މާލޭގައި ބޭއްވި ބޮޑު އެއްވުމުގެ ބައިވެރިންނަށް މަޖީދީ މަގުން ކުރިއަށް ދާން ފުރުސަތު ނުލިބުމުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފުލުހުންގެ ޝީލްޑުތައް ކައިރީގައި މަޑުކޮށްލައްވައިގެން.--- ފޮޓޯ: ނިޝާން އަލީ| މިހާރު

ޑިސެމްބަރު 17، 2025: މާލޭގެ އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވި ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ގަލޮޅުގެ ރައްޔިތުންގެ ބައްދަލުވުމުގައި އުމުރުން ދުވަސްވީ މީހާކު އޭނާގެ އުދާސްތައް ބަނޑުން ކޮށްލައި ރޮވިފައި.--- ފޮޓޯ: ނިޝާން އަލީ | މިހާރު

ޖެނުއަރީ 6، 2025: ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަނަށް ގެނައި އެއާބަސް އޭ330 ބޯޓު ނުވަތަ އެ އެއާލައިންގެ ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާ ވަގުތު ދިވެހި ސަގާފީ ހަރަކާތެއް ހުށަހަޅަނީ އަދި ބޯޓު ޖައްސާ މަންޒަރު ވީޑިއޯ ކުރަނީ.--- ފޮޓޯ: ނިޝާން އަލީ | މިހާރު

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

mihaaru logo

Copyright © 2026 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy