އެމްސްޓެޑަމް (ނޮވެމްބަރު 7) - ހޮލެންޑުގެ އެމްސްޓެޑަމްގެ މަޝްހޫރު ސްކިޕޯލް އެއާޕޯޓުގައި އޮތް މަތިންދާ ބޯޓެއްގެ ޕައިލެޓަށް އޮޅިގެން ހައިޖެކް އެލާމް އެޅުމުން އެއާޕޯޓުގައި ބޮޑު ސެކިއުރިޓީ އޮޕަރޭޝަނެއް ރޭ ހިންގަން ޖެހިއްޖެ އެވެ.
ހޮލެންޑް ފުލުހުން ބުނީ ސްޕޭނުގެ އެއާލައިން "އެއާ ޔޫރޯޕާ" އިން ވަނީ އޮޅިގެން ކުރެވުނު އެ ކަންތަކަށް ވަރަށް ބޮޑަށް މައާފަށް އެދިފައި ކަމަށެވެ. އެމްސްޓެޑަމުން މެޑްރިޑަށް ދާން އޮތް ބޯޓުން ހައިޖެކް އެލާމް އެޅުމާ އެކު އިމަޖެންސީ ވެހިކަލްތައް ވަނީ އެ ބޯޓު ފަށާލައިފަ އެވެ.
"އެމްސްޓެޑަމުން މެޑްރިޑަށް ދާން އޮތް ބޯޓުގައި ހައިޖެކް އެލާމް އެޅުނީ އެކްސިޑެންޓަކުން،" އެއާލައިނުން ކުރި ޓްވީޓެއްގައި ބުނެފައިވެ އެވެ. "ނުރައްކާތެރި އެއްވެސް ހާދިސާއެއް ނުހިނގާ. ހުރިހާ ޕަސިންޖަރުން ތިބީ ސަލާމަތުން."
އެމްސްޓެޑަމްގެ ސްކިޕޯލަކީ ޔޫރަޕުގެ އެންމެ ބިޒީ އެއް އެއާޕޯޓެވެ. އެ އެއާޕޯޓުން އަހަރަކު 70 މިލިއަން ޕަސިންޖަރުން ހޭންޑްލް ކުރެ އެވެ.
ހޮލެންޑުގެ މީޑިއާތަކުން ބުނެފައި ވަނީ އެލާމް އެޅި ބޯޓުގައި ތިބީ 27 ޕަސިންޖަރުން ކަމަށެވެ.
އެކްސިޑެންޓަކުން އެލާމް އެޅުނު ސަބަބު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ތަޖްރިބާކާރުން ބުނަނީ ހައިޖެކް އެލާމަކީ އެންމެ ބަޓަނަކުން އެޅޭ އެއްޗެއް ނޫން ކަމަށެވެ.