ފިރިހެނުންގެ ޖިންސީ ބަލިކަށިކަމަށް ބޭނުންކުރާ ހާއްސަ މާމުއި ކަމަށް ބުނެ ރާއްޖެއަށް ގެނެސްގެން ވިއްކާ މާމުޔަކީ ޖިންސީ ބަލިކަށިކަމަށް ބޭނުންކުރާ ޑޮކްޓަރީ ބޭހެއް އެއްކޮށްގެން ވިއްކާ "ފްރޯޑް އުފެއްދުންތަކެއް" ކަމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން އަންގާފައި ވާތީ އޭގެ މާމުއި ރާއްޖޭގައި ވިއްކުން މަނާކޮށްފި އެވެ.
ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން ބުނީ މި މާމުއިތަކުގައި ހުންނަނީ ސެކްޝުއަލް އެންހޭސްމެންޓް އަދި އިރެކްޓަލް ޑިސްއިންފެކްޝަން އަށް ބޭނުންކުރާ ޑޮކްޓަރީ ބޭސްތަކެއް ކަމަށްވާ ޓަޑާލަފިލް އަދި ސިލްޑެނަފިލް ކަމަށެވެ.
އެފްޑީއޭ އިން ވަނީ މި ބޭސްތައް އެއްކޮށްގެން ހަދާފައި ހުންނަ މާމުއިގެ ފޮޓޯ އާންުކޮށްފަ އެވެ.
އެފްޑީއޭ އިން ބުނީ މި މާމުއި ވިއްކުން މަނާކުރީރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.
ޖިންސީ ބަލިކަށިކަމަށް ބޭނުންކުރާ ގިނަ ބޭސްތަކުގެ ވަރަށް ގިނަ ސައިޑް އިފެކްޓްސް ހުރެ އެވެ. އޭގެ ތެރޭގައި ހިތުގެ ހިނގުން އަވަސްވުން ހިމެނޭއިރު، ސިއްހީ ބައެއް މައްސަލަތައް ހުންނަ މީހުންނަށް ހާޓް އެޓޭކް ޖެހުން ފަދަ ކަންކަމާ ވެސް ދިމާވެ އެވެ.
މި މާމުއިތަކަކީ ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން ފިރިހެނުންނަށް ހާއްސަ، ގުދުރަތީ އުފެއްދުމެއް ކަމަށް ބުނެ ބޮޑު އަގުގައި ވިއްކަމުން އަންނަ އެއްޗެކެވެ.