މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް (މާޕް) ގެ މި އަހަރުގެ އެޗްއާރު ކޮންވެންޝަންގައި ބައިވެރިވާން ބޭނުން ފަރާތްތަކުން ރަޖިސްޓަރީ ވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

އަންނަ މާޗް 14،15 ގައި ބާއްވާ ދެވަނަ "ނޭޝަނަލް އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯ" ގައި މަޝްވަރާ ކުރާ ކަންތައްތަކުގެ ތެރޭގައި، މުވައްޒަފުންގެ ހުނަރާއި ގާބިލްކަން އިތުރު ކުރުމާއި ވަޒީފާގެ މާހައުލަށް ޓެކްނޮލޮޖީ އިތުރު ކުރުމާއި މުވައްޒަފުންނަށް އެންމެ އެކަށީގެންވާ ވަޒީފާގެ މާހައުލެއް ހޯދޭނެ ގޮތްތައް ބުނެދިނުން ހިމެނެ އެވެ. އަދި ލީޑާޝިޕާއި އިންސާނީ ވަސީލަތްތައް ބިނާކުރާނެ ގޮތްތަކާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރާނެ ކަމަށް މާޕުން ބުންޏެވެ.

"ޓްރާންސްފޯމޭޝަން އެންޑް ކަލްޗާ-ފިއުޗާ އޮފް ހިއުމަން ކެޕިޓަލް" ގެ ނަމުގައި ކުރިއަށް ގެންދާ މި ކޮންވެންޝަންގައި ކީނޯޓް ސްޕީޗް ދެއްވާނީ ދުނިޔޭގެ ފެންވަރުގެ މަޝްހޫރު 12 ބޭފުޅެކެވެ.

އޭގެ ތެރޭގައި ގްލޯބަލް ކީނޯޓް ސްޕީކާ އަދި އެގްޒެކެޓިވް ކޯޗް އޮން ލީޑާޝިޕް، އެންޑްރޫ ބްރެންޓާއި ޓްރާންސްފޯމޭޝަނަލް ކީނޯޓް ސްޕީކާ ކަރެން ލިއޮންގް އާއި، ލީޑާޝިޕް ސްޕީކާ، އޯތާ އެންޑް ހައި ޕާފޯމަންސް ސްޓްރެޓެޖިސްޓް ކެނެތް ކުއާން އާއި މެނޭޖިން ޕާޓްނަރު އެޓް ކްރޫ ގްލޫ އެންޑް ދަ ޑެއިޒީ ގްރޭ ޕާޓްނަޝިޕް ސާރާ ބެލިންގް ހިމެނޭ ކަމަށް މާޕުން ބުނެ އެވެ. އަދި ރާއްޖޭގެ 20 ބޭފުޅަކު ވެސް ކޮންވެންޝަންގެ ތީމާ ގުޅޭ ތަފާތު ސެޝަންތައް ނަންގަވައި ދެއްވާނެ އެވެ.

މާޕުން މިދިޔަ އަހަރު ބޭއްވި އެޗްއާރު ކޮންވެންޝަންގެ ތެރެއިން.---ފޮޓޯ: މާފް
މާޕުން މިދިޔަ އަހަރު ބޭއްވި އެޗްއާރު ކޮންވެންޝަންގެ ތެރެއިން.---ފޮޓޯ: މާފް

މާޕްގެ ރައީސް އަދި ލަކްސް ރިސޯޓްގެ ރީޖަނަލް ޑައިރެކްޓަ ޓްރެއިނިން އެންޑް ޑިވެލޮޕްމަންޓް ހުސައިން އަފީފް ވިދާޅުވީ، މިދިޔަ އަހަރުގައި ބޭއްވި ކާމިޔާބު އެޗްއާރު ކޮންވެންޝަނަށް ވުރެ ވެސް މި ފަހަރުގެ ކޮންވެންޝަން މާ ފުރިހަމަ ވާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ދުނިޔޭގެ ފެންވަރުގެ ގިނަ ސްޕީކާސްތަކެއް ބައިވެރިވާ މި ކޮންވެންޝަނަށް ނަގަނީ ވަރަށް އެކަށީގެންވާ ފީ އެކެވެ. ކޮންވެންޝަން ހިނގަމުން ދާއިރު، އެޗްއާރުގެ ދާއިރާއާ ގުޅޭ ތަކެއްޗާއި ޚިދްމަތްތައް ފެންނާނެ އެކްސްޕޯއެއް ވެސް ކުރިއަށް ގެންދާނެ ކަމަށް މާޕުން ބުންޏެވެ.

މާޕުން މިދިޔަ އަހަރު ބޭއްވި އެޗްއާރު ކޮންވެންޝަންގައި ކީނޯޓް ސްޕީކަރަކު ސެޝަނެއް ނަންގަވައި ދެއްވަނީ.---ފޮޓޯ: މާފް
މާޕުން މިދިޔަ އަހަރު ބޭއްވި އެޗްއާރު ކޮންވެންޝަންގައި ކީނޯޓް ސްޕީކަރަކު ސެޝަނެއް ނަންގަވައި ދެއްވަނީ.---ފޮޓޯ: މާފް

މާޕްގެ ވެބްސައިޓް އަދި ފޭސްބުކް ޕޭޖު މެދުވެރިކޮށް ވެސއް "ނޭޝަނަލް އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯ 2020" ގައި ރަޖިސްޓަރީ ވެވޭނެ ކަމަށް އެ ޖަމިއްޔާ އިން ބުނެ އެވެ.

މާޕް އަކީ އިންސާނީ ވަސީލަތް ތަރައްގީ ކުރުމުގެ ދާއިރާ އަށް މީހުން ހޭލުންތެރިކޮށް، އަދި މީހުން ބިނާކުރަން ރާއްޖޭގައި އުފެއްދި ފުރަތަމަ ޖަމިއްޔާ އެވެ.

މާޕުން މިދިޔަ އަހަރުގެ އެޗްއާރު ކޮންވެންޝަންގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވާހަކަ ދައްކަވަނީ.---ފޮޓޯ: މާފް
މާޕުން މިދިޔަ އަހަރުގެ އެޗްއާރު ކޮންވެންޝަންގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވާހަކަ ދައްކަވަނީ.---ފޮޓޯ: މާފް

އެ ޖަމިއްޔާގެ މައިގަނޑު މަގްސަދަކީ އެޗްއާރު ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ތަފާތު ގޮތްގޮތުން އެހީތެރިވެ، ބޭނުންވާ ފަހުގެ ވަސީލަތްތައް ހޯދުމަށް އެހީތެރިވެ ދިނުމާއި ދާއިރާއާ ގުޅޭ ބޭރުގެ ފަރާތްތަކާ ގުޅުން ބަދަހިކޮށް، މައުލޫމާތު ބަދަލުކުރެވޭނެ މަގުތައް ފަހިކޮށްދިނުމެވެ.

ޖަމިއްޔާ އުފެދުނުތާ އެއް އަހަރު ވެފައިވާ އިރު، ދާއިރާއާ ގުޅުން ހުރި ތަފާތު ގިނަ ޕްރޮގްރާމްތަކެއް ވަނީ ހިންގައިފަ އެވެ.

މިދިޔަ އަހަރު ބޭއްވި ޚާއްސަ ހަރަކާތްތަކުގެ ތެރޭގައި ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަސްޓަމާ އެކްސްޕީރިއަންސް ކޮންސަލްޓަންޓް، ރޮން ކޮފްމަން ލައިވް އިން މޯލްޑިވްސް އާއި ދުނިޔޭގެ މަޝްހޫރު މޯޓިވޭޝަންލް ސްޕީކާ ރޮބިންބޭންކްގެ ސެޝަންގެ އިތުރުން އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯ ހިމެނެ އެވެ. އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް ލާނިން އެންޑް ޑިވެލޮޕްމަންޓް ކޮންފަރެންސް ވެސް މިދިޔަ އަހަރު މާޕުން ބޭއްވި އެވެ.