ކ. ހިންމަފުށީގައި މިއަދު ނިމުނު ގާމާދޫކޮޅު މުބާރާތުގެ ފައިނަލް ހީޓުގައި ހޫދު އަހުމަދު (ހޫބްޒް) ގެ މައްޗަށް ކުރި ހޯދައިގެން ހުސެއިން އަރީފް (އިބޫ) ޗެމްޕިއަންކަން ދިފާއު ކޮށްފި އެވެ.

ދިވެހި ސާފް ލީގުގައި މިދިޔަ އަހަރުގެ ގާމާދޫކޮޅު މުބާރާތުގެ ފައިނަލްގައި ވެސް ވާދަކުރީ ވެސް އިބޫ އާއި ހޫބްޒް އެވެ. އެއީ ދެ އަހަރު ފަހުން އިބޫ އެނބުރި އައިސް އެމްއެސްއޭގެ މުބާރާތެއްގައި ވާދަކުރި ފުރަތަމަ ފަހަރެވެ.

އިއްޔެ ބޭއްވި ފައިނަލްގައި އިބޫ އެއްވަނަ ހޯދީ ޖުމްލަ 15.66 ޕޮއިންޓް ހޯދައިގެންނެވެ. އޭނާ ވަނީ ފުރަތަމަ ރާޅާއި ހަތަރުވަނަ ރާޅަށް 7.83 ޕޮއިންޓް ހޯދައިފަ އެވެ. ހޫދު އަށް ލިބުނީ ޖުމްލަ 11.73 ޕޮއިންޓެވެ. ހޫބްޒްގެ އެންމެ ރަނގަޅު ދެ ރާޅަށް ލިބުނީ 5.50 ޕޮއިންޓަކާއި 6.23 ޕޮއިންޓެވެ.

ހޫބްޒް، ރަނަރަޕް ޓްރޮފީއާ ހަވާލް ވަނީ.--
ހޫބްޒް، ރަނަރަޕް ޓްރޮފީއާ ހަވާލް ވަނީ.--

"ހޫބްޒް އަކީ ވަރަށް ޓަފް ކޮމްޕެޓިޓާއެއް އަބަދުވެސް. ހޫބްޒްއާ އެއްކޮށް ޖެހޭނެ ވަރަށް ސްމާޓްކޮށް ރާޅާ އަޅަން. އޭނާއަކީ ވަރަށް ސްޓްރޯންގް އަދި މެނޫވާތައް ވެސް ވަރަށް ސްޓްރޯންގް ވާނެ. މުބާރާތުގައި އެންމެ ހައި ސްކޯ ހޯދާފައި ވަނީ ވެސް އޭނާ. އެހެންވެ 110 ޕަސެންޓް ދޭޏް ޖެހޭ ހޫބްޒްއާ ދެކޮޅަށް ރާޅާއަޅާއިރު،" ފައިނަލް ހީޓަށް ފަހު އިބޫ ބުންޏެވެ.

އިބޫ ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލްގައި އާދަމް މުއީން އިބްރާހިމްގެ މައްޗަށް ކުރި ހޯދައިގެންނެވެ. މުއީން އާ ވާދަކޮށް އިބޫ ވަނީ ސެމީގެ ހީޓުގައި 8.33 ޕޮއިންޓަކާއި 7.67 ޕޮއިންޓެއް ހޯދައި ޖުމްލަ 16 ޕޮއިންޓް ހަމަކޮށްފަ އެވެ. މުއީނަށް ލިބުނީ 4.83 އަކާއި 6.17 އަކާ އެކު ޖުމްލަ 11 ޕޮއިންޓެވެ.

ގައުމީ ޗެމްޕިއަންކަން ހޯދާފައިވާ ހޫބްޒް އާއި އިސްމާއިލް މިގްލާލް (ކުޑަ އިއްސޭ) ވާދަކުރި ދެވަނަ ސެމީ ފައިނަލް ހީޓު 17.17 ޕޮއިންޓުން ކާމިޔާބު ކުރީ ހޫބްޒް އެވެ. މިއީ މި މުބާރާތުގައި ހީޓަކުން ހޯދި އެންމެ މަތީ ސްކޯ އެވެ. އޭނާގެ ފުރަތަމަ ރާޅަށް ނުވަ ޕޮއިންޓް ހޯދިއިރު ތިންވަނަ ރާޅުގައި 8.17 ޕޮއިންޓް ސްކޯ ކުރި އެވެ. ނުވަ ޕޮއިންޓަކީ މުބާރާތުގައި އެއް ރާޅަށް ލިބުނު އެންމެ ގިނަ ޕޮއިންޓެވެ. ކުޑަ އިއްސޭ އަށް ހޯދުނީ ޖުމްލަ 7.37 ޕޮއިންޓެވެ.

މިދިޔަ އަހަރުގެ ލީގު ޗެމްޕިއަން އަހުމަދު އާގިލް (އަންމަޑޭ) ކުއާޓާ ފައިނަލަށް ދިޔަ ނަމަވެސް އޭނާ ވާދަ ނުކުރަން ނިންމީ، ފަސްވަނަ ހީޓުގައި ލިބުނު އަނިޔާއަކާ ގުޅިގެންނެވެ. އަދި ކުރިއަށް އޭނާ ނިސްބަތްވާ ކ. ތުލުސްދޫގައި އޭޝިއަން ސާފިން ޗެމްޕިއަންޝިޕް އޮންނައިރު އޭނާ އަކީ ރާއްޖޭގެ ގައުމީ ޓީމުގައި ހިމެނޭ، ކުރިއެރުން ހޯދަމުން އަންނަ ރާޅާއެޅުންތެރިއެކެވެ.

ކުއާޓާގައި އޭނާ ވާދަ ކުރަން ޖެހުނީ އެރަށަށް އުފަން މުއީން އާއެވެ. އިބޫ ވަނީ ކުއާޓާގައި އަންމަޑޭގެ ބޭބެ، ކުރީ ގައުމީ ޓީމުގައި ވެސް ހިމެނުނު ހަސަން ނާސިހު (ޗިކާ) އާދެކޮޅަށް ވާދަވެރި ހީޓަކަށް ފަހު 1.33 ޕޮއިންޓުގެ ތަފާތުން ކުރި ހޯދައިގެންނެވެ. ކުއާޓާގައި ހޫބްޒް، އިބްރާހިމް އައިމަން އާރިފް ބަލި ކުރިއިރު ކުޑަ އިއްސޭ ވަނީ އަޒްލީ ނަސީމް އާ ވާދަކޮށް ކުރި ހޯދައިފަ އެވެ.

މި މުބާރާތަށް ފަހު ލީގުގެ ރޭންކިން އަށް ވެސް ވަނީ ބަދަލުތަކެއް އައިސްފަ އެވެ. މުބާރާތުގެ ޗެމްޕިއަންކަމާ އެކު އިބޫ ވަނީ ޖުމްލަ 2470 ޕޮއިންޓާ އެކު ލީގުގެ އެއްވަނައަށް ޖެހިލައިފަ އެވެ. އަދި ފަސްވަނައިގައި އޮތް ހޫބްޒް 2080 ޕޮއިންޓާ އެކު ވަނީ ދެވަނައަށް ޖެހިލައިފަ އެވެ. އަންމަޑޭ އާއި އޭނާގެ ބޭބެ ޗިކާ 2060 ޕޮއިންޓާ އެކު ތިންވަނަ އަދި 1950 ޕޮއިންޓާ އެކު ހަތަރުވަނައިގައި މަގާމް ދެމެހެއްޓި އިރު، 1730 ޕޮއިންޓާ އެކު އެއްވަނައިގައި އޮތް ނަޖާހު މުހައްމަދު (ކަބޯ) މުބާރާތުގައި ވާދަ ނުކުރާތީ ވަނީ ފަސްވަނައަށް ވެއްޓިފަ އެވެ.