އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒު، ޔޫތު މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރުކަށް އައްޔަންކޮށްފި އެވެ.
މިހާރު 10 ޑެޕިޔުޓީ މިނިސްޓަރުން އައްޔަންކޮށްފައިވާ، ޔޫތު މިނިސްޓްރީގެ މަގާމަށް ޖަވާޒު އައްޔަން ކުރި ކަމެއް ސަރުކާރުން ހާމަކޮށްފައެއް ނެތެވެ. ނަމަވެސް ޖަވާޒު ވަނީ އޭނާ އެ މަގާމަށް އޭނާ އައްޔަން ކުރައްވާފައިވާކަން ހާމަ ކުރައްވައިފަ އެވެ.
އެފްއޭއެމްގެ އެކި މަގާމުތައް، ގާތްގަނޑަކަށް 25 އަހަރު ވަންދެން އަދާ ކުރެއްވި، ޖަވާޒު އެ އެސޯސިއޭޝަނުން އިސްތިއުފާ ދެއްވީ ނޮވެމްބަރު މަހު އެވެ. ޖެނެރަލް ސެކްރެޓަރީގެ މަގާމުން ޖަވާޒު އިސްތިއުފާ ދެއްވި އިރު އޭނާ އަށް ވެސް ހަ މަސް ދުވަހުގެ މުސާރަ ނުދީ އޮތެވެ.
މަނީ ލޯންޑަރިން އާއި ކޮރަޕްޝަންގެ މައްސަލަތައް އެ އެސޯސިއޭޝަންގެ ވެރިންގެ މައްޗަށް އޭރު ކުރެވިފައި އޮތް އިރު އެ އެސޯސިއޭޝަންގެ ގިނަ މުވައްޒަފުންތަކަކަށް މުސާރަ ނުދެ އެވެ.
މެލޭޝިއާގެ ލިމްކޮކްވިން ޔުނިވަސިޓީ އޮފް ކްރިއޭޓިވް ޓެކްނޮލޮޖީން ބިޒްނަސް އެޑްމިނިސްޓްރޭޝަން އެންޑް ސްޕޯޓްސްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކޮށްފައިވާ ޖަވާ އަކީ އެފްއޭއެމަށް އިންތިހާބުން އެގްޒެކެޓިވް ކޮމިޓީ ހޮވަން ފެށީންސުރެ އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީކަން އެންމެ ގިނަ ދުވަހު ކުރެއްވީ ސްޕޯޓްސް އެޑްމިނިސްޓްރޭޓާ އެވެ.
އެފްއޭއެމްގެ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދެ ދައުރުގައި ވެސް ޖެނަރަލް ސެކްރެޓަރީކަން ކުރެއްވި ޖަވާޒު ވަނީ އެ އެސޯސިއޭޝަނުގެ ކުރީގެ ރައީސް އިލްހާމް އަހްމަދުގެ ދައުރުގެ ފަހުކޮޅުގައި ވެސް އެ މަގާމު އަދާ ކުރައްވައިފަ އެވެ.