ނިމިދިޔަ 20 ވަނަ ގަރުނުގެ ކުރީކޮޅުގައި، ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި، މާކްސިސްޓް އަސާސްތަކުގެ މައްޗަށް އުފަންކުރެވުނު އިގްތިސާދުތައް މިއަދު ވަނީ މާޒީއަށް އޮބައި ގެއްލިފަ އެވެ. އަދުގެ ދުނިޔޭގައި، ނޯތުކޮރެއާ ފިޔަވައި ހުރިހާ ގައުމެއްގައި ވެސް، ތަފާތު ބައްޓަމަށް ނަމަވެސް، ގާއިމުކުރެވިފައި ވަނީ ޖުމްލަކޮށް ކެޕިޓަލިސްޓް، 'މިނިވަން ވިޔާފާރި' ނިޒާމުތަކެކެވެ.
މިނިވަން ވިޔާފާރި ނިޒާމެއްގައި، ހިދުމަތް ލިބޭ މީހާ އާއި ހިދުމަތް ހޯދާމީހާއާ ދެމެދުގައި މުއާމަލާތް ހިނގާނީ މިނިވަން ކަމާއެކުގައެވެ. ކޮންމެ ދުވަހަކު، އެތައް ލައްކަ ފަހަރަކު، އަޅުގަނޑުމެންގެ މި ކުޑަ އިގްތިސާދުގައި ވެސް، މިނިވަން އެތަކެއް ވިޔާފާރިތަކެއް ދަނީ ހިނގަމުންނެވެ. ނޫޑްލިސާއި ކޯސްޓް ދަޅާއި، ލޯޝަނާއި ޝޭމްޕޫ ގަތުމަކަށް ސަރުކާރުގެ އެހީ ހޯދާކަށް ނުޖެހެ އެވެ. ރައްޓެހިންނާ އެކު ކޮފީމޭޒުގައި އިނުމަށް ފަހު ބިލުކަނޑާކަށް ފުލުހެއްގެ އެހީ ހޯދާކަށް ނުޖެހޭނެއެވެ.
ވިޔާފާރި މުއާމަލާތެއްގެ މެދުގައި ފުލުހުން ގެންގުޅެން ޖެހެނީ، އެ ވިޔަފާރިގައި މިނިވަން ކަމާއެކު ބައިވެރިވުމުގެ މަގު، ކޮންމެވެސް ސަބަބަކާ ހެދި ބަންދުވެފައި ވުމުގެ ސަބަބުންނެވެ. އެ ވިޔަފާރިއެއް ރެގިޔުލޭޓް ކުރުމަށް ހެދިފައިވާ ގަވާއިދުތަކާއި އަސާސްތައް، ވެށީގެ ހާލަތާ ނުބައްދަލު ވުމުގެ ސަބަބުންނެވެ.
ޑޮލަރު ވާހަކަ
ޑިމާންޑް އެންޑް ސަޕްލައިގެ އަސާސްތަކުގައި ރާއްޖޭގެ އިގްތިސާދަށް ހާއްސަ އިސްތިސްނާތަކެއް އެކުލެވިފައެއް ނުވެ އެވެ. އިގްތިސާދީ އަސާސަކީ ޑިމާންޑަށް ވުރެ ސަޕްލައި މަދުވުމުން، އެ މުދަލެއް ނުވަތަ ހިދުމަތެއްގެ އަގުބޮޑުވުމެވެ. ރާއްޖޭގެ އިގްތިސާދަށް ބޭނުންވާ އަދަދަށް ރާއްޖޭގެ ބޭންކިން ނިޒާމުގެ ހަފޮޅުން އެތެރެއަށް ޑޮލަރު ވެއްދުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން، އަޅުގަނޑުމެންގެ މި އިގްތިސާދުގައި ޑޮލަރުގެ އަސްލު އަގު ކަނޑައަޅަނީ ކަޅު ބާޒާރުގަ އެވެ.
ރާއްޖޭގެ އިގްތިސާދަށް ވަންނަ ޑޮލަރު ވަންނަނީ، ވިސާ ނެތި ބާޒާރުމަތީގައި އުޅޭ ބިދޭސީއެއްގެ އަންބޮޑިއަކަށް ނޫނެވެ. އެކަލޭގެއަކީ، އޮއި މައްޗަށް ދޫކޮށްފައި ހުރި ނަނެއްގައި އަޅާފައިވާ އެންގަނޑެކެވެ. އެކަލޭގެ ހިފަހައްޓައި، އޭނާ ޑިޕޯޓްކޮށް ހުރިހާ ނޫހެއްގައި ފޮޓޯ ޖެހުމަކުން މައްސަލައެއް ހައްލެއް ނުވާނެ އެވެ. މާދަމާ ކޮންމެވެސް އެހެން މީހަކު ލައްވައި ނަނުގެ ކޮޅުގައި ނަރު ލާފައި އެންގަނޑު ދޫކުރާނީ އަޑިއަށެވެ.
ރާއްޖޭގައި ޑޮލަރުގެ ކަޅުބާޒާރު އުފެދޭ އަސާސް ހައްލުނުކޮށް، ފިޔަވަޅު އަޅަމުން ގެންދިޔަ ވަރަކަށް، އެ ބާޒާރުގެ ކަޅުކަމާއި އަނދިރިކަން ދާނީ އިތުރުވަމުންނެވެ. މުއާމަލާތްތައް ހިންގާނީ އިހުނަށް ވުރެ ފުނުގަ އެވެ.
އެއާޕޯޓް ޓެކްސީގެ ވާހަކަ
ޑޮލަރުގެ މައްސަލައަކީ، ޑޮލަރުގެ ރަސްމީ ސަޕްލައި އަށް ވުރެ ޑޮލަރުގެ ޑިމާންޑު ބޮޑުވުމުގެ މައްސަލައެއް ކަން ދިރާސާތަކުން އެނގެ އެވެ. ހައްލުކުރުމަށް އަޅަން ވީ ފިޔަވަޅުތައް ވެސް، އެންމެންނަށް ވެސް އެނގޭ ވެސް މެ އެވެ. ނަމަވެސް، އެއާޕޯޓް ޓެކްސީތަކުގެ މައްސަލަ ފެންމަތި ވެގެން މިއުޅެނީ ކިޔެއްވެގެންކަން ދަންނަވަން އަޅުގަނޑަށް ނޭނގޭ ކަމުގައި ފުރަތަމައިންނުން ވެސް ދަންނަވަން ބޭނުމެވެ.
އެހެނަސް، ދިރިއުޅުމަށް ކުރާ ވިޔާފާރިއެއްްގެ ގޮތުގައި ޓެކްސީ ހިދުމަތް ދޭ ފަރާތްތަކުން، އެ ހިދުމަތް ދިނުމަށް ދެކޮޅު ހަދަނީ ނަމަ، ހިދުމަތް ރެގިޔުލޭޓް ކުރުމަށް ރޭވިފައިވާ އުސޫލުތަކުގައި ފުށުއެރުންތަކެއް އުޅެނީ ކަމުގައި ގަބޫލުކުރެވެ އެވެ.
އެއާޕޯޓް ޓެކްސީ މައްސަލަ ހައްލުކުރުމުގައި ފުރަތަމަ ދެނެގަތުން މުހިންމީ، މައްސަލަދިމާވާން ޖެހޭ ސަަބަބުތަކެވެ. އަގުތައް ކުޑައީ ކަމެއް، ޓެކްސީތައް މަދީ ކަމެއްް، ޕަބްލިކް ޓްރާންސްޕޯޓް ނެތީ ކަމެއް، ރައްޔަތުންގެ ޝަކުވާ 'ދޮށީ' ކަމެއް ނުވަތަ 'މިކްސްޑް މައްސުންޏަކަށް' ބަދަލުވީ ކަމެއް ދަންނަވާކަށް ނޭނގެ އެވެ.
ދަންނަވަން އެނގޭ އެއްޗަކީ، ވިޔަފާރީ މުއާމަލާތެއްގެ މެދަށް ފުލުހުން ވައްދަން ޖެހިއްޖެ ނަމަ، އެ މުއާމަލާތް ބައްޓަން ކުރެވިފައިވާ ގޮތުގައި މައްސަލަތަކެއް އުޅޭނޭ ކަމެވެ. އެނގޭނީ ހޯދައި، ބަލައި، ދަސްކުރީމެވެ. ސަބަބުތައް ދެެނެގަތުމުގެ ކުރިން މިނިސްޓަރުންނާއި ޑްރައިވަރުން ހޫނުބަސް ބުނެ، ސުރުހީ ހެދުމުން މައްސަލަ ވާނީ ގޯހެވެ.
މަހަށް ނުކުމެ އަޑިއަށް ދޫކޮށްފައިވާ ހިމަ ކަންވާރެއްގައި މުޑަހަންޖެއް ޖެހުމުން، މޮޅުބަސް ބުނެ، މުލައްދަނޑިން ނާރު ނެގުމަކުން، 60ގެ ކަންވާރެއްގައި ޖެހިފައި ހުރި މުޑަހަންޖެއް ތިލައެއް ނުކުރެވޭނެ އެވެ. މިފަދަ ހާލަތްތަކުގައި ނަތީޖާ ރަނގަޅު ކުރެވޭނީ، ކެތްތެރިކަމާއި ވިސްނުންތެރި ކަމާއެކު އަމަލުކޮށްގެންނެވެ.