ބޭރުގެ ކޮންޓްރެކްޓަރުން ކޮންމެ މަހަކު ދައްކަން ޖެހޭ ވިތުހޯލްޑިން ޓެކްސް 10 ޕަސެންޓުން ފަސް ޕަސެންޓަށް ކުޑަކުރަން ނިންމައިިފި އެވެ.

މިދިޔަަ އޭޕްރީލް މަހު މަޖިލީހަށް ހުށަހެޅި އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން ވިތުހޯލްޑިން ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ އިން ކޮންމެ މަހަކު ދައްކަން ޖެހޭނީ އާމްދަނީގެ ފަސް ޕަސެންޓެވެ.

މި ބަދަލާ ގުޅިގެން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލު ވިދާޅުވީ، އެ ބަދަލު ގެނައި ނަމަވެސް ދައުލަތަށް ލިބޭ ޓެކްސްގެ އާމްދަނީ އަށް އަސަރެއް ނުކުރާނެ ކަމަށެވެ. ވިތުހޯލްޑިން ޓެކްސްގެ ގޮތުގައި ވިޔަފާރިއަކުން އަހަރު ނިމޭ އިރު ލިބޭ އާމްދަނީން ކަނޑައެޅިފައިވާ ވަރަށް ވުރެ އިތުރަށް ފައިސާ ދައްކައިފި ނަމަ އެ އަދަދު އެއްފަހަރާ ސަރުކާރުން ދައްކަން ޖެހޭނެ އެވެ. އަދި ވިތުހޯލްޑިންގެ ގޮތުގައި ވިޔަފާރިތަކުން މަދުން ފައިސާ ދައްކައިފި ނަމަ، އަހަރު ނިމުމުން އެ ފައިސާ ދައްކަން ޖެހޭނެ އެވެ.

އިންކަމް ޓެކްސްގެ ގާނޫނާ އެކު ވިތުހޯލްޑިން އަށް ބަދަލު ގެނެސްފައިވާ އިރު ފަތުހުﷲ ވިދާޅުވީ، ފަސް ޕަސެންޓް ވިތުހޯލްޑިން ޓެކްސްގެ ގޮތުގައި ދެއްކުމަކީ ރަނގަޅު އަދަދެއް ކަމަށެވެ. އޭނާ ވިދާޅުވީ، މިހެން ވުމުގެ ސަބަބުން ވިޔަފާރިތަކަށް ކޮންމެ މަހަކު ކޭޝްފްލޯ ހަމަޖެއްސުމަށް އިތުރު ފައިސާ ހުންނާނެ ކަމަށެވެ.

މީގެ ކުރިން ވިތުހޯލްޑިން ޓެކްސްގެ ގޮތުގައި އާމްދަނީން 10 ޕަސެންޓް ޓެކްސްގެ ގޮތުގައި ދައްކަން ޖެހެ އެވެ. އާމްދަނީން ޓެކްސް ދެއްކުމުގެ ގާނޫނަށް ދެން އިތުރު ކުރެވިފައި ވަނީ ޓެކްސް ދެއްކުމާ ގުޅޭ ގަވައިދުގައި ހުރި ގިނަ ކަންތަކެވެ.

ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު ހުށަހެޅުއްވި މި ބިލްގައި ހިމަނާފައިވާ އިތުރު ކަންކަމުގެ ތެރޭގައި ގާނޫނާ ހިލާފަށް ނުވަތަ ހުއްދަ ނޫން ގޮތަކަށް ލިބޭ މުދަލާއި ފައިސާ އިން ވެސް ޓެކްސް ނެގޭނެ އެވެ. އަދި ލިބިފައިވާގޮތް ނުވަތަ ހޯދި ގޮތް ސާބިތުކޮށްނުދެވޭ ފައިސާ އާއި، އިންވެސްޓް ކުރަން ނުވަތަ ހަރަދު ކުރަން ފައިސާ ލިބުނުގޮތް ސާބިތު ކޮށްނުދެވޭ އިންވެސްޓްމެންޓްތަކާއި އެންމެހާ މުދަލުން ވެސް ޓެކްސް ދައްކަން ޖެހޭނެ އެވެ.