ނިމިގެން ދިޔަ އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގައި ވާދަކުރި، އުމުރުން އެންމެ ހަގު ސްކޫލަކީ ފިންލެންޑް އިންޓަނޭޝަނަލް ސްކޫލެވެ. ސްކޫލްގެ އުމުރުން ހަތަރު އަހަރުގައި، ފުރަތަމަ ފަހަރަށް ބައިވެރިވި އިންޓަ ސްކޫލް މުބާރާތުގައި ވާދަކޮށް އެ ސްކޫލްގެ އަންހެން ޓީމުން ވަނީ 13 އަހަރުން ދަށުގެ އުމުރުފުރާގެ ދެވަނަ ހޯދައިފަ އެވެ.
އިންޓަ ސްކޫލްގެ އުމުރު ފުރާތަކުން ކާމިޔާބު ހޯދި ގިނަ ސްކޫލްތަކަކީ، އެ މުބާރާތުގެ ތާރީހުގައި މީގެ ކުރިން ވެސް ވިދުން ގަދަ ސްކޫލްތަކެކެވެ. ފިންލެންޑް ސްކޫލްގެ ޑައިރެކްޓާ އޮފް އެޑްމިނިސްޓްރޭޝަން ޖުނާދު އިބްރާހިމް ވިދާޅުވީ އެ ސްކޫލުން އިސްކަން ދެނީ ޓީމެއްގެ ގޮތުގައި ހޯދާ ކާމިޔާބަށް ކަމަށެވެ.
"އިންޑިވިޖުއަލް ވަކި ކުއްޖަކު ވާދަކޮށް ހޯދާ ކާމިޔާބަށް ވުރެ އަޅުގަނޑުމެން ބާރު އަޅަނީ ޓީމެއްގެ ގޮތުގައި ގޮސް ވާދަކޮށް ކާމިޔާބު ހޯދަން،" ޖުނާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެކަޑަމީތަކުގައި ވަކިވަކިން ޓްރޭނިން ހަދަމުން އަންނަ އެ ސްކޫލްގެ ބައެއް ދަރިވަރުންގެ އެދުމުގެ މަތިން އިންޓަ ސްކޫލް މުބާރާތުގައި ބައިވެރިވާން ނިންމީ އެ ކުދިންނަށް ފުރުސަތުތަކެއް ހޯދައިދިނުމުގެ ގޮތުންނެވެ.
"އެ ކުދިންގެ ބެލެނިވެރިން އަޅުގަނޑުމެންގެ ކައިރިން އެދުނީ ސްކޫލްގެ ނަމުގައި ބައިވެރިވާން. ބެލެނިވެރިންގެ އިސްނެގުމުގެ މަތިިން އަޅުގަނޑުމެން މުބާރާތުގައި ވާދަކޮށް ލިބުނު ކާމިޔާބާ މެދު ހިތްހަމަ ޖެހޭ،" އޭނާ ވިދާޅުވި އެވެ.
ޖުމުލަ 24 ދަރިވަރުންނާއެކު ފިނެލެންޑް ސްކޫލުން އިންޓަ ސްކޫލް މުބާރާތަށް ތައްޔާރުވާން ފެށީ، ކޯޗެއްގެ ގޮތުގައި އެއްވަނަ ދުވުންތެރިޔާ ހަސަން ސާއިދު ހަމަޖެއްސުމަށް ފަހު އެވެ. ސާއިދު ބުނީ ވަރަށް ހުނަރުވެރި އެތުލީޓުންތަކެއް ފިންލެންޑް ސްކޫލުގެ ޓީމުގައި ހިމެނޭ ކަމަށެވެ. އެ ޓީމު މުބާރަތަށް ތައްޔާރުވާން ފެށީ ކުޑަ އީދު ނިމި ހަ ރޯދަ ވެސް ނިމުނު ފަހުންނެވެ.
"ކުރު މައްދަތުގެ ޓްރޭނިންތަކަކުން މި ކުދިން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައި. ވަރަށް ޕޮޓެންޝަލް ހުރި އުމުރުން ހަގު އެތުލީޓުންތަކެއް އެބަތިބި މި ޓީމުގައި،" އޭނާ ބުންޏެވެ.
އެ ސްކޫލުން ވާދަކުރި ދަރިވަރަކު ވަނީ އިންޓަ ސްކޫލްގެ ރެކޯޑްތަކެއް މުގުރާލައިފަ އެވެ. ސްކޫލްގެ ބެލެނިވެރިޔަކު ބުނީ މުޅިން އަލަށް ކުޅިވަރު މުބާރާތެއްގައި ވާދަކޮށް ހޯދި ކުރިއެރުމަކީ ނިސްބަތުން ބޮޑު ކާމިޔާބެއް ކަމަށެވެ.